އިހަކަށް ދުވަހު ރަހުމަތްތެރިޔަކާ އެކީ ބޭރަށް ގޮސްލީމެވެ. އޭނާއަކީ ގެދޮރު އިމާރާތްކުރުމުގެ ދާއިރާގައި ވަރަށް ގިނަބަޔެއްގެ އިހުތިރާމު ލިބިފައިވާ ނަމޫނާ ޝަހުސިއްޔަތެކެވެ. އޭނާގެ ނަން ހިމެނިފައިވާ މަސައްކަތެއްގައި ފެންވަރު ރަނގަޅުވެފައި ފުރިހަމަވާނޭ ކަމާމެދު އެއްވެސް މީހެއްގެ ހިތުގައި ޝައްކެއް ނޯންނާނެއެވެ. ދެކެވެމުންދިޔަ ވާހަކައިގެ މެދުތެރެއިން އޭނާ ކުޑަ އިޝާރާތަކުން ދުރުގައި ހުރި މޭޒެއްގެ ކައިރީގައި އިނދެގެން ފޯނާ ކުޅެން އިން މީހެއް ދައްކައިލިއެވެ.
"އެއީ ކާކުކަން އެނގޭތަ؟" ރަހުމަތްތެރިޔާ އެހިއެވެ.
އަހަރެންނަކަށް އެއީ ކާކުކަމެއް ނޭނގުނެވެ. އޭނާގެ މޫނުމަތިން އެއީ މަޝްހޫރު، ނުވަތަ މީހުން ދަންނަ ޝަހުސިއްޔަތެއް ފާޑެއް ނުޖަހައެވެ.
"އެއީ އަހަރެން މަސައްކަތްކުރަން ފެށި ފުރަތަމަ ސްޓޫޑިއޯގައި އަހަރެންނާ އެކުގައި އުޅުނު މީހެއް. އޭނާ އެ ސްޓޫޑިޔޯއަށް ވަނީ އަހަރެންނަށް ވުރެން މާ ފަހުން. އެކަމަކު އޭނާ ތައުލީމުގެ ގޮތުން މޮޅުވީމައި ކަންނޭނގެ، އަހަރެންގެ ބޮއްސަށް އޭނާ ފެނުނީ އެ ސްޓޫޑިޔޯގެ މުސްތަގުބަލު ގޮތުގައި. އެނގޭތަ؟ އޭނާއަށް މި އިންޑަސްޓްރީގެ އެންމެ މަތީ ދަރަޖައިގެ ތައުލީމު ހޯދައިދިނުމަށް ބޮސްގެ ހަރަދުގައި އޭނާ ބޭރަށް ކިޔަވަން ފޮނުވައި ކިޔަވައިދިނޭ."
"އެހެންތަ؟ މިހާރު އޭނާ އުޅެނީ ކޮންތާކު؟" އަހަރެން އަހައިލީމެވެ.
"އެއްވެސް ތާކު ނޫން! އޭނާވީ ބޮޑު ނާކާމިޔާބީއަކަށް. އޭނާ ފެންނަ ކޮންމެ ފަހަރަކު އަހަރެން ދެރަވޭ. އަހަރުމެން އެންމެން ތިއްބާ އޭނާއަށްޓަކައި އެހާ ބޮޑު ގުރުބާނީއެއް ބޮޑުމީހާ ވީއިރު، އެކަމުގެ އަގު ވަޒަންކުރަން އޭނާއަށް ނޭނގުނީ ކީއްވެބާ ހިތައް އަރާފައި ރުޅި އާދޭ. މިއަދު އޭނާއަކީ ކާކުކަން އެނގެނީ ވަރަށް މަދު މީހަކަށް. މުޅި ހަޔާތް ބޭކާރު ކޮށްލަނީ ހަމަ އެގޮތަށް. އެއް ރެސްޓޯރަންޓުން ކޮފީ ބޮއެފައި އަނެއް ރެސްޓޯރަންޓަށް،" ރަހުމަތްތެރިޔާގެ އަޑުގައި ހުރި ހިތިކަން އަހަރެންނަށް އިހުސާސްވިއެވެ.
މިފަދަ ވާހަކަތަކަކީ އަހަރެންނަށް އާ ވާހަކަތަކެއް ނޫނެވެ. އެފަދަ އުންމީދުން ފުރިގެންވާ މީހުންނަށް ދިމާވެފައިވާ "ނާކާމިޔާބީ"ގެ ފަހަތުގައިވާ ސަބަބު އަހަރެންނަށް ވިސްނެއެވެ. އޭރުގައި ތައުލީމީ ފުރުސަތުތައް މީހުންނަށް ލިބޭލެއް މަދުކަމުން އެފަދަ ފުރުސަތެއް ލިބޭ މީހާއަކީ އާދަޔާ ހިލާފު ނަސީބުވެރިން ކަމުގައި ދެކެވެއެވެ. އެހެން ކަމުން އެފަދަ ނަސީބެއް ލިބުނު މީހެއްގެ ކިބައިން "ހާކާލި ބުރުވާލި" ގޮތްތަކެއް ފެނުމުން އެއީ އޭނާއަށް ހޯދައިދިން ފުރުސަތުތަކަށް، ފުރައްސާރައެއް ކަމަށް ބެލެވުމަކީ ގޯހެއް ނޫނެވެ. ނަމަވެސް މިކަން މިގޮތަށް ދިމާވެފައިވަނީ އޭނާގެ ކިބައިގައި އަށަގަންނަވަންޖެހޭ ވަރަށް މުހިންމު ހުނަރެއް އަށަގަންނަވާނޭ ފުރުސަތު ލިބިފައި ނުވުމުންނެވެ.
ޝައްކެއް ނެތެވެ. މިފަދަ "ނާކާމިޔާބީ" މީހުން މުސްތަގުބަލުގައި އަދި ވާނީ އިތުރެވެ. މި ޒަމާނަކީ މީހެއްގެ ކިބައިގައި ހުރި ހުނަރެއް ކުރިއަރުވަން އެތައް ބައިވަރު ފުރުސަތުތަކެއް ފަސޭހަކަމާއެކު ލިބޭ ޒަމާނެކެވެ. ނަމަވެސް މިފަދަ ފުރުސަތުތަކާ އެއްވަރަށް، އަމިއްލަ ބުރަ މަސައްކަތާއި ޒިންމާދާރުވުން ދަސްވާ ފުރުސަތުތަކެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މި ފަދަ ފުރުސަތުތައް ލިބިގެން ދިރިއުޅުމުގެ މައިދާނުގައި މަސައްކަތުގެ އަގުވަޒަންކުރާ ޝަހުސިއްޔަތުތަކެއް ބިނަލެއް ނުކުރެވޭނެއެވެ.
ކުރީގެ ޖީލުތަކާ އަޅާބަލާއިރު، މިއަދުގެ ފުދުންތެރިކަން އިތުރު މާހައުލުގައި ބޮޑެތިވާ ކުދިންނަށް ދިރިއުޅުމުގައި ކުރިއެރުމަށް ދިމާވާ ދަތިތައް މާ މަދެވެ. މިކަމުގެ ސަބަބުން ކާމިޔާބީއާ ހަމައަށް ވާސިލުވާން ވާން ޖެހޭ ގިނަގުނަ މަރުހަލާތައް ދެނެގަނެވި، ވާން ޖެހޭ ގުރުބާނީތައް ތަޖުރިބާ ކުރެވޭލެވެސް މަދެވެ. ގިނަބަޔަކަށް ނުވިސްނޭ ހަގީގަތަކީ، އެހެން މީހުންގެ މުއްފަތުން ކަންކަން ފުދިގެން ހޯދައި އެއްޗެއް އަގުވަޒަން ކުރުމުގެ ގާބިލުކަން އިންސާނުންގެ ކިބައިގައި ލައްވާފައެއް ނުވާކަމެވެ.
ކޮންމެ ބެލެނިވެރިޔެއްވެސް އެދޭނީ އެމީހުންގެ ދިރިއުޅުމަށްވުރެން އެމީހުންގެ ދަރީންގެ ދިރިއުޅުން އުޖާލާކުރާށެވެ. މިޖީލުގެ ބެލެނިވެރިން ދަރިން ދެކެވާ ލޯތްބެއްގެ ބޮޑުކަމުން، އެކުދިންގެ ދިރިއުޅުމުން ހުރިހާ ދަތިތަކެއް ނައްތައިލަން މަސައްކަތް ކުރާތަން ކޮންމެ ދިމާލަކަށް އެނބުރުނަސް ފެންނާނެއެވެ. ދަރިންގެ ކަންކަމުގައި މައިންބަފައިން ހުއްޓުމެއް ނެތި ރޭދުވާ ހޭދަކުރާތަން ފެންނަލެއް ގިނައެވެ. އެކުދިންގެ "ހައްގު" ތަކުގައި ވަކާލާތުކުރާ ބެލެނިވެރިންގެ ގްރޫޕުތައް ބައިވަރެވެ. އެކުދިންނަށް ކުރިމަތިވާ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކޮށްދޭން މަސައްކަތް ނުކޮށްދެވިއްޖެޔާ މައިންބަފައިނަށް ކުށްވެރިވާކަމުގެ އިހުސާސުކުރެވެއެވެ. ކުއްޖާއަށް ކަމެއް ބޭނުންވެއްޖެކަން އެނގުމުގެ ކުރިން އޭއްޗެއް ހޯދައިދެއެވެ. މިކަންކަމުގެ ސަބަބުން ކުދިން ބޮޑެތިވެ ފުރާފުރިހަމަވާއިރު ކެތްތެރިވުމާއި، ބުރަމަސައްކަތާއި، ނަތީޖާއާ ދެމެދު އޮންނަ ގުޅުން އޮޅުމެއް ނުފިލައެވެ.
މިއީ ބެލެނިވެރިން ވިސްނަންޖެހޭ ބޮޑުކަމެކެވެ. އިންސާނުންގެ ކިބައިގައި ގާބިލުކަން އަށަގަންނަނީ ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލާން ދަސްވެގެންނެވެ. ހުރިހައި ކަމެއް ފަސޭހައިން ވާނަމަ ބުރަމަސައްކަތުން ކުރަން ޖެހޭ ކަމަކާ ކުރިމަތިލުމުން އެކަމުން ރެކިގަނެ އެފަދަ ކަންކަމާ ދުރުހެލިވާން މަސައްކަތްކުރެއެވެ. ސަބަބަކީ އެމީހުންނަށް ނާކާމިޔާބުވާން ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެފަދަ ކަމަކާ ކުރިމަތިލާކަށް އެކުދިންގެ މައިންބަފައިން ތަނެއް ނުދެއެވެ. އެމީހުންގެ ބަދުނަސީބަކީ ކޮންމެ ކަމެއް ކުރިޔަސް އެމީހުންގެ ބޮލުގައި ފިރުމައިފައި "ހާދަ މޮޅޭ" ބުނާ ބެލެނިވެރިންނޭ ބުނެވިދާނެއެވެ.
ދާދި ފަހުން ބޮޑު ކުންފުންޏެއްގެ ސީއީއޯ މި ޒަމާނުގެ ކުދިން މަސައްކަތުގެ މާހައުލުގައި ހަރުނުލައި ވާހަކަ ދެއްކި އަޑުއެހީމެވެ. މި ޖީލުގެ ކުދިންގެ ހިޔާލު ތަނަވަސްވެފައި ތިޔާގި ވިނަމަވެސް ކެތްތެރިކަމާއެކު ކުރަންޖެހޭ ކަންކަން ކުރުމުގެ ހިތްވަރެއް ނެތްކަން އޭނާ ފާހަގަކުރިއެވެ. ކިރިޔާވެސް ބުރަކަމެއް ދިމާވުމުން އެ ތަނަކުން ވަކިވެއެވެ. އަދި ޕްލެޓްފޯމުތަކުގައި ވަޒީފާދޭ ފަރާތްތަކުން އެމީހުންނަށް ދޭން ޖެހޭ "ހައްގުތައް" ނުދޭ ކަމަށް ބުނެ އަޑުއުފުލަން ފަށައެވެ.
ޒުވާން ޖީލުގެ މިފަދަ އަމަލުތަކުން ދޭހަވަނީ ވަޒީފާގެ މާހައުލުގައި ހުރި މައްސަލަތައް ކަމަށް ބައެއް މީހުންނަށް ދެކެވުނު ނަމަވެސް މީގެން ފާޅުވަނީ މަސައްކަތުގެ މާހައުލުގައި އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަން ނުކުޅެދިފައިވާ ޖީލެއްގެ ނިޝާންތަކެވެ. އަމިއްލަ ޝަހުސިއްޔަތު ބިނާކުރުމަށް ފުރުސަތު ލިބުމުން އެ ފުރުސަތުގެ ބޭނުންކުރުމަށް ނުކުޅެދިފައިވާ ބަޔަކު ވާކަމެވެ. މި މީހުން ވަޒީފާއަކަށް ފަހު ވަޒީފާއެއް ދޫކޮށްލަމުން ދާއިރު ކައިރީގައި ތިބޭ މީހުން އެމީހުންގެ އަމަލުތަކަށް ހިތްވަރުލައިދޭން ތިބެއެވެ. ވަކި ހިސާބަކުން އެމީހުން އެއްވެސް ތަނެއްގައި ހަރުނުލައިގެން އެވާހަކަ ދައްކަނީވެސް މިގޮތަށް ހިތްވަރުލައިދޭން ތިބޭ މީހުންނެވެ. އެކަމަކު އޭރު އޮންނަނީ ވަގުތު ފާއިތުވެފައެވެ.
ނަފްސާނީ އިލްމުވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކުދިންގެ ކިބައިގައި ޝަހުސިއްޔަތު އަށަގަންނަނީ ކުރާ ކަންކަމަށް ހިތްވަރުދިނުމުގެ ބަސްތައް އިވިގެން އެކަންޏެއް ނޫނެވެ. ކަމެއް ކުރުމުގައި ދެމިހުރުމުގެ ސިފަ އަށަގެންނެވުމުގެ ސިޔާސަތު ކުދިންގެ ކިބައިގައި ހަރުލައްވަން އެބަޖެހެއެވެ. އަމިއްލައަށް މަސައްކަތްކޮށް، ކަންކަމުގައި ބައިވެރިވެ، ދަތިތަކާއެކުވެސް ކުރިއަށްދާން ދަސްކުރުމުން، ހެޔޮ އަމަލުތަކުގައި ދެމިހުރުމުގެ މުހިންމުކަން އެމީހުންނަށް ވިސްނެއެވެ. މިފަދަ ތަޖުރިބާތަކެއް ނެތުމުން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބަލިކަށިވެއެވެ.
އަމިއްލަ މަސައްކަތުން ކަންކަން ހާސިލުވާނޭ ކަމުގެ ގާބިލިއްޔަތުކަން ތިމާގެ ކިބައިގައި ވާކަން އިހުސާސްވުމަކީ އިންސާނީ ދިރިއުޅުމުގެ އަސާސީ ބޭނުމެކެވެ. އަމިއްލައަށް ކަންކަން ނިންމުމާއި ޒިންމާ އުފުލަން ފުރުސަތު ލިބޭ ކުދިންގެ ކިބައިގައި ހިތްވަރާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ. ބެލެނިވެރިން ކޮންމެ ކަމަކަށް އަތްބާނާނަމަ، ކުދިންގެ ކިބައިގައި ހުންނަންޖެހޭ މި މުހިންމު ސިފަތައް އަށެއްނުގަނެއެވެ.
އެ ރެސްޓޯރަންޓުގައި އިން މީހާ ނާކާމިޔާބުވީ ފުރުސަތު ނުލިބިގެންނެއް ނޫނެވެ. އޭނާ ނާކާމިޔާބުވީ، ލިބުނު ފުރުސަތުގެ ބުރަދަން އުފުލަން ދަސްވުމުގެ ކުރިން ކިޔަވައިގެން ކުރިއަރަން ފުރުސަތު ލިބުނީތީއެވެ. މަސައްކަތުގެ މާހައުލުތައި ބުރަ މަސައްކަތުން އޭނާގެ ގާބިލުކަން ސާބިތުކޮށްދޭން ނުޖެހި ތަބަކަކަށް ލައިފައި އޭނާގެ ހުނަރުކުރިއަރުވަން ފުރުސަތު ލިބުނީމައެވެ. ބުރަ މަސައްކަތުން ކަންކަން ހާސިލުކުރަން ދަސްވުމުން މީހުންނަށް ލިބެނީ މާއްދީ ކުރިއެރުން އެކަންޏެއް ނޫނެވެ. އެ ލިބޭ ކުރިއެރުން އަގުވަޒަންކޮށް ދަމަހައްޓާނެ ޤާބިލިއްޔަތުކަންވެސްމެއެވެ.
