Support Us

ހިނގުމުގެ އާދަ އަށަގެންނުވުމުގެ މުހިންމުކަން

ނަފުސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމަށް ގިނަބަޔަކު އަންނަނީ ހޭލުންތެރިވަމުންނެވެ. ނަމަވެސް މީހުންނަށް ނަފުސާނީ ދުޅަހެޔޮ ސިއްހަތެއް ގާއިމުކުރުމަށް ކުރަން ޖެހޭ ކަންކަމާ ބެހޭ ގޮތުން އެނގެނީ ވަރަށް ކުޑަ މިންވަރެކެވެ. ޑިޕްރެޝަން ނުވަތަ އެންޒައިޓީ ހުންނަ ކަމަށް ފާހަގަ ވެއްޖެނަމަ ތެރަޕިސްޓެއްގެ ކައިރިއަށް ގޮސް މީހާގެ ހަޔާތުގެ ފަލްސަފާ ކިޔައިދިނުމުން ނަފުސާނީގޮތުން ވާ އުނދަގުލަށް ލުޔެއް ލިބޭނޭ ކަމަށް އެންމެނަށް ގަބޫލުކުރެވެއެވެ. ނަމަވެސް ނަފުސާނީ ދުޅަހެޔޮކަމަށް އޮތް އެންމެ ބޮޑު އެއް ޝިފާއަކީ ކޮންމެ ދުވަހަކު ހިނގައިލަން ދިޔުމޭ ބުނެފިއްޔާ ގަބޫލުކުރާނީ ކިތައް މީހުން ހެއްޔެވެ؟

މިއީ ތެދެކެވެ. ހިނގުމަކީ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އަހަރެމެންނަށް ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ. ނަމަވެސް މިއީ އަހަރުމެންނަށް ނުވާ ކަމެކެވެ. މިހެންވަނީ މިއަދު ދިރިއުޅުމުގެ އާދަކާދަ ހުރިގޮތުންނެވެ. މިއަދު އަހަރުމެން ދުވަހުގެ ގިނަ ވަގުތު ހޭދަކުރަނީ އިށީނދެތިބެއެވެ. ވަޒީފާ އަދާކުރަނީވެސް ގޮނޑިއެއްގައި އިނދެއެވެ. ދަތުރުކުރަނީ ސައިކަލެއްގައި ނުވަތަ ކާރެއްގައި ނުވަތަ ބަހުގައެވެ. ބުރަ މަސައްކަތް ނިންމައިފައި އަރާމުކޮށްލަން ޖައްސައިލަނީ ގޭގެ ސޯފާގައެވެ. ނުވަތަ އެނދުގައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުގެ ތެރޭގައި ހާސްކަމާއި، ނުތަނަވަސްކަމާއި، ނަފުސާނީ ބަލިތައް ދަނީ އިތުރުވަމުންނެވެ. ތަކުރާރުކޮށް އެއް ވިސްނުމަކަށް މިހާގެ ސިކުނޑި ގޮސް މީހާގެ ނަފުސު ހަރާބުކޮށްލަން ފުރުސަތުލިބެއެވެ.

އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ ހަރަކާތްތެރިވުމަށެވެ. މިއީ އެތައް ގަރުނެއްގައި އިންސާނުން ދިރިއުޅުން ވޭތުކުރަން ޖެހުނު ގޮތުން ހަށިގަނޑު ބައްޓަންވެފައިވާ ގޮތެވެ. ކުރީގައި ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް ފުއްދުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ގިން ހަރަކާތްތަކެއް ކުރަން ޖެހެއެވެ. ރާއްޖޭގައި ގިނަބަޔަކު ދުވަސްއެކުގައި ހޭދަކުރަނީ ކަނޑުމަތީގައެވެ. އަންހެނުން ހެލިފެލިވެ ގޭގައި ކައްކަން ދަރުހޮވައި، މަދުހޮވައި، ބޮލިހޮވައި، އުޅުނީ ހަލުވި ކޮށެވެ. ނަމަވެސް މިއަދު އަހަރެމެންގެ ދިރިއުޅުމުން މި ހަރަކާތްތެރިކަން ވަނީ އެއްކޮށް ގެއްލިފައެވެ.

ހިނގުމުގެ ސަބަބުން ހަށިގަނޑުގެ ނާރުތަކުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އާދެއެވެ. ބޭރުތެރޭގައި ހިނގާލުމުން ނޭވާލުމަށް ލުއިވެ، ލޭދައުރުވުން ރަނގަޅުވެ، ސިކުނޑީގެ މަސައްކަތްތައް ތަރުތީބުވެގެންދެއެވެ. ގިނަ ފަހަރަށް، ހިނގާލުމަށްފަހު ހިތަށް އުނދަގޫކުރާ ކަންތައްތަކަށް ހައްލު ހޯދަން ފަސޭހަވެ، ހެޔޮ ވިސްނުން ލިބި، ނަފުސު ހަމައަކަށް އެޅެއެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގޮތުން މީހުން ވާހަކަ ދައްކާއިރުގައި އަބަދުވެސް ވިސްނަނީ އެއީ ސިކުނޑިއާ ގުޅިފައިވާ ކަމެއް ކަމުގައެވެ. ނަމަވެސް ނަފުސުގެ ދުޅަހެޔޮކަމާ ހަށިގަނޑާވާ ގުޅުން ވަނީ އެތައް ދިރާސާއަކުން ސާބިތުވެފައެވެ. ހަށިގަނޑަށް ލިބޭ ކާނާއާ، ފުރިހަމަ ނިންޖާ، އުމުރުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރެއެވެ. ހަށިގަނޑަށް ލިބޭ ނުވަތަ ނުލިބޭ ހަރަކާތްތަކުގެ ސަބަބުން، ހާސްވެ ހިތުގެ ތެޅުން އަވަސްވެ، މަސްތައް ގަނޑުވާގޮތް ދިމާވެއެވެ. މިކަންކަމަށް ނަފުސާނީ ބޭސްތަކެއް ނުނަގައި، ހިނގައިލަންދާން ފެށުމުން ހަށިގަނޑުގައި އުފެދިފައި ހުންނަ ނުތަނަވަސްވެރިކަން ބޭރުވާން ފުރުސަތު ލިބެއެވެ. މީހުންނާ ވާހަކަ ދެއްކުމަކީ ނެތްކަމެއް ނޫނެވެ. ނަމަވެސް ހިނގައިލާ ގަޑީގައި މީހާގެ ސިކުނޑީގައި ހަރުލައިފައިވާ ހުންނަ ކަންކަމަށް އަމިއްލައަށް ހައްލު ލިބި، ތަކުރާރުކޮށް ވިސްނަން ބިތްޖެހިފައި އިނުމުން ލިބޭ ނަފުސާނީ ތަކުލީފާދުރުވެއެވެ. ހިނގައިލަން ނުކުތުމުން، ތާޒާ ވައިލިބި، ގުދުރަތީ މަންޒަރުތައް ފެނި، ނިދި ރަނގަޅުވެ، މޫޑު ރަނގަޅުވެގެން ދާކަމީ ދިރާސާތަކުން ސާބިތުވެފައިވާ ކަންކަމެވެ. ހިނގުމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނަސް، މިއީ އާދަޔާހިލާފު ހެޔޮ ނަތީޖާތަކެއް މީހާއަށް ލިއްބައިދޭ ކަމެކެވެ.

ގިނަބަޔަކަށް ހިނގުމުގެ އާދަ މިހާރު އަށަނުގެންނުވިގެން އުޅެން ޖެހޭ އެންމެ ބޮޑު ސަބަބަކީ އެކަން ބޮޑުކަމަކަށް ހަދައިލާތީއެވެ. އާދަވެ ނުކުރާ ކަމެއް ކުރަން ބޮޑު ހަރަދެއްކޮށް ހިނގަން ދާން ލާނޭ ވަކި ހެދުންތަކެއް ގަނެ، ޖިމްއަކަށް ލާރިދައްކާ، ދުވާ ބޫޓުގަނެ ހަދައިގެން 5000 ސްޓެޕް ހަމަކުރަން ނުކުތުމުން ކާމީޔާބީއަށް ވުރެން ގާތީ ނާކާމިޔާބީއެވެ. ނަމަވެސް މަޑުމަޑުން ދުވަހުގެ ޝްޑިއުލުގެ ތެރެއިން މިކަން ކުރަން ވިސްނައިފިނަމަ މިކަން ކުރެވިދާނެއެވެ. މާގިނައިރަށް ހިނގަން ނަހަދަ ދުވާލަކު އެންމެ 5 މިނެޓަށް ހިނގަން ކަނޑައަޅާށެވެ. އުނދަގުލެއް ނެތި ފަސޭހައިން ކުރެވޭ ގޮތަކަށް އެކަން ރާވާށެވެ. ތިރީގައި އެވަނީ މަޑުމަޑުން އެކަމަށް ހޭނެން ކުރެވިދާނޭ ކަންކަމެވެ.

1. ދިރިއުޅޭ ސަރަހައްދު ވަށައިގެން ކުޑަ ބުރެއް ޖަހައިލަން ދިޔުން.

2. ޕާކަކަށް ނުވަތަ ފިހާރަތައް ހުންނަ މަގަކަށް ގޮސް ހިނގާލުން. އާ ތަންތަނަށް ގޮސް ހިނގާލުމަކީ ވެސް ފޫހިފިލާނެ ކަމެއް.

3. ކާރު ނުވަތަ ސައިކަލު ޕާކުކުރާއިރު، ދާން ބޭނުންވާ ތަނާ ކުޑަކޮށް ދުރުގައި ޕާކުކުރުމަށްފަހު ހިނގާފައި ދިއުން.

4. މޫސުން ގޯސްނަމަ، ޝޮޕިންގް ސެންޓަރަކަށް ގޮސް އެތާނގައި ހިނގައިލުން

5. އެކުގައި ހިނގަންދާނޭ ރަހުމަތްތެރިއަކު ހޯދުން.

6. ފޯނުން މީހަކާ ވާހަކަދައްކަން ޖެހޭ ވަގުތުތަކުގައި، އިށީނދެ އިނުމުގެ ބަދަލުގައި ހިނގަމުން ވާހަކަދެއްކުން.

7. މަސައްކަތްކުރާއިރުގައި ބްރޭކް ނަގައިގެން ގޮނޑިންތެދުވެ ވަށައިގެން ހިނގައިލުން.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *