Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ހިތްއެދޭ ބައިވެރިޔެއް ހޯދުމަށް ކުރިމަތިވާ ގޮންޖެހުންތައް

ހިތް އެދޭ ފަދަ ބައިވެރިއަކު ހޯދުމަށް މަގުފަހިކޮށްދޭ ވަސީލަތްތައް މިއަދު ކޮންމެ ދިމާލަކުން ވެސް ފެންނަން އެބަހުއްޓެވެ. ޚާއްޞަކޮށް ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ސޯޝަލް މީޑިއާއާއި ފޯނުގެ ޓެކްނޮލޮޖީއަށް އައި އިންގިލާބީ ބަދަލުތަކާއެކު، ހުސްކޮށް ތިބޭ މީހުން އެކަކު އަނެކަކާ ބައްދަލުކުރާނޭ އޮންލައިން މާލަމްތައް ވަނީ އިތުރުވެފައެވެ. މިފަދަ މާލަންތަކުގައި ތިމާގެ ވަނަވަރު ހާމަކުރުމުން، އެދޭ ފަދަ ބައިވެރިއަކު ލިބިދާނޭ ކަމުގެ އުންމީދު އާލާވެގެންދެއެވެ. ނަމަވެސް މީގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައްވެސް އެހައިމެ ގިނައެވެ.

މިފަދަ މާލަންތައް ބޭނުންކުރާ ގިނަ ބައެއްގެ ތަޖުރިބާ އާދަޔާހިލާފަށް ހިއްޗެވެ. މި އޮޅިތަކުގެ އަސްލު ބޭނުމަކީ މީހުން ގުޅުވައިދިނުން ކަމުގައިވިޔަސް، އޭގެ ސަބަބުން ގުޅުންތަކަށް ހީނަރުކަން އަންނަކަން މިހާރު ގިނަ ބަޔަކަށް ދަނީ ފާހަގަވަމުންނެވެ. އެންމެ ބޮޑު ގޮންޖެހުމަކީ އެތަނަށް ވަންނަ މީހުންގެ ކިބައިން ފެންނަ ދެއްކުންތެރިކަމެވެ. އިހުލާސްތެރިކަމާއެކު ބައިވެރިއަކު ހޯދުމަށް މިފަދަ މާހައުލަކަށް ވަންނަ މީހާއަށް، އެތަނުގެ ހަގީގަތާ ހިލާފު އޮއިވަރުގައި ކެތްކުރުން ވަނީ އުނދަގޫ ކަމަކަށެވެ.

ގިނަ މީހުންގެ ވަނަވަރުތަކުން ފެންނަނީ ހުރިހާ ގޮތަކުން ފުރިހަމަ މީހުންނެވެ. ފޮޓޯތަކަށް އަޅުވާފައިވާ ފިލްޓަރުތަކުން މޫނުމަތީގެ އޮމާންކަމާއި ހަންގަނޑުގެ ދަޅަ ދައްކުވައިދޭއިރު، ލިޔެފައިވާ ސްޓޭޓަސްތަކުން މަސައްކަތް ކުރަނީ އަމިއްލަ މިޒާޖަކީ އެންމެން ގަބޫލުކުރާނޭ ފަދަ "ވިކޭ" މިޒާޖެއްކަން ދެއްކުމަށެވެ. މި ހުރިހާ ކަމެއްގެ ވެސް ހަމައެކަނި ބޭނުމަކީ، އެ ފެންނަ ދަޅައަށް ހެއްލިގެން މީހަކު އަތުލައިގަތުމެވެ.

މިފަދަ މާލަމްތަކުންނާއި ހަގީގީ ދިރިއުޅުމުގައިވެސް އެންމެ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހެނީ އަންހެނުންނަށެވެ. ޑޭޓިން ސައިޓުތައް އުފެދުމުގެ ކުރިންވެސް، ރަނގަޅު ބައިވެރިއަކު ހޯދުމަކީ އަންހެނުންނަށް ފަސޭހަ ކަމެއް ނޫނެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، އަންހެނުން އުޅެންޖެހޭ ގޮތާއި ހުންނަންޖެހޭ ސިފަތައް މުޖުތަމައުއިން ހަރުކަށިކޮށް ކަނޑައަޅާފައި އޮތުމެވެ. ރަނގަޅު އަންހެނެއްގެ ކިބައިގައި ހުންނަންޖެހޭ ކަމަށް ގަބޫލުކުރެވޭ ސިފަތައް ކޮޅުންނުލައެވެ. އޭގެ ތެރޭގައި ނިޔަނެތިކަމާއި، ރީތިކަމާއި، ލަދުވެތިކަމާއި، ބަނިޔާދަންކަމުގެ އިތުރުން މުރާލިކަމާއި ހީވާގިކަން ހިމެނެއެވެ. މީގެ އިތުރުން، ހަށިގަނޑުގެ ބައްޓަމާއި ހެދުން އެޅުމުގެ ވައްޓަފާޅި ވެސް އޮންނަންޖެހޭނީ މުޖުތަމައު އެދޭ މިންގަނޑަށެވެ. މީގެ ނަތީޖާއަކީ، އެހެން މީހުން ބޭނުންވާ ފަދަ ސިފަތައް ތިމާގެ ކިބައިގައި މަދުކަމުގެ އިހުސާސް އަބަދުމެ އަންހެނުންނަށް ކުރެވުމެވެ. އަދި ރަނގަޅު މީހެއްކަން ސާބިތުކޮށްދޭން ތާއަބަދު މަސައްކަތްކުރަން ޖެހުމެވެ.

"ބައިވެރިއަކު ހޯދޭނީ ފުރިހަމަ އަންބެއްގެ ސިފަތައް ހުރެގެން" ކަމަށް ބުނާ ފަލްސަފާގައި އޮތް އެންމެ ބޮޑު މައްސަލައަކީ، އެ ސިފަތައް ދުވަހުން ދުވަހަށް ބަދަލުވަމުން ދިއުމެވެ. އެކި މީހުން އެކަން މިނާ ނާޅި ތަފާތެވެ. ތަހުޒީބީ އަންބަކަށް ފިރިހެންމީހާ އެދޭއިރު، އޭނާގެ މައިންބަފައިން ބޭނުންވަނީ ގޭތެރޭގެ ކަންކަމުގައި މަސްއޫލުވެގެން އުޅޭ ކިޔަމަންތެރި ކުއްޖެކެވެ.

ކޮންމެ ދިމާލަކަށް ބަލައިލި ނަމަވެސް އަންހެނުންނަށް ފެންނަނީ އެމީހުންގެ ހުރި އުނިސިފަތަކުގެ ސަބަބުން އެހެން މީހުން އެމީހުންނާ ދުރުވާ މަންޒަރެވެ. ނަމަވެސް އިންސާނީ ދަރިފަސްކޮޅު ދެމިއޮތުން ބިނާވެފައިވަނީ ބައިވެރިއަކު ހޯދައި ދަރިން އުފަންކުރުމުގެ މައްޗަށް ކަމަށްވާތީ، ބައިވެރިއެއްގެ ރުހުން ހޯދުމަކީ އެމީހުން ކުރަން މަޖުބޫރުކަމެކެވެ. މިކަމުގެ ސަބަބުން ބައިވެރިޔަކު ހޯދުމަށް އަންހެނުން ތަފާތު ނަފުސާނީ އުކުޅުތައް ބޭނުންކުރެއެވެ.

މިގޮތުން ބޭނުންކުރާ އެއް އުކުޅަކީ 2010 ވަނަ އަހަރު ސޯޝަލް މީޑިއާގައި މަޝްހޫރުވި "ޕިކްމީ" ކޮންސެޕްޓެވެ. މިއީ އެހެން އަންހެނުންނަށްވުރެ ތިމާ ތަފާތުކަން ދައްކައިގެން ފިރިހެނުންގެ ސަމާލުކަން ހޯދުމަށް ކުރާ މަސައްކަތެކެވެ. މިކަމުގައި "ތިމަންނާއަކީ އެހެން އަންހެންކުދިން ކަހަލަ މީހެއް ނޫން"، "އެހެން މީހުންހެން މާގިނައިން މޭކަޕެއް ނުކުރަން"، ނުވަތަ "މުއްސަނދިން ފަހަތަކުން ނުދުވަން" ފަދަ ބަސްތައް ބޭނުންކުރެއެވެ. މިފަދަ ވާހަކަތަކުން ދޭހަކޮށްދޭން އުޅެނީ އޭނާއަކީ އެހެން އަންހެނުންނަށްވުރެ "ހަޖަމުކުރަން ފަސޭހަ" ނުވަތަ "ގެންގުޅެން ފަސޭހަ" މީހެއް ކަމެވެ.

ނަފުސާނީ އިލްމުވެރިން ބުނާގޮތުގައި، މިފަދަ އަމަލުތައް ކުރަނީ މުޖުތަމައުގައި އަންހެނުންނާ މެދު އޮންނަ ނޭދެވޭ ތަސައްވުރުތަކުން ބަރިއްޔަވެފައިވާކަން ދެއްކުމަށެވެ. އެހެން މީހުން ރުހޭ ގޮތަށް ކަންކަން ބަހައްޓައިގެން، ގިނަ ބައެއްގެ ތެރެއިން އިހުތިޔާރުކުރާ މީހަކަށް ވުމުގެ ފުރުސަތު ބޮޑުކުރުމަށެވެ. ބައިވެރިއަކު ހޯދުމުގެ "ރޭހުގައި" އެހެން އަންހެނުންނަށްވުރެ ކުރިލިބޭނެ ކަމުގެ އުންމީދުގައެވެ.

ނަމަވެސް، މި އުކުޅަކީ ކާމިޔާބު އެއްޗެއް ހެއްޔެވެ؟ އެންމެ ފަސޭހަ މީހާއަށް ވެގެން ހޯދާ ސަމާލުކަން ވަރަށް އަވަހަށް ފަނޑުވެގެންދެއެވެ. ފަސޭހައިން ލިބޭ ކާމިޔާބީއަކީ އަގުހުރި އެއްޗެއް ނޫނޭ ބުނާ ބުނުމުގެ ހަގީގަތެއް ވެއެވެ. ބައިވެރިޔާ އެދޭ ހުރިހައި ގޮތަކަށް ފުދިގެން، އެޅިހައި ބަތަކަށް ރިހަ އަޅާދޭން ހުންނަ މީހާގެ އަގު އޭނާއަށް ވަޒަން ކުރެވޭނެ ހެއްޔެވެ؟ ހަގީގީ ގުޅުންތައް ބިނާވާންޖެހޭނީ މީހާގެ އަސްލު ސިފަތައް ބަލައިގަތުމުން ލިބޭ ތަސައްލީގެ މައްޗަށެވެ. އަމިއްލަ ނަފުސުގައި ނެތް ސިފަތަކެއް ދައްކައިގެން ފަށާ ގުޅުމެއްގައި، މާނަފުން އިހުސާސްތަކެއް އުފެދުމުގެ ފުރުސަތެއް ނޯވެއެވެ.

މިފަދަ ގުޅުންތައް ފެށޭއިރު ރަނގަޅުހެން ހީވިޔަސް، ދިގު މުއްދަތުގައި އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑެވެ. މީގެ ސަބަބުން ހީނަރުވަނީ ހަމައެކަނި ބައިވެރިޔާއާ އޮންނަ ގުޅުމެއް ނޫނެވެ. އެހެން އަންހެނުންނާ ތިމާ ތަފާތުކަން ދައްކަން އުޅުމުގެ ތެރެއިން، ދިރިއުޅުމުގައި އެހީތެރިކަން ފޯރުކޮށްދޭނޭ އެހެން މީހުންނާ ވެސް ދުރުވެ، ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރެއެވެ.

ހަގީގަތަކީ، ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުރިހާ ބާވަތެއްގެ ސިފަތައް ކޮންމެވެސް މިންވަރަކަށް ހުންނާނެއެވެ. މި ހަގީގަތާ ދުރަށްދާން ކުރާ މަސައްކަތުން ހިތްނުތަނަވަސްކަމާއި ޖަޒުބާތީ ވަރުބަލިކަން ކުރިމަތިވެއެވެ. އެހެން މީހުންގެ ރުހުން ހޯދުމަށްޓަކައި އަމިއްލަ އެދުންތަކާއި ބޭނުންތައް ފޮރުވުމުގެ ނަތީޖާއަކީ، އަމިއްލަ ނަފުސުގެ އަގުވަޒަންކުރުމުގެ ބާރު އެހެން މީހުންގެ އަތްމައްޗަށް ދޫކޮށްލެވި، ނަފުސު ހަލާކުވުމެވެ.

އަހަރުމެން ހަނދާންކުރަންޖެހޭ ހަގީގަތަކީ، މިފަދަ ހިތްދަތި އުކުޅުތައް ބޭނުންކުރަން ޖެހެނީ ތިމާގެ އަސްލު ގޮތުގައި ބަލައިގަންނާނޭ ބައިވެރިއަކު ނުލިބިދާނޭ ކަމުގެ ބިރު އޮތުމުން ކަމެވެ. މިއަދު ބައިވެރިއަކު ހޯދުމަކީ ތަމްސީލެއް ކުޅުން ކަހަލަ ކަމަކަށް ވެއްޖެއެވެ. އަސްލު ސޫރަ އޮންނަނީ ފޮރުވިފައެވެ. އެހެންކަމުން އުފެދޭ ސުވާލަކީ، މިފަދަ ހާލަތެއްގައި ބައިވެރިއަކު ހޯދުން އެއީ އެހާ މުހިންމު ކަމެއް ހެއްޔެވެ؟ ތިމާގެ ހަގީގީ ސިފަތަކާއެކު ގަބޫލުނުކުރެވޭ ގުޅުމެއްގައި އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެފަދަ ގުޅުމެއް ކިތަންމެ ފުރިހަމައަށް ފެށުނަސް، އޭގެ ނިމުން ހިތިވާނޭކަން ޔަގީނެވެ.