ކަލޭ އަޅެތީ ފޭސްބުކްގެ އަޅެއް ހެއްޔެވެ؟ "ނޫނީ ކަލޭތީ ފޭސްބުކުގެ މުވައްޒަފަކީހެއްޔެވެ؟ މިހެން މި އަހަނީ 24 ގަޑިއިރު ކަލޭގެ ދެލޯ ފޯނުގައި ތަތްލާފައި އިންނާތީއެވެ. އިރުއޮއްސޭކަން ކަލެއަށް ނޭނގެއެވެ. ބަނޑުހައިވާކަމާއި ފެންވަރާ ގައިންތާހިރު ވާންޖެހޭކަން ވެސް މީހަކު މިޖެހެނީ ހަނދާންކޮށްދޭށެވެ. ކަލޭގެ ތި ބައްޔަކީ ބޭސްކޮށްގެން ނޫނީ ރަނގަޅު ނުކުރެވޭނެ ބައްޔެއްކަން މަށަށް މިހާރު ކަށަވަރުވެއްޖެއެވެ. މިއަދު ކަލޭއަށް އާއިލާއެއް ނެތެވެ. ރައްޓެއްސަކު ނެތެވެ. އެހެނެއް ނޫނެވެ. ކަލޭގެ ފްރެންޑް ލިސްޓުގައި ތިބި ހާހެއްހައި މީހުން އަދި މަރުނުވެ ދުނިޔޭގައި ތިބިކަން ކަލެއަށް އެނގިދާނެ ތޯއްޗެކެވެ.
މަ މިހެންބުނީމާ ކަލޭ ބުނެފާނެއެވެ. ކަލޭވެސް ފޭސްބުކްގައި އުޅެއެވެ. ޓްވީޓްވެސް ކުރެއެވެ. ވައިބާވެސް ބަލައެވެ. ރަނގަޅެވެ. މަ ތި ހުރިހާ އެއްޗެއްވެސް ބޭނުންކުރަމެވެ. މީސްމީޑިއާ އާއި ނުލައި މިއަދު އެކަކަށްވެސް ދިރިއެއް ނޫޅެވޭނެއެވެ. މަރުވާމީހާ އާއި ބަލިވާ މީހާވެސް އެންމެ ކުރިން އަންގައިދެނީ އެ ވަސީލަތުންނެވެ. އެކަމަކު ކޮންމެ ކަމެއްގައި ވެސް ހައްދެއް، ހުދޫދެއް އޮންނަން އެބަޖެހޭ ދޯއެވެ. ފޭސްބުކަކީ ބަރަހަނާވާށާއި ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހާމަކުރުމަށާއި މީހުންނާއި ޖަދަލުކުރުމަށާއި މީހުންގެ ޒާތީ ކަންކަމާ ބެހި އެކަކު އަނެކަކުގެ މަސް ރޮލާކާން އޮތް ޕްލެޓްފޯމެއް ނޫނެވެ.
މިހެން ބުނީމާ ކަލޭބުނާނެއެވެ. ތިމަންނާ މީހެއްގެ ކަންކަމަކާ ނުބެހެމެވެ. ބަރަހަނާއެއްވެސް ނުވަމެވެ. ބަރަހަނާވުމަކީ ހަމައެކަނި ލައިގެން ހުންނަ ލިބާސް ބޭލުމެއްނޫނެވެ. ކަލޭ ފިރިމީހާ ކައިރިން ވަރިވާން ލީފޯމު އެފްބީގެ ނިއުސްފީޑުގައި އޮއްވާ މަދުށީމެވެ. އަދި އޭގެ ފަހުން ފަހަރަކު ދަރިންނަށް ޚަރަދު ނުދީގެން ދަރިންގެ ބައްޕަ ގޮވައިގެން ކޯޓަށް ދިއުމުގެ ކުރިން ފޭސްބުކުން އެޚަބަރު އާންމު ނުކުރަންހެއްޔެވެ؟ އެ ފޯމުތަކުގެ ކޮޕީވެސް ފޭސްބުކުން މަ ދުށީމެވެ. ކޮއްކޯއެވެ. މިހުންނަނީ ލަދުވެތިކަންކަމެވެ. މިއަށް ކިޔަނީ "ބަރަހަނާ"ވުމެވެ.
މަ މިހެން ބުނީމާ ކަލޭ ބުނެފާނެއެވެ. ދަރިންނަށް ޚަރަދު ނުދިނަސް އެވާހަކަ އެހެން މީހަކުގާތު ބުނާނެ ކަމެއްނެތްދޯއެވެ؟ ނޫނެކެވެ. ބުނަންވީއެވެ. ބުނަންޖެހޭ މީހުން ގާތު ބުނުމާއި ތިމާގެ ނުވަތަ ދަރީންގެ ޙައްޤު ހޯދަން ކުރެވުނުހައި ކަމެއް ކުރަންވީއެވެ. އެކަމަކު 2.7 ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމަކަށް އެޚަބަރު ދޫކޮށްލީމަ އަދި ރަނގަޅެއް ނޫންދޯއެވެ.
ދެން ތިވާހަކަ ބާއްވާށެވެ. ފޭސްބުކް ސީއީއޯ މާކްޒެބާކް ކަލޭ ދަންނަމުހެއްޔެވެ؟ އޭނާ މި "މޫނުފޮތް" އުފެއްދި މަގުސަދު ކަލެއަށް އެނގޭ ހެއްޔެވެ؟ އޭނާ އެކަން ކުރީ މީހުން ސަލާންޖަހައިގެން ކައިގެން ބޮއިގެން އުޅެން ވަސީލަތެއްގެ ގޮތުގައި ނޫންކަން މަ ދެނަހުރީމެވެ. އިރުއިރުކޮޅާ ތި އަޕްކޮށްލާ "ފީލިން ހަންގްރީ ކޮންކުއްޖެއް ކާންދޭނީ؟" ކަހަލަ ސްޓޭޓަސްތައް އެޖަހަނީ ހަމަ ސީދާ ސަލާމް ޖެހުމުގެ މަގުސަދުގައެވެ. "އީދު ހެދުމެއް ދޭނީ ކޮންކުއްޖެއް؟" "ކޮފީއެއް ނެތްތަ؟" ކަހަލަ ސްޓޭޓަސްތަކުން ނަފާއެއް އަޅެ ނުހޯދަން ހެއްޔެވެ؟ "ވަރަށް ބޮޑަށް ތޭންކްސް" ކަހަލަ ސްޓޭޓަސްތަކުން އެކަން އެބަ ސާބިތުވޭ ދޯއެވެ. "ގިވްއަވޭ" އެއް ކަހަލަ އެއްޗެއް ނެތިއްޔާ ފޭސްބުކް ފްރެންޑަކަށް "ވިޝްކޮށްލުމާއި" 'ކޮންގްރާ" ކިޔައިގެންވެސް ކަރުތެންމާލެވޭތޯ ބަލަންދޯއެވެ؟ މަ މިހެން ބުނީމާ ތިންފޫޓަށް ތުންދަމައިގެން ދެލޯ ވަށްކޮށްގެން ރުޅިވެރިކަމާއެކު ނުބަލާށެވެ. އިންބޮކްސް ކޮށްލައިފައި "ކޮފީއެއް ދޭންވާނޭ. ކާންދޭން ވާނެއޭ" ކަލޭ ބުނާކަށް މަށަށް އެނގެއެވެ. "ލަންކާއިން މާލެ އަންނަ ކުއްޖެއް ހުރިއްޔާ އިންބޮކްސް ޕްލީޒް" ޖަހައިގެން ކަލެއަށް އެންމެ ފުރަތަމަ ޚަބަރުކުރި ކުއްޖާ ލައްވާވެސް ލާރިނުދީ ދެޝޯލް ގެނުވިކަން މަ ދެނަހުރީމެވެ. އެއީ ވެސް ހަމަ ސަލާމް ޖެހުންދޯއެވެ؟
ދެން އޮތީ އަދި އެއަށްވުރެވެސް މާ ހުތުރު ވާހަކައެކެވެ. ފޭސްބުކް ތެރެއިން ތިވާ ލޯތްބާއި ތި އަންނަ ރުޅިއެއްދޯއެވެ. މަހަކު ދެފަހަރު ތިން ފަހަރުވެސް "ސިންގަލް" އާއި "އިންއަލޭޝަންސް ޝިޕް" އަޕްކޮށްލައިފައި އޮއްވާ މަ އެބަދެކެމެވެ. ހަރުފަ ދުލި ބަދަލުކުރާހެން މިހިރަ ކަންކަން ކުރީމައެއް ކަމަކު ނުދާނެއެވެ. މަދުވެގެން ތިން ލައްކައެއްހާ މީހުން މި ޚަބަރުތައް ބަލާކިޔާ ހެދާނެދޯއެވެ؟ ދެން ރުޅިވެސް ތިޔަ އިސްކުރަނީ މާއަވަހަށެވެ. "މަލާނެ ފޮޓޯއަކާއި މަޖަހާނެ ސްޓޭޓަސްއެއް އެނގޭނީ މަށަށް" "ކަލޭ ފިރިމީހާ ކަލެއަށް ކޮންޓްރޯލް ނުވުން އެއީ މަގޭ މައްސަލައެއްނޫން" ކަހަލަ ސްޓޭޓަސްތައް ޖަހާ ފަހުން ޑިލީޓްކޮށް ކަރުނައިގެ އިމޯޖީއާއި ކަޅު ޕްރޮފައިލްތައް އަޕްކުރުން ހުއްޓައިލައިފައި ހަރުދަނާވެ ބަލާށެވެ.
މީހުންގެ ސަމާލުކަން ހޯދަން ވެސް ކަލޭވަރުގެ މީހެއް ނެތެވެ. ހޮސްޕިޓަލްގައި އޮވެފައި "ފީލިން ޕެއިން" ޖަހައިފައި ފޮޓޯއެއް ލާފާނެއެވެ. "ގުޑްބައި އޯލް ފްރެންޑްސް. ހެޔޮދުއާކޮށްދޭތި،" މިހެން ޖަހައިފައި ކަރަށް ހެޔޮވަރު ވާގަނޑެއްގެ ފޮޓޯއެއް ކަލޭ ފޭސްބުކަށް ނުލަންހެއްޔެެވެ؟ ކަލޭ ތިއީ އެއްވެސް އިމާންތެރިކަމެއް ވެސް ނެތް މީހެކެވެ. އަހަރެން ހުރީ ކަލޭ ގެންދަނީ ކޮން ސަހަރާއަކަށްތޯ ބަލާށެވެ. އެކަމަކު އިރުކޮޅެއް ފަހުން ފެނުނީ އެ ޕޯސްޓު ކަލޭ ޑިލީޓްކޮށްލިތަނެވެ. އަނެއްކާ ކަލޭ ސަންދޯކުގައި އޮތީ ވެސް ފޭސްބުކަށް ވަދެގެންހެއްޔެވެ؟ ނޫނެކެވެ. ވީ އެހެނެއް ނޫނެވެ. އެެއްވެސް މީހަކު ސަމާލުކަން ނުދިނީމާ ކަލޭ ހުތްވީއެވެ.
ހެޔޮނުވާނެއެވެ. ކޭކް އަޅަން ދަސްކޮށްބަލާށެވެ. މޭކަޕްކުރަން ދަސްކޮށްބަލާށެވެ. ކައްކަން ދަސްކޮށް ބަލާށެވެ. އަތުމަސައްކަތާއި އަތްތެރިމަސައްކަތް ދަސްކޮށްބަލާށެވެ. ފޭސްބުކުގައި ހުރި މިކަހަލަ މުހިންމު ޕޭޖުތަކާއި ލިންކުތަކާއި ޓިއުޓޯރިލްތަކާއި މަޢުލޫމާތުތައް ބަލައި ހޯދާބަލާށެވެ. މީހާ ހުނަރުވެރި އަކަށްވެސް ވެވުނީއެވެ. ސަލާންނުޖަހާ ކައިގެން ބޮއިގެން ވެސް އުޅެވުނީއެވެ. މީހުންގަދަރުކުރާ ފަދަ ޝަޚުސިއްޔަތަކަށްވެސް ވެވުނީއެވެ. އެފް ބީ ގޯހެއް ނޫނެވެ. ގޯހީ ބޭނުންކުރާ މީހާއެވެ.

3 Responses
Hee hee halaalu vejje????????????????????????
obinesss to the max
V ves ragalhu vaahaka kolheh ekamu mihaaru thi vaahaka thah adu ivuneema thiyabunaahen hama ahnaanee rulhi vaany foohi hageegathaa kurimathi laakah nukereyne ehves meehakah habeys baskolheh Shaz thajoobe