މީގެ 21 އަހަރު ކުރީން، ޑިސެމްބަރު މަހެއްގެ 26 ވަނަ ދުވަހު ދިވެހި ރާއްޖެއަށް އެރި ނުރައްކާތެރި ސުނާމީގެ ހިތި ހަނދާންތައް ދިވެހީންގެ ހިތްތަކުގައި އަދިވެސް އެބަހުއްޓެވެ. އެކާވީސް އަހަރު ފަހުން، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ނޫސްތަކުގެ ސުރުހީން ފެނިގެން ދިޔައީ އެހެން ކަހަލަ "ސުނާމީ"އެކެވެ. އެ ސުނާމީ އަށް ސަމާލުކަން ދިނީ މަދު ބައެކެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން، މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު އާންމުކުރި "މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2022-2062″ ގެ ރިޕޯޓުގައިވާ ގޮތުން، 2062 ވަނަ އަހަރު އަންނައިރު ރަށްރަށުގައި ދިރިއުޅޭ ދިވެހީންނަށް ވުރެ ބިދޭސީން ގިނަވާނެއެވެ. ސަބަބަކީ ރާއްޖެތެރޭ ރަށްރަށުގެ އާބާދީގެ ބޮޑު ބައެއް މާލެ ސަރަހައްދަށް ހިޖުރަކުރާ މިންވަރު އިތުރުވުމުވެ. މިހާރު ވެސް އެކަމުގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ. މާލޭގެ އިތުރުން، ހުޅުމާލޭ ތިން ފޭހާއި، ރަސްމާލެ، ގުޅީފަޅު ސަރަހައްދުތަކުގައި އެތައް ހާހެއްގެ އެޕާޓްމެންޓް ދަނީ އަޅަމުންނެވެ. ނުވަތަ އެޅުމަށް ޕްލޭން ކުރަމުންނެވެ. މީގެ އިތުރުން އެތައް ސަތޭކަ ގޯތި މި ސަރަހައްދުން ދަނީ ދެމުންނެވެ. މީގެ ފަސް ވަރަކަށް އަހަރު ފަހުން، މާލޭގެ އިތުރުން، ހުޅުމާލޭ ތިން ފޭހާއި، ރަސްމާލެ، ގުޅީފަޅު ސަރަހައްދުތަކުގައި ހަދާ އެޕާޓްމެންޓުތައް ނިމި، އަލަށް ދޭ ބަންޑާރަ ބިންތަކުގައި އިމާރާތްތައް އަޅައި ކުއްޔަށް ދޭން ފެށުމުން، ރާއްޖެތެރޭގެ ބޮޑު އާބާދީއެއް މާލޭ ސަރަހައްދަށް ހިޖުރަ ކުރާނެއެވެ. މި "ބޮޑު-ހިޖުރަ" އަށް ދައުލަތުން ޕްލޭންކުރަން ޖެހެއެވެ.
މިކަން މި މަގުން މި ހިނގަނީ ސަރުކާރުތަކަށް، ނުވަތަ ދައުލަތަށް ނޭނގިއެއް ނޫނެވެ. ފާއިތުވީ ފަންސަވީހަކަށް އަހަރުތެރޭ ފެނިގެން ދިޔަ ހުރިހާ ސަރުކާރު ތަކަށް ވެސް މި ޓްރެންޑް އެނގޭނެއެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިކަމާ ބެހޭ ގޮތުން އެއްވެސް ވަރަކަށް ވާހަކަ ދައްކާތަން ނުފެނުމަކީ ހައިރާންވާންޖެހޭ ވަރު ކަމެކެވެ. މީގެ ތިރީހަށް އަހަރު ފަހުން ރާއްޖެތެރޭ ރަށްރަށުން ދިވެހީން މަދުވެ، ރަށްރަށުގައި ބިދޭސީންގެ އާބާދީ، ދިވެހީންނަށް ވުރެ ގިނަވުމުން ދިވެހި ރާއްޖޭގެ ޑިމޮގްރަފީ އަށް ވާނީ ކިހިނެއް ބާވައެވެ؟ އެގޮތުން ބައެއް ރަށްރަށް ފަޅުވެ، އެރަށް ރަށުގައި ރިސޯޓް ނުވަތަ އެހެނިހެން ސިނާއީ މަސައްކަތް ކުރަން ފަށާނީ ބާވައެވެ؟ އެގޮތުން އުފެދޭ ސިނާއީ މަސައްކަތްތަކުގައި ވަޒީފާ އަދާކުރާ ވަރަށް ދިވެހީންގެ އާބާދީއެއް ނޯންނާއެވެ. އެހެން ކަމުން ރާއްޖެތެރެ އެއްކޮށް ކަހަލަ ގޮތަކަށް ބިދޭސީން އުޅޭ ތަންތަނަށް ބަދަލުވެގެން ދިއުން އޮތީ މާ ދުރަކު ނޫނެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ދިވެހި ރާއްޖޭގެ އާބާދީ ކުރިއަށް ލަފާކޮށްފައިވާ ގޮތުން، މިސާލަކަށް، ވ. އަތޮޅުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ 2062 ވަނަ އަހަރު ބިދޭސީންނަށް ވާނެ އެވެ. މީގެ އިތުރުން، އައްޑޫ ސިޓީގެ އާބާދީގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ވާނީ ބިދޭސީއަކަށެވެ. މީގެ ތިރީހަކަށް އަހަރު ފަހުން، ދިވެހިންގެ އާބާދީގެ 60 ޕަސެންޓް (ކޮންމެ ތިން މީހަކުން ދެ މީހުން) ދިރިއުޅޭނީ މާލެ ސަރަހައްދުގައި ކަމަށް ވެސް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ. މިއީ ވަރަށް ބޮޑު "ސުނާމީ" އެކެވެ. މިކަމަށް ދުރާލައި ޕްލޭންކޮށް، އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ތައްޔާރު ނުވެއްޖެ ނަމަ ދިވެހީންގެ ރާއްޖޭގައި ދިވެހީން ބާކީވާން ދެން އޮތީ އެންމެ ތިރީހަކަށް އަހަރެވެ! ދިވެހި ދައުލަތުން މަލިކު ބީވެގެން، އިންޑިއާގެ ބަޔަކަށް ވެގެން ދިޔަ ގޮތަށް، މާލެއާ ދުރު ބައެއް ސަރަހައްދުތައް ބިދޭސީންގެ ބާރުގެ ދަށަށް ގޮސް، ބޭރު ޤައުމުތަކެއްގެ ބަޔަކަށް ވުމަކީ ވެސް ދުރު ކަމެއް ނޫނެވެ.
މި ރިޕޯޓު ލަފާ ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަދި ތިރީހަކަށް އަހަރު ފާއިތުވާއިރު، ރާއްޖެތެރޭ ރައްޔިތުންގެ ބޮޑު ބައެއް މާލޭ ސަރަހައްދަށް ހިޖުރަކޮށް، ރަށްރަށުގެ ގެތައް ފަޅުވެ، ކިޔަވާ ކުދިން ހަމަނުވުމުގެ ސަބަބުން ރަށްރަށުގެ ސްކޫލްތައް ބަންދުކުރަންޖެހޭ ހާލަތަށް ވެސް ދާނެއެވެ. އަސާސީ ހިދުމަތްތައް ދެވޭވަރުގެ އާބާދީއެއް ނެތިގެން އެންމެ ފަހުން ތިބި މީސްކޮޅު ވެސް ރަށްރަށާއި އަތޮޅުތައް ދޫކޮށް މާލޭ ސަރަހައްދަށް ހިޖުރަ ކުރާނެއެވެ.
ދިވެހީންގެ ބޮޑު ބައެއް މާލެ ސަރަހައްދަށް ހިޖުރަކުރާއިރު، ތަފާތު މަސައްކަތްތަކަށް ގެންނަ ބިދޭސީންގެ އަދަދު އިތުރުވެ، މީގެ ތިރީހަކަށް އަހަރު ފަހުން، 39 ޕަސެންޓަށް އިތުރުވެ، 2062 ވަނަ އަހަރު އަންނައިރު ރާއްޖޭގައި އުޅޭ ކޮންމެ ފަސް މީހެއްގެ ތެރެއިން ދެ މީހަކު ވާނީ ބިދޭސީއަކަށް ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެއީ ގާތްގަނޑަކަށް އާބާދީގެ ދެބައިކުޅަ އެއްބައެވެ. ބިރުވެރި ބަދަލެކެވެ. ރާއްޖޭގެ މަސައްކަތު އާބާދީގައި ބިދޭސީން މިހާރު ވެސް ގިނައިރު، 2062 ގައި އެ އަދަދު އަދި މާ ބޮޑަށް އިތުރުވާނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައި ވެއެވެ. އަދި މިއަށް ވުރެވެސް ބިރުވެރި ތަފާސްހިސާބަކީ، 2062 ވަނަ އަހަރު އަންނައިރު ވަޒީފާ އަދާކުރާ އާބާދީގެ ތެރެއިން، އުމުރުން 25-29 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނަށް ވުރެ އިތުރަށް 40،000 ބިދޭސީން ތިބޭނެ ކަމަށް އަންދާޒާ ކުރުމެވެ. މާނައަކީ ޒުވާން އުމުރުގެ ބިދޭސީން ރާއްޖޭގައި، ދިވެހި ޒުވާނުނަށް ވުރެ ގިނަވާނެއެވެ. ބިރުވެރި ރަނގަބީލެކެވެ.
އަނެއް ބިރުވެރި ތަފާސް ހިސާބަކީ: ރާއްޖޭގައި ވިހާ ކުދިންގެ އަދަދު މަދުވެ، 2052 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެ "ސުޕަ އޭޖްޑް" ގައުމަކަށް ރާއްޖެ ވާނެ ކަމަށް އެ ރިޕޯޓުގައި އަންދާޒާކޮށްފައި ވުމެވެ. އެއިރުން ކޮންމެ ހަތަރު ދިވެއްސެއްގެ ތެރެއިން އެކަކު ވާނީ އުމުރުން ދުވަސްވީ މީހަކަށެވެ. އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ މަހަކު މިހާރު ދޭ 5،000ރ. އެހާ ގިނަ މީހުންނަށް އެއްފަހަރާ ދެވޭނެ ފަދަ ތަނަވަސްކަން ދިވެހި އިގްތިސޯދުގައި އެއިރު ހުންނާނެ ބާވައެވެ؟ އުމުރުން ދުވަސްވީ އާބާދީ އެވަރަށް ބޮޑުވާއިރު އާސަންދަ އަށް ލޯޑު ބޮޑުވެ، މިހާރު ދޭ ގޮތަށް އާސަންދައިގެ ހިދުމަތް އެއިރުން ދެވޭނެ ބާވައެވެ؟ ބޮޑެތި ސުވާލުތަކެވެ.
އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި، މިހާރު ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީއަކީ 20،000 އެވެ. އެކަމަކު، އެ ރިޕޯޓުގައި ވާގޮތުގައި، 2062 ވަނަ އަހަރު އަންނައިރު އުމުރުން ދުވަސްވީ މީހުންގެ އާބާދީ މިހާރަށް ވުރެ ފަސް ގުނަ އިތުރުވެ، 120،000 އަށް ވުރެ މައްޗަށް ދާނެ އެވެ. މީގެ ތެރޭގައި ގިނަވާނީ 80 އަހަރުން މަތީގެ މީހުން ކަމަށް ވެސް މި ރިޕޯޓުން ދައްކަ އެވެ. ދިވެހި އިގްތިސޯދު ހިންގާނެ ޒުވާން ދިވެހީން މަދުވެ، އާބާދީގައި ޒުވާނުންގެ ގޮތުގައި ބިދޭސީން ގިނަވެ، މުސްކުޅި އާބާދީ އަކަށް ދިވެހި ޤައުމު ބަދަލުވާނެއެވެ. ރައީސް މައުމޫން ހިންގެވި ދޭތެރެ ދުރުކުރުމުގެ "މޮޔަ" މަޝްރޫއުގެ ހިތި ޒަހަރު ދިވެހީންނަށް މިފެންނަނީ އެމަޝްރޫއު ހިންގިތާ އެއް ޖީލު ފާއިތުވާ ފަހުން، 70 ވަރަކަށް އަހަރު ފަހުންނެވެ.
މި ރިޕޯޓުގައި އަދިވެސް އޮތީ އިތުރު ބިރުވެރި ހަބަރެކެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޑިސެމްބަރ 26 ވަނަ ދުވަހު އެރުވި "ސުނާމީ" ރިޕޯޓުގައި ލަފާ ކޮށްފައިވާ ގޮތުން "ދިވެހި" ރާއްޖޭގައި "ދިވެހީން"ގެ އާބާދީ ދުވަހަކުވެސް ބައި މިލިއަން (ފަސް ލައްކަ) އަކަށް ނާރާނެއެވެ. މި ރިޕޯޓުގައި ހިމެނޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދިވެހިންގެ އާބާދީ އެންމެ މަތިވާނެ ކަމަށް ލަފާކުރެވެނީ މި ގަރުނުގެ މެދަކާ ހިސާބުގަ އެވެ. އެއީ 2040 ގެ ފަހު އަހަރުތަކާއި 2050 ގެ ކުރީގެ އަހަރުތަކުގަ އެވެ. އެ ހިސާބުގައި ދިވެހީންގެ އާބާދީ 428،000 އަށް އެރުމަށް ފަހު، ދިވެހިންގެ އާބާދީ އަހަރަކަށްވުރެ އަހަރެއް ދަށަށް ދާނެ ކަމަށް އަންދާޒާކުރެވެ އެވެ. އަދި 2050 ގެ އަހަރުތަކުން ފެށިގެން ދިވެހިންގެ އާބާދީ ދަށްވަމުން ގޮސް 2062 ގައި ރާއްޖޭގެ އާބާދީ އިތުރުވާ މިންވަރު ހުންނާނީ މައިނަސް 0.6 ޕަސެންޓުގަ އެވެ. މިވެނި ޕާޓީއެއްގެ މެމްބަރުން ގިނަވެގެން، ނުވަތަ އެވެނި ޕާޓީއެއްގެ މެމްބަރުން މަދުވެގެން ފޯރިނަގާ ސިޔާސީ މީހުންނަށް މި ތަފާސްހިސާބު ފަހުމްވޭ ބާވައެވެ؟ މިވަރުގެ "ސުނާމީ" އެއް އަރައިގެން ދިޔަ އިރު ސިޔާސީ އެއްވެސް މީހަކު މިވާހަކަ ނުދައްކަނީ ކީއްވެގެން ބާވައެވެ؟ ކުރިމަގު ވަރަށް، ވަރަށް ބަނައެވެ.
ރާއްޖޭގެ އާބާދީ ދަށަށްދާ އެއް ސަބަބު، އަދި މި ކަމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދިވެހި އަންހެނުން އެވްރެޖުކޮށް ކުދިން ހޯދާ މިންވަރު ދަށްވުމެވެ. ދިވެހި އަންހެނުން އެވްރެޖުކޮށް ކުދިން ހޯދާ މިންވަރު 2062 ގައި މިހާރަށްވުރެ ވެސް ދަށްވެ، 2022 ގައި 1.7 ގައި ހުރި އެވްރެޖު 40 އަހަރު ތެރޭ 1.5 އަށް ވެއްޓޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. ހެދޭ ނުހެދޭ ނޭނގި ތިބެ، ރައީސް މައުމޫނުގެ ސަރުކާރުން ފެއްޓެވި ދޭތެރެ ދުރުކުރުމުގެ ޕްރޮގްރާމުން ފެށުނު އާބާދީ މަދުކުރުމުގެ ދަތުރަކީ މިކަން މިހެން ދިމާވުމުގެ މައިގަނޑު އެއް ސަބަބެވެ. އަނެއް ސަބަބަކީ ދިވެހި އަންހެނުންގެ ބޮޑު ބައެއް ސިވިލް ސާވިސް ވަޒީފާ ތަކަށް ނިކުމެ، ކެރިއަރ އަންހެނުންނަށް ދިވެހި އަންހެނުން ބަދަލުވުމެވެ. އަންހެނުން ވަޒީފާ އަށް ދާން ފެށުމުން، ކުރިން ކޮންމެ ދެމަފިރިއަކަށް ފަހެއް ނުވަތަ އަށް ކުދިން ހޯދަމުން އައި ދިވެހި އާއިލާތައް، ކޮންމެ އާއިލާ އަކަށް ދެ ކުދިން ހޯދާ އާއިލާތަކަކަށް ބަދަލުވެގެން ދިޔައެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުން ވެސް އާއިލާ ކުޑަކުރަން ގިނަ ބަޔަކަށް މަޖުބޫރުވިއެވެ.
މިކަމަށް އޮތް ހައްލަކީ ކޮންމެ އާއިލާއަކުން މަދުވެގެން ހަތަރު ކުދިން ހޯދަން ހިއްވަރު ދިނުމުގެ ގޮތުން، ތިންވަނަ އަދި ހަތަރު ވަނަ ދަރިފުޅަށް ދައުލަތުން އެލަވަންސެއް ދޭން ފެށުމެވެ. އާއިލާތައް ބޮޑު ކުރުމަށް އިންސެންޓިވް (ހިއްވަރު) ދިނުމާއި، މައިން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމާއި، މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން ވަޒީފާތަކަށް ނެރުން ފަދަ ކަންކަން އަވަސް ކުރަން ޖެހެއެވެ. އަދި 2050 ވަނަ އަހަރު ޕީކް ވެފައި މަދުވާން ފަށާނެ ކަމަށް ލަފާ ކުރާ ދިވެހި އާބާދީ އެފަދައިން ދަށް ނުވެ، ފަސްލައްކަ ކީއްކުރަން، އެއް މިލިއަނަށް އެރުވުމުމަށް ޓާގެޓްކޮށް، ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލަން ޖެހެއެވެ. ދިވެހި ރައްޖޭގައި ދިވެހީންގެ އާބާދީ ދަށްވެ، ދިވެހީންނަށް ވުރެ ބިދޭސީން ގިނަވެ، ދިވެހި އާބާދީ މުސްކުޅިވާކަމުގެ ފޯކާސްޓާއެކު މި ބިންދާލި ބޮޑު ސުނާމީ އަށް ސިޔާސީ ފަރާތްތަކުން މާބޮޑު ސަމާލުކަމެއް ނުދޭތީ ހަމަ ހައިރާން ވެއެވެ. މިކަން ބަދަލުކޮށް، އާބާދީ އިތުރު ކުރާނެ ރޭވުންތައް ރާވައި، 37 އަހަރު ފަހުން އާބާދީ އަށް އަންނާނެ މި ބޮޑު ބަދަލަށް ޤައުމު އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ތައްޔާރުވާން ޖެހެއެވެ. އެގޮތުން އެންމެ މުހިއްމު ކަމަކީ ދޭތެރެ ދުރުކުރަން ހިންގެވި ޕްރޮގްރާމްގެ އިދިކޮޅަށް، ދޭތެރެ ކައިރިކޮށް، ދިވެހީންގެ އާބާދީ މިލިއަނަކަށް އެރުވުމަށް މަސައްކަތް ފެށުމެވެ.

2 Responses
އޮނަރަބަލް އިބްރާހީމް ޝިހާބު ވިދާޅުވެފައި ވެއެވެ. : "އަބަދުވެސް، މާޟީއާއި ޙާލުގެ ވިސްނުމުގެ މައްޗަށް، ސަލާމަތް ބުއްދި ހުރި ބަޔަކު މުސްތަޤްބަލް ބިނާކުރާނީ!". އަޅުގަޑު ހިތަށް އަރަނީ ސަލާމަތް ބުއްދި ހުރި ބަޔަކު މިތަނުގައި އެބަތިބިތޯއެވެ!
ޥަރަށް ގައުމީ، ދުރުވިސްނޭ ލިއުމެއް، މިހާރުން މިހާރަށް މިކަމަށް ފިޔަވަޅު އަޅަން ފެނޭ