Support Us

ރާއްޖެ މަސައްކަތްކުރާނީ ޢަރަބި އިސްލާމީ ޤައުމުތަކާއެކު، އެކަތިގަނޑެއްގެ ގޮތުގައި: ރައީސުލްޖުމްހޫރިއްޔާ

މެދުއިރުމަތީގެ ހަމަނުޖެހުމުގެ މި ދަނޑިވަޅުގައި، ދިވެހިރާއްޖެއިން މަސައްކަތްކުރާނީ ޢަރަބި އިސްލާމީ ޤައުމުތަކާއެކީ، އެއް ބްލޮކެއްގެ ގޮތުގައި، އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއިން ޢަރަބި އިސްލާމީ ޤައުމުތަކާއެކުގައި އެއްރޫޙެއްގައި އެކުގައި މަސައްކަތްކުރައްވާނެކަން ފާހަގަކުރެއްވިއެވެ. އަދި މި ހަނގުރާމައަކީ އިސްލާމީ އުންމަތަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތާމައެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަމަލާތައް ދިނުން ކުށްވެރިކުރައްވައި، މި ހަނގުރާމައިގައި ގެއްލޭ ކޮންމެ މުސްލިމް ފުރާނައަކީ އިސްލާމީ އުންމަތަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިރާނުން ދެމުންދާ ޙަމަލާތަކާއި ގުޅުވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރޭގެ ވަގުތެއްގައި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ރައީސަށް ފޯނުން ގުޅުއްވައި، ދިވެހިރާއްޖޭގެ ތާއީދު ފާޅުކުރައްވައި، ދިވެހި ރައްޔިތުން އެބޭފުޅުންނާއި އެކުގައި ތިބިކަން ދަންނަވާފައިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު މެންދުރުފަހު އިތުރު ޤައުމުތަކުގެ އިސްވެރިންނަށް ގުޅުއްވައި، ދިވެހިރާއްޖޭގެ ތާއީދުފާޅުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާ، ޤަތަރު، ބަހްރެއިން އަދި އޮމާންގެ އިސްވެރިންނަށް ގުޅުއްވައި ދިވެހި ރައްޔިތުން ތިބީ އެ ހުރިހާ ޤައުމުތަކެއްގެ ރައްޔިތުންނާއި އެކުގައިކަން ހާމަކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވަހަކަފުޅުގައި ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ހަނގުރާމައިގައި ރާއްޖެއަށް އޭގެ އަސަރު މި ކުރަނީ، ރާއްޖެއަކީ ފަތުރުވެރިކަމަށާއި އަދި ކާބޯތަކެއްޗާއި ތެލަށް، މެދުއިރުމައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާތީ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ މަސްލަޙަތު ހިމާޔަތްކުރުމުގެ ގޮތުންވެސް ވަރަށްގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ހާމަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *