ސައޫދީ އަރަބިއްޔާގެ މައްކާ އާދަޔާހިލާފަށް ހޫނެވެ. ހަނަފަސް ސަހަރާއަކަށްވާތީ ބައެއް ފަހަރު ހޫނުމިން ނިސްބަތުން 45 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ ވެސް މައްޗަށް ދެއެވެ.
މިހާ ހޫނުގަދައިރު ވެސް ހަރަމްފުޅުގައި ތޮވާފުކުރާ ތަޅުން ފިނިކޮށް އޮންނަނީ ކީއްވެ ހެއްޔެވެ؟ މިއީ އުމްރާނީ ގޮތުން ބަލާއިރު ހާއްސަ ގޮތަކަށް ތަޅުން ފަރުމާކޮށްފައިވާތީ ވާ ގޮތެކެވެ.
ތަޅުމުގެ އެންމެ މަތީ ފަށަލައަކީ ހާއްސަ ހުދު ސަންގުމަރުމަރު ހިލައިން ހަދައިފައިވާ ފަށަލައެކެވެ. އަދި އެއީ އާދައިގެ ސަންގުމަރުމަރު ހިލައެއް ނޫނެވެ. ނަމަވެސް ވަރަށް މަތީ ކޮލިޓީއެއްގެ ސަންގުމަރުމަރު ހިލައެވެ. އެ ސަންގުމަރުމަރު ހިލަ ހިޔާރުކޮށްފައިވަނީ ހޫނުކަން މަޑުކޮށްދޭތީއެވެ.
ތޮވާފުކުރާ ތަޅުން ހަދައިފައިވާ ގޮތް:
- އެންމެ މަތީ ފަށަލަ:
މިއީ ގްރީސްގެ އެންމެ އުތުރުގައި އޮންނަ ޖަޒީރާ ކަމަށްވާ ތަސޮސްއިން ސައުދީއަށް އިމްޕޯޓްކޮށްފައިވާ ހާއްސަ އަދި އޮފުކޮށްފައިވާ ހުދު ސަންގުމަރުމަރު ހިލައެވެ. އެ ހިލައިގައި "ޕޯ" ނުވަތަ ލޯވަޅު ހުރެއެވެ. ރޭގަނޑުގެ ވަގުތުގައި ވައިގައި ހުންނަ ތެތްކަން އެ ލޯވަޅުތަކުން ހިލައިގެ ތެރެއަށް ދަމައެވެ. އަދި މިހެންވެ، ދުވާލު އާދަޔާހިލާފަށް ހޫނަސް، އެ ހިލަ ހުންނަނީ ފިނިކޮށެވެ.
- ދެވަނަ ފަށަލަ:
ސަންގުމަރުމަރު ހިލައިގެ ދަށުގައިވަނީ ހާއްސަ އިންސިއުލޭޝަން ފަށަލައެއް ލައިފައެވެ. ބޭނުމަކީ ބިމުން މައްޗަށް އަރާ ހޫނުކަން ބިމުގެ މައްޗަށް ފޯރިޔަނުދިނުމެވެ.
- ތިންވަނަ ފަށަލަ:
އަޅުކަންކުރާ އެތައް މިލިއަން މީހުންގެ ބަރުދަން ހިފެހެއްޓުމަށް ވަނީ ވަރުގަދަ ކޮންކްރީޓް ބިންގަލެއް އިންސިއުލޭޝަން ފަށަލައިގެ ދަށުގައި ލައިފައެވެ. އެއިން ކަށަވަރުކުރަނީ ތަޅުމުގެ ސްޓްރަކްޗަރު ވަރުގަދަކޮށް ދެމެހެއްޓުމެވެ.
- އެންމެ އަޑީގެ ފަށަލަ:
ފިނިކުރަން ވައި ދައުރުކުރާ ނިޒާމެއް ވަނީ ކޮންކްރީޓް ބިންގަލުގެ ދަށުގައި ލައިފައެވެ. މި ހޮޅިތައް އަތުރައިފައިވަނީ ބިންގަލުގެ ބައެއް ތަންތާނގައެވެ. ބޭނުމަކީ ބިންގަނޑު ފިނިކޮށް ބެހެއްޓުމެވެ.
ތޮވާފުކުރާ ތަޅުން ހާއްސައީ ކީއްވެ؟
ބައެއް ފަހަރަށް މައްކާގައި ބޭރުތެރޭގެ ހޫނުކަން 45 ޑިގްރީ ސެލްސިއަސްއަށްވުރެ ވެސް މައްޗަށް ދިޔަ ނަމަވެސް ސަންގުމަރުމަރު ހިލައިގެ ތަޅުމުގެ ސަބަބުން ތޮވާފުކުރާ ސަރަހައްދު އިހްސާސްކުރެވެނީ ފިނި ސަރަހައްދެއްގެ ގޮތުގައެވެ. އެއީ ގަދަ އަވީގައި ނަމަވެސްމެއެވެ. މިހެންވެ، އަޅުކަންކުރާ މީހުންނަށް އަރާމުކަމުގައި ތޮވާފުކުރެވެއެވެ.



advertisment