ހުސްވި އޮކްޓޯބަރު މަހު އިންޑޮނީޝިއާގެ ބާލީގެ ހޮޓަލެއްގައި 27 އަހަރުގެ ކެރޮލީނާ ކްރިޒާކް މަރުވެފައި އޮއްވައި ފެނުމާއެކު، އޭނާގެ މަރުގެ ސަބަބާ ބެހޭގޮތުން އޮންލައިންގައި ވަރަށް ބޮޑެތި މަޝްވަރާތަކެއް ފެށިގެން ދިޔައެވެ. ޕޮލަންޑަށް އުފަން ސޯޝަލް މީޑިއާ އެކްޓިވިސްޓް މަރުވިއިރު، ހަށިގަނޑަށް ބޭނުންވާ މުހިންމު ކާނާގެ ބައިތައް ދިގު މުއްދަތަކަށް ނުލިބުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ވަނީ ވަރަށް ނިކަމެތިވެ، އަނަރޫފަވެފައެވެ. މަރުވިއިރު އޭނާގެ ބަރުދަނުގައި ހުރީ އެންމެ 22 ކިލޯއެވެ.
ކެރޮލީނާގެ އެހާ ބޮޑަށް ހަށިގަނޑު އަނަރޫފަވެފައިވަނީ އެއްވެސް މީހެއްގެ އިހުމާލުން ނުވަތަ އަޅައިނުލުމަކުން ނޫނެވެ. ކެރޮލީނާއަކީ އޭނާގެ ކެއުމުގެ އާދަތައް ވަރަށް ހަރުކަށި އުސޫލުތަކަކަށް ބައްޓަންކޮށްގެން އުޅުނު މީހެކެވެ. ފަސް އަހަރު ވަންދެން އޭނާ ދިރިއުޅެމުން ގެންދިޔައީ ހަމައެކަނި މޭވާ ކައިގެންނެވެ. ކައްކައިފައި ހުންނަ ކާނާ، ޕްރޮޓީންގެ ބާވަތްތައް، އަދި ހަށިގަނޑަށް މުހިންމު ސަރުބީ ލިބޭ ތަކެއްޗެއް އޭނާ ނުކައެވެ. މޭވާ އެކަނި ކެއުމުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ވާހަކަ އޭނާގެ ސޯޝަލް މީޑިޔާގެ ޕޭޖުތަކުގައި ދައްކައިފައި ވެއެވެ. ނަމަވެސް، ހަރުދަނާ ކަމެއް ނެތް މި އުސޫލުގެ ސަބަބުން ހަރުދަނާ ދުޅަހެޔޮ ދިރިއުޅުމަކުން އޭނާ މަހުރޫމުވީއެވެ.
ކެރޮލީނާގެ މި ޑަޔަޓަށް ކިޔަނީ "ފްރޫޓޭރިއަނިޒަމް" އެވެ. މިއީ އޮންލައިންގައި މަގުބޫލުކަން ލިބިފައިވާ "ހަށިގަނޑު ސާފުކުރުން" ނުވަތަ "ޑީޓޮކްސިފިކޭޝަން" އަށް މީހުން ހުށަހަޅާ ގޮތްތަކުގެ ތެރެއިން އެއް ގޮތެވެ. މިކަމަށް ތާއީދުކުރާ މީހުން ގަބޫލުކުރާ ގޮތުގައި މިއީ އިންސާނުންގެ ކުރީގެ ފިތުރީ އާދަކާދަތަކަށް ރުޖޫއަވެ، ހަށިގަނޑު ބަރުހެލިކަމުން ސަލާމަތްކޮށްދޭ ޑަޔަޓެކެވެ. ނަމަވެސް، މި ޑަޔަޓަކީ އެއްވެސް މެޑިކަލް ޕްރޮފެޝަނަލެއް ތާއީދުކުރާ ޑަޔަޓެއް ނޫނެވެ. ޑޮކްޓަރުން ބުނާ ގޮތުގައި "ފްރޫޓޭރިއަނިޒަމް" އަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް އެންމެ މަދުން ލިބޭ އެންމެ ގެއްލުން ހުރި އެއް ޑަޔަޓެވެ.

މޭވާއިން ވިޓަމިން، ފެން، އަދި ކާބޯހައިޑްރޭޓްސް ލިބުނު ނަމަވެސް، ހަށިގަނޑަށް އެކަށީގެންވާ ޕްރޮޓީން، މުހިންމު ފެޓް، ވިޓަމިން ބީ 12، ދަގަނޑު، ކެލްސިއަމް، އަދި ޒިންކެއް ނުލިބޭނެއެވެ. މި މާއްދާތައް ނުލިބުމުން، ހަށިގަނޑުގެ ޓިޝޫތައް ބައިބައިވެ ރޫޅެން ފަށައެވެ. ނަތީޖާއެއްގެ ގޮތުން، ހަށިގަނޑުގެ މަސްތައް ބަލިކަށިވެ، ގުނަވަންތަކުގެ މަސައްކަތަށް ބުރޫއަރައެވެ. އަދި ކަށިތައް ފީވެ، ބަލިތަކުން ރައްކާތެރިވާ ނިޒާމު ބަލިކަށިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، އިންޑޮނޭޝިއާގެ ބާލީއަށް ކެރޮލީނާ ދިޔައިރުވެސް ހުރީ ވަރަށް ބަލިކަށިކޮށެވެ. ރިސޯޓުގެ މުވައްޒަފުންނަށް އޭނާގެ ބަލިކަން ފާހަގަވެ، އޭނާއަށް މެޑިކަލް ފަރުވާދީ އެހީތެރިވެދޭން މަސައްކަތްކުރިއެވެ. ނަމަވެސް ކެރޮލީނާ އެކަމަށް އިންކާރުކުރިއެވެ. އޭނާ އެދުނީ އޭނާގެ ކޮޓަރިއަށް ހަމައެކަނި މޭވާ ފޮނުވައިދިނުމަށެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާގެ ހަބަރެއް ނުވެ ކޮޓަރިއަށް ގުޅައިގެން ފޯނު ނުނެގުމުން ޗެކް ކުރަން ވަނތް އިރު އޭނާ އޮތީ މަރުވެފައެވެ.

ކެރޮލީނާގެ ގާތް މީހުން އޭނާގެ މަރަށް ފަހު ބުނީ، އޭނާއަކީ ވަރަށް ކުރިން ފެށިގެން "އީޓިން ޑިސްއޯޑަރ" އެއް ތަހައްމަލުކުރަމުން ދިޔަ މީހެއް ކަމުގައެވެ. ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި އޭނާއަށް އެކަމަށް ކުޑައިރު ފަރުވާވެސް ދީފައިވެއެވެ.
މިކަމަކީ ޖިސްމާނީ ދިރިއުޅުމަށް އޭގެ ސަބަބުން އަސަރުކުރާތަން ފެންނަ ބައްޔެއް ނަމަވެސް ހަގީގަތުގައި މިއީ ނަފްސާނީ މައްސަލައެކެވެ. މި މައްސަލަ ހުންނަ މީހުން ކެއުމުގެ ވަރަށް ހަރުކަށި އުސޫލުތައް ގެންގުޅެއެވެ. ގިނަ ފަހަރަށް އެ މައްސަލަ ފެންމަތިވަނީ ހަށިގަނޑުގެ ބައްޓަމާ މެދު ކަންބޮޑުވުން އުފެދި، ކެއުން ކޮންޓްރޯލުކުރުމަށް މަސައްކަތްކޮށް، "ނުރައްކާތެރި" ކަމަށް އެމީހުންނަށް ފެންނަ ކާނާ ނުކާން ފަށާ ހިސާބުންނެވެ.
މި ހާލަތު ތަހައްމަލުކުރާ މީހުންނަށް އެއްޗެހި ނުކައި ގިނަ ވަގުތު ހޭދަކުރުން، ނުވަތަ ވަކި ވައްތަރެއްގެ ކާނާއާ ދުރަށް ދިޔުމަކީ ސިއްހަތަށް ރަނގަޅުކަމެއް ކަމުގައި ވިސްނެއެވެ. އެހެންކަމުން ހަށިގަނޑުން އެއީ ގޯހެއްކަން އަންގައިދޭ ސިގްނަލުތައް އެމީހުންނަކަށް ނަގައެއް ނުގަނެވެއެވެ. ބައެއް ފަހަރު މި ހާލަތުގައި އުޅޭ މީހުންގެ އުޅުމުން އެމީހުންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅު ކަމުގައި ފެނި، އެމީހުންގެ ތަޖުރިބާއިން ހިތްވަރު ލިބިގެން އެހެން މީހުންވެސް އެ ގޮތަށް ކަންތައް ބަހައްޓަން މަސައްކަތްކުރި ނަމަވެސް، އެއީ ތާކުންތާކުން ނުޖެހޭ ކަމެއް ކަން ވަކި ހިސާބަކުން ފާޅުވެއެވެ. އެމީހުންގެ ހާލަތުގެ ނުރައްކާތެރިކަން އެނގެނީ މިފަދަ ހާދިސާއެއް ދިމާވީމައެވެ. މި ނަފުސާނީ ބަލިމަޑުކަމުގެ ސަބަބުން އެމީހުންނަށް އެ އާދަތަކުން ހަށިގަނޑާއި ދިރިއުޅުން ހަލާކުވަމުންދާ ކަމެއް ނުވިސްނެއެވެ.

ކެރޮލީނާ ފަދައިން މިފަދަ ހަރުކަށި ގޮތްގޮތުން ހަށިގަނޑު ހިމަ ތޮޅިކޮށް ބަހައްޓަން މަސައްކަތްކުރާ އެތައް ބަޔަކު އޮންލައިން ކޮމިޔުނިޓީތަކުގައި އުޅެއެވެ. ވަރަށް ގިނަ ބަޔަކު ދަނީ މިޒަމާނުގެ ފެޝަން އިންޑަސްޓްރީން ކަނޑައަޅާ ރީތީގެ މިންގަނޑުތަކަކީ މި މައްސަލައިގެ އަސްލުކަމުގައި ދެކި ފާޑުކިޔަމުންނެވެ. މީހުން މަޝްހޫރު މޮޑެލްތައް ގޮތަށް ތިބުމަށްޓަކައި ޑޮކްޓަރީ ލަފާ ނުހޯދައި، އޮންލައިން އިން މީހުން ދޭ ލަފާ ނަގައިގެން ފާޑުފާޑުގެ ޑަޔަޓުތައް ޖެއްސުން ވަނީ މިހާރު އާދައަކަށް ވެފައެވެ. މި ގޮތްގޮތަށް އަމަލުކުރާ މީހުންނަށް ހަށިގަނޑުގެ ރީތިކަން އިސްކުރާއިރު، ހަށިގަނޑަކީ ވަކި ބަޔޮލޮޖިކަލް ބޭނުންތަކެއް ފުއްދުމަށް ދެއްވައިފައިވާ އެއްޗެއްކަން ހަނދާނެއް ނުހުރެއެވެ. އަދި އެ ބޭނުންތައް ފުއްދުމަށް ހަށިގަނޑަށް ދޭންޖެހޭ ވަކި ކާނާތަކެއް ވާކަން ވިސްނާކަށް ބޭނުމެއް ނުވެއެވެ.
އެހެންކަމުން ސިއްހީ ލަފާ ނުހޯދައި ކެޔުމަށް ބަދަލުތައް ގެންނަން މަސައްކަތްނުކުރާށެވެ. ބައެއް ފަހަރު އެންމެ މުހިންމު ނިންމުމަކީ، ހަށިގަނޑު ރަނގަޅު ނުކުރެވޭ ހިސާބަށް ދިއުމުގެ ކުރިން، ހަށިގަނޑު ދޭ އިންޒާރުތަކަށް ކަނުލައި އަޑުއަހަން ނިންމާ ނިންމުމެވެ.



advertisment