Support Us

ގޮތް ނިންމުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ޒުވާނުންނަށް ފުރުސަތު ދޭންޖެހޭ: ރައީސުލްޖުމްހޫރިއްޔާ 

ގޮތް ނިންމުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ޒުވާނުންނަށް ފުރުސަތު ދިނުމަކީ، އެންމެ ބިނާކުރަނިވި، ދެމެހެއްޓެނިވި އަދި މާނަހުރި ގޮތުގައި މި ޤައުމު ތަރައްޤީކުރަންޏާ އެކަން ކުރަންޖެހޭނެ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް ޤައުމު ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެން ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނޭޝަނަލް ޔޫތު ކޮންފަރެންސްގެ ހަ ގްރޫޕަކުން، ހަ ދާއިރާއެއްގެ މައްޗަށް ޕްރެޒެންޓޭޝަންތައް ހުށަހަޅައި، މަޝްވަރާތައް ކުރިއަށްދިޔައެވެ. މި ޕްރެޒެންޓޭޝަންތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ޕްރެޒެންޓޭޝަނެއްގައި ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކުރައްވައި އެކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގޮތް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމުކަމަށާއި ރާއްޖޭގައި ޒަމާނުއްސުރެ ކަން ހިނގަމުންދާ ގޮތަށް ބަލާނަމަ، ހަރުދަނާ ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން ނެތްކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ހައްލު ގެނައުމަށްޓަކައި އެކަން މެނިފެސްޓޯގައި ހިމަނުއްވައި، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފެއްދެވިކަން ފާހަގަކުރެއްވިއެވެ. އަދި ދިމާވި އެކިއެކި ގޮންޖެހުންތަކާއެކުގައިވެސް އެ ބޯޑުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުން ގެންދި ޔަކަމަށާއި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އެ ބޯޑުގެ މަސައްކަތް އިތުރަށް ރަނގަޅުކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުންގެ ފަރާތުން ރޭ ފާޅުކުރި ބައެއް ކަންކަމަށް ނިސްބަތްކުރައްވައި، ޒުވާނުންގެ އިސްނެގުމުގައި ހިންގާ ވިޔަފާރިތަކުގެ ނިސްބަތް މަދުކަން ފާހަގަކުރައްވައި، އެކަންކަން ރަނގަޅުކުރެއްވުމަށް ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަށްދިއުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. ސްކޫލް ސިސްޓަމްގެ ތެރެއިން ގެނެވޭނެ އެކިއެކި ހައްލުތަކާއި ސްކޫލް ނިންމުމަށްފަހު ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އޭ-ލެވެލް ޕާތުވޭގެ ތެރެއަށްވެސް ވޮކޭޝަނަލް ޕާތުވޭއެއް މިހާރު ގާއިމުކުރެވިފައިވާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުން ކުރިއަރައިދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުވެރިކަން ނުލިބުން ކަމަށާއި އެކަން ހައްލުކުރުމަށްޓަކައި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން، އެ ޒުވާނުންގެ އަމިއްލަ ރަށާއި ރިސޯޓުތަކާއި ކައިރިން ބޮޑެތި އާބާދީތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް އިސްކަންދެއްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ހަމައެކަނި މާލެ ސަރަހައްދަށް ފޯކަސްކުރުމުގެ ބަދަލުގައި ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން 800 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށް އެކި ރަށްރަށުގައި ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައިވެސް، ޒުވާނުންނަށާއި ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ، އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކި އިންސައްތައެއް ޚާއްޞަކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި ހިންގާ ހިޔާވަހިކަމުގެ މަޝްރޫޢުތަކުންވެސް ޒުވާނުންނަށާއި އަލަށް ކައިވެނިކޮށް ވަކި ދިރިއުޅުމެއް ފަށާ ފަރާތްތަކަށް ފުރުސަތު ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *