ރަށުން ތައުލީމު ލިބުނު ނަަމަ މާލެ ނައީމުހެވެ.
އަމިއްލަވަޒަން ދޫކޮށް ހިޖުރަ ނުކުރީމުހެވެ!
މައިންބަފައިންނާއި އާއިލާއާ ވަކިން އުޅެން ވެރިރަށަށް ބަދަލުނުވީމުހެވެ!
ޅަފަތުގެ ރައްޓެހީންނާއި ރަހުމަތްތެރީންނާއި އެކުވެރީން ދޫކޮށް ގަދަ ދަތުރަކަށް ނުފުރީމުހެވެ!
އެހެން ނުވިނަމަ…
ހަޔާތުގެ ރީތި ދުވަސްތައް އަލިފާންފޮށްޓެއްގެ ތެރެއަށް ފައްތަން ނުޖެހުނީހެވެ!
ރަށުގެ ހިތްގައިމުކަމުގައި ރާޅުތަކުގެ ނާނާގެ އަޑު އަހަން އިނދެވުނީހެވެ!
ހިމޭންކަމުގައި ނޭވާތައްލެވުނީހެވެ!
އެހެނަސް… އެހެންވެއްޖެއެވެ!
އެނބުރިދިޔުމަކުން ދެން ލިބޭނެ ހިތްހެޔޮ ހެވެއް ނެތެވެ!
ރަށްވަނީ ބީރައްޓެއްސަކަށް ވެފައެވެ!
ނުދަންނަ ރަހުމަތްތެރިޔަކަށް ވެފައެވެ!
ފިކުރުކޮށްލުމުން ހިތަށް ވަންނަނީ އެންމެ ޚިޔާލެކެވެ!
އައުކޮށްދެނީ އެންމެ އުންމީދެކެވެ!
ބަޔާންކޮށްދެނީ އެންމެ ތަރުޖަމާއެކެވެ!
ކޮންމެ ތަނަކީ ވެސް ދުނިޔެއެވެ!
ކޮންމެވެސް ބިމަކު ވަޅުލެވޭނެއެވެ!
