Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދިވެހީންގެ ޤައުމުގައި ދިވެހީން ބިކަވެއްޖެ!

މީގެ ދެތިން ހަފުތާ ކުރީގެ ރެއެކެވެ. ފަތިސް ގަޑިއެވެ. މިސްކިތަށް ދިއުމަށް ގެއިން ނިކުތް ވަގުތު ޕޭވްމެންޓު މަތިން ހިނގައިފައި ދިޔަ ބިދޭސީ، އެފްރިކާ ނަސްލުގެ އަންހެނެކެވެ. ލައިގެން ހުރީ ގަޔަށް ބާރު، ދިވެހި-އިސްލާމީ ސަގާފަތާ ބީރައްޓެހި، ވަރަށް "ކުޑަ" ހެދުންކޮޅެކެވެ. ބަލާ ބެލުމަށް ލަފާ ކުރެވެނީ ބޭރުގެ ވަރަށް ގިނަ ޤައުމުތަކުގެ މަގުތައް މަތީން ދަންވަރު ގަޑީގައި ފެންނަ ކަހަލަ ހަށިވިއްކާ އަންހެނެއް ކަމަށެވެ. އޭނާ ހުރީ ހަމަހޭގައި ހެނެއް ހިއެއްނުވެއެވެ. ޖަހަނީ، މުޅި ރޭ ހޭލާ ހުރެ، ޕާޓީކޮށް، މަސްތުވެގެން ހުރި ވައްތަރެވެ. މާލޭގައި މިހާރު ދަންވަރު ޕާޓީކޮށް، ޕާޓީ ޑްރަގްސް ބޭނުންކޮށް، ރާ ބޮއެ، ޒިނޭކޮށް، އެއް ޖިންސުން ގުޅުން ހިންގައި، ޖުވާ ކުޅޭ ޕާޓީތައް ބާއްވާ ކަމަށް ވާހަކަ ދެކެވެއެވެ.

ބަނގްލަދޭޝް ފިރިހެނުން، ސައިކަލުގެ ފަހަތަށް ލޯ ކުޑަ، ދޮން އަންހެން ކުދިން ލައިގެން ދުއްވާ މަންޒަރު ވެސް ވަރަށް ގިނައިން ފެނެއެވެ. މިއީ ބަންގްލަދޭޝް މީހުން އަޑީގައި ތިބެގެން ހިންގާ ހަށި ވިއްކުމުގެ އޮޕަރޭޝަންތައް ކަމަށް ލަފާ ކުރެވެއެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ އާއި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ބައެއް ބިދޭސީން އުޅެމުންދާތީ ދަންވަރު 12 އިން ހެނދުނު ހަޔަކާ ހަމައަށް އާންމު ތަންތަނުގަ އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލު ކުރަން ފުލުހުންނަށާއި ކަމާ ގުޅޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ބުދަ ދުވަހު އެންގެވީ މިފަދަ ސަބަބުތަކާ ގުޅިގެން ކަމަށް ފެނެއެވެ.

ހުރިހާ "ނާސިގެ" ތައް ބަންދު ކުރުން

ބިދޭސީންނާ ގުޅިގެން މާލޭގައި، "މަސާޖް ޕާލޯ"ގެ ނަން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ހިންގާ "ނާސިގެ" ތަކުގެ ތެރެއިން މި ޑިސެމްބަރު މަސްތެރޭ އެތައް ތަނެއް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ރެއިޑްކޮށް، 30 އަށް ވުރެ ގިނަ ތަން ބަންދުކޮށް، ހަށި ވިކަމުން ދިޔަ އެތައް ބިދޭސީންނެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެފަދަ ތަންތަން ރެއިޑްކޮށް ބަންދު ކުރަން ފެށުމުން އިތުރު ތިރީހަކަށް ތަން ވަނީ އަމިއްލައަށް ބަންދުކޮށް، އޮޕަރޭޝަން ހުއްޓަލާފައި ކަމަށް ދާދި ފަހުން ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މާލޭގައި، ބޮޑު ނަން ބޯޑު ޖަހައިގެން ސްޕާއޭ، ސެލޯން އޭ، މަސާޖް ޕާލޯ އޭ ކިޔައިގެން މި ހިންގާ ގިނަ ތަންތަނަކީ ހަޤީގަތުގައި ހަމަ ފާހިޝް ހާނާތަކެވެ. ނާސިގެތަކެވެ. ސަތޭކަ ޕަސެންޓު އިސްލާމީ ޤައުމެއްގައި އަންހެނުން ފިރިހެނުންގެ ގައިމޮޑޭ ތަންތަން ހިންގިގެން ނުވާނެއެވެ. އަދި ފިރިހެނުން ފިރިހެނުންގެ ގައި، ނުވަތަ އަންހެނުން އަންހެނުންގެ ގައި މޮޑޭ ތަންތަން ވެސް، އެއްވެސް ނަމެއް ކިޔައިފައި ހިންގިގެން ނުވާނެއެވެ. މަސާޖް ޕާރޯ ނުވަތަ ސްޕާގެ ނަމުގައި ވެސް، ރާއްޖޭގެ މީހުން އުޅޭ އެއްވެސް ރަށެއްގައި އެފަދަ އެއްވެސް ތަނެއް ނުހުންނާނެހެން މި ހުރިހާ "ނާސިގެ"ތައް ބަންދު ކުރުމަށް ރައީސް މުއިއްޒަށާއި، ހޯމް މިނިސްޓަރ އިހްސާނަށް އަޅުގަނޑު ގޮވާލަމެވެ.

ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ.

ބިދޭސީން ވެސް ޤާނޫނާ އެއްގޮތަށް ރާއްޖޭގައި އިންވެސްޓްކޮށް، އެމީހުންގެ ވިޔަފާރިން ދިވެހި ދައުލަތަށް ޓެކްސް ދައްކައިގެން، ޤާނޫނީ އިމުގެތެރެއިން ވިޔަފާރިކޮށް މުއްސަނދިވުމުގެ ފުރުސަތު އެބައޮތެވެ. އެފަދައިން އެކަން ކުރުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް ދިވެހިންގެ ނަމުގައި ބިދޭސީން ކުދި ވިޔަފާރިތަކަށް ވަދެ، ޤާނޫނާ ހިލާފަށް ހުރިހާ ވިޔަފާރިއަކަށް ވަދެ، ހަށި ވިއްކުމުގެ ވިޔަފާރި އާއި، މަސްތުވާ އެއްޗެތީގެ ވިޔަފާރި ހިންގައި، މަނީ ލޯންޑަރކޮށް، ދިވެހީންނަށް ވުރެ މިޤައުމުގައި ބިދޭސީންގެ ބާރު ގަދަކޮށް، ހިތު ހުރިހާ ގޮތަކަށް އުޅެން ހުއްދަ ދެވިގެން ނުވާނެއެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލު ކުރައްވަން، ތަފާތު އެކި ގޮތްގޮތަށް ފައްޓަވާފައިވާ މަސައްކަތް ތަކަކީ ތައުރީފް ހައްޤު، އެހެން އެއްވެސް ސަރުކާރަކަށް ކުރަން ނުކެރިފައި އޮތް، ވަރުގަދަ، މުހިއްމު މަސައްކަތެކެވެ.

ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވީ ދިވެހީންގެ ނަމުގައި ބިދޭސީން ވިޔަފާރިތަކަށް ވަނުމުން، އެފަދަ ވިޔަފާރިތައް އެވަނީ ބޭރުފުށުން ޤާނޫނަށް ފެތިފައި ކަމަށާއި އެފަދަ ބިދޭސީ ފަރާތްތަކާ ދެކޮޅަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. ނަމަވެސް އިންޑިއާ ނުވަތަ ސްރީލަންކާ ފަދަ ޤައުމަކަށް ދިވެހީން ގޮސް، އެޤައުމުގެ މީހެއްގެ ނަމުގައި ވިޔަފާރިކޮށްފި ނަމަ، ޤާނޫނު އޮތް ތާނގައި ބާއްވައިފައި ހުއްޓުނު ގޮތަކަށް އެޤައުމުގެ މުއައްސަސާ ތަކުން އެކަން ހުއްޓުވާނެއެވެ. ޤާނޫނުގެ "ބެކް-ޑޯ" އިން ވަދެ، ލޫޕް-ހޯލް ހޯދައިގެން ހިންގާ މިފަދަ ވިޔަފާރިތައް ދިވެހި ދައުލަތުން ހުއްޓުވާނަމަ އެކަން ކުރެވޭނީ ދައުލަތުގެ މުއައްސަސާ ތަކުން ވެސް ޤާނޫނުގެ "ބެކް-ޑޯ" އިން ވަދެގެންނެވެ. ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ.

ދިވެހީން ބިދޭސީންނަށް އަޅުވެތިވެފައިވާ މިންވަރު

މަސާޖް ޕާލޯތައްވެސް ބަންދު ކުރަންވީ އެވެ. ބިދޭސީން ޤަވާއިދާ ހިލާފަށް ހިންގާ ހުރިހާ ވިޔަފާރިއެއް މުލުން ލުހެލައި ހުއްޓުވަންވީ އެވެ. ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ހުރިހާ ވިޔަފާރިއަކަށް އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ މީހުން ވަދެ ވަކި ހިއްޕާލައިފިއެވެ. ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހްމަދު ފަސީހް، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރަހައި ދެއްވީ ދިވެހިން ބިރުން ފިއްކަނޑައިގެންދާ ވަރުގެ މަންޒަރެކެވެ. ބިދޭސީ މީހާ ވިޔަފާރި ހުއްދަ ނަގަނީ ނުވަތަ ކުންފުނި ރަޖިސްޓްރީ ކުރަނީ ދިވެއްސެއްގެ ނަމުގައެވެ. އޭގެ ފަހުން ދިވެހި މީހާ އަށް މަހަކު ދިހަ ވަރަކަށް ހާސް ރުފިޔާ ދެއެވެ. ކެފޭ އެއް ހިންގިއަސް، ފިހާރައެއް ހިންގިއަސް، ގާޑިޔަލެއް ހިންގިއަސް، އަދި އެއަށް ވުރެ ބޮޑެތި ވިޔަފާރިތައް ކުރިއަސް، ހުރިހާ ފައިސާއެއް ދަނީ ބިދޭސީ މީހާގެ އެކައުންޓަށެވެ. އެތާނގެ ވަޒީފާގައި އުޅެނީ ގިނައިން ބިދޭސީންނެވެ. އެމީހުން ކާނެ ކެފޭ ހިންގަނީ ބިދޭސީންނެވެ. ދިވެހި މީހާ ބަދަލުވަނީ އާދައިގެ މުސާރަވެރިއަކަށެވެ. ފަސީހު ވިދާޅުވީ އެފަދަ ބިދޭސީއަކު ބަންދުކުރާ އިރަށް އޭނާގެ ދިފާއުގައި ދިވެހި އެތަކެއް ވަކީލުން އަންނަ ކަމަށެވެ. ފަސީހު އެ ވިދާޅުވެދެއްވީ، ރާއްޖޭގައި ބިދޭސީންގެ ބާރާއި ނުފޫޒު އޮތް ވަރެވެ. ދިވެހީން އެ މީހުންނަށް އަޅުވެތިވެފައިވާ މިންވަރެވެ. ރައީސް އިބްރާހީމް ނާސިރު މި ޤައުމުން ބޭރު ކުރެއްވި "ވޯރާ" ވިޔަފާރިވެރިން އަނެއްކާ، އެއަށް ވުރެ ގަދަކޮށް، ޤައުމުގެ ބެކް-ޑޯ އިން ވަދެ ޤައުމު މިއޮއްގެން ހިފަނީ އެވެ!

މިކަން ހުއްޓުވޭނީ މި ސަރުކާރަށެވެ.

މާލޭގެ އެކިއެކި ކަންކަން މަތީގައި، ނުވަތަ ހަނި ގޯޅިތަކުގައި ހިންގާ ކޮފީ ކޯނަރުތަކާއި، ކެފޭ ތަކާއި، ސައި ހޮޓާ ތަކާއި، ކަންމަތީ ގިނަ ފިހާރަތައް ހިންގަނީ ބިދޭސީންނެވެ. ބޮޑެތި ރެސްޓޯރަންޓް ތަކާއި، މޮބައިލް ފޯނު ވިއްކާ/ މަރާމާތު ކުރާ ފިހާރަތައް ވެސް މިހާރު މައިގަނޑު ގޮތެއްގައި ހިންގަނީ ދިވެހީންގެ "ނަމުގައި" ބިދޭސީންނެވެ.

މާލޭގެ ބާޒާރުމައްޗާއި ބާޒާރުމައްޗާ ގުޅިފައި ހުރި ކުދިކުދި ގޯޅިތަކާއި، މަގުތަކުގައި ހުރި ގިނަ އަދަދެއްގެ ފިހާރަތަކަށް ވަދެލުމުން، ވިޔަފާރީގެ ތެރޭގައި އޮތް، ބިދޭސީންގެ ކޮންޓްރޯލް ވަރަށް ސާފުކޮށް ފެނެ އެވެ. ކުލި ބޮޑުވެގެން ދިވެހި ބައެއް އާންމު ވިޔަފާރިވެރިންނަށް އަތް ނުލެވޭ ފިހާރަތަކަށް އެއްފަހަރާ ބޮޑު އެޑްވާންސެއް ދީގެން ބިދޭސީން ކުއްޔަށް ނަގައިގެން އެބަ ހިންގަ އެވެ. ބޭރުން މުދާ ގެނެސްގެން ފުޅާ ދާއިރާއެއްގައި ހޯލްސޭލް ކުރެ އެވެ. އެންމެ މަތިން ފެށިގެން އެންމެ އާދައިގެ މުވައްޒަފުންނަށް މުޅިން ވެސް ބިދޭސީން ލައިގެން އެތައް ބައިވަރު އިންޑިއާ މީހުންނާއި ލަންކާ އަދި ބަންގްލަދޭޝްގެ މީހުން މާލޭގައި އެކި ބާވަތުގެ ވިޔަފާރިތައް އެބަ ކުރެ އެވެ. ބޮޑެތި ގުދަންތައް ހިފައިގެން، އެ މީހުން ކުރާ އެ ވިޔަފާރިތައް މިހާރު އޮތީ އަތްލެވޭ ހިސާބަށް ވުރެ މާ ފުޅާ ވެފަ އެވެ.

ލިބޭ ހުރިހާ ލާރިއެއް ޑޮލަރަށް ހަދައިގެން، ކޮންމެވެސް ކުންފުންޏެއްގެ ނަމުގައި، މުދާ ގަންނަން ކަމަށް ހަދާފައި އެއްކަލަ ޑޮލަރުކޮޅު ބޭރަށް ކަހާލައެވެ. މިއީ ދިވެހި އިގްތިސޯދުގެ ފުލުގައި އެޅިފައިވާ ބޮޑު ލޯވަޅެކެވެ. ދިވެހީންގެ އަތުން ކުދި ވިޔަފާރިތައް ބީވެ، ދިވެހީންގެ އަމިއްލަ ޤައުމުގައި ދިވެހީން ބިކަ ވެއްޖެއެވެ. މިއީ ހަމަ އެކަނި މީހުން އުޅޭ ރަށްރަށުގެ ވިޔަފާރިތަކުގައި ބިދޭސީންގެ ބާރު އޮތްވަރެވެ. މީގެ އިތުރުން ރާއްޖެތެރޭގެ، ތޮއްޑޫ ފަދަ ދަނޑުވެރި ރަށްތަކުގެ ގިނަ ދަނޑުތައް ވެސް، ދިވެއްސެއްގެ ނަމުގައި މިހާރު ހިންގަނީ ބިދޭސީންނެވެ. ރިސޯޓުތަކުގެ ޕްރޮކިޔޯމެންޓާއި ޗީފް ފައިނޭޝަލް އޮފިސަރުކަން ކުރަނީ އެމީހުންނެވެ. ގިނަ އެކައުންޓެންޓުންނަކީ ބިދޭސީންނެވެ. ގިނަ ތަންތަނުގެ ކޭޝިއަރުންނަށް މިހާރު ތިބެނީ ބޭރު މީހުންނެވެ. އެމީހުންގެ މުއްސަނދި ކަމާއި ނުފޫޒާއި ބާރުގެ ކުރިމަތީގައި ދިވެހިން މިހާރު ޖެހިފައިވަނީ އިސްދަށަށް ޖަހާށެވެ. މިކަން ހުއްޓުވޭނީ ސަރުކާރަށެވެ. މި ސަރުކާރަށެވެ.

ލޯކަލް މާކޭޓާއި ދަނޑުތައް ވެސް ބިދޭސީންގެ ބާރުގެ ދަށުގައި

ލޯކަލް މާރުކޭޓު ވެސް އޮތީ ހަމަ އެ ހާލުގަ އެވެ. އެ ތަނަށް ބޭނުންވާ ހުރިހާ ބާވަތެއް ގަންނަން ޖެހެނީ އިންޑިއާ މީހުންގެ އަތުންނެވެ. ރާއްޖޭގައި އޭގެ ވަރަށް ގިނަ އެޖެންޓުން ތިބި ކަމަށް ވެ އެވެ. ލޯކަލް މާރުކޭޓުގައި ގިނަ އަދަދަކަށް ބަންގްލަދޭޝްގެ މީހުން ތިބޭއިރު، އެ މީހުންގެ ގޮޅިތަކަށް ބޭނުންވާ ބާވަތްތައް ވިއްކަން ވެސް، ނުވަތަ ދަނޑު ހައްދަން ރަށްރަށުގައި ވެސް ތިބެނީ ބަންގްލަދޭޝް މީހުންނެވެ. މިސާލަކަށް؛ ރާއްޖޭގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އއ. ތޮއްޑޫގައި 650 އެއްހާ ބިދޭސީން އުޅޭއިރު އޭގެ 85 ޕަސެންޓް މީހުންނަކީ ދަނޑުވެރިންނެވެ. ބިދޭސީ ދަނޑުވެރިން އެ މީހުންގެ ޤައުމުގެ މީހުންނަށް ވިއްކުމަށް ފަހު، ދިވެހީންނަށް ލިބެނީ ނުވިކި ހުރި ބާކީ އެތިކޮޅެވެ.

ދިވެހި ސަރުކާރަކުން ހަދާފާނެ ކަމަށް ކުރިން ހީވެސް ނުކުރާފަދަ ރަނގަޅު ޤަވާއިދެއް

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް ސަރުކާރުގެ ގެޒެޓުގައި މި ޑިސެމްބަރ މަހު ޝާއިއުކުރި ޤަވާއިދަކީ ދިވެހި ސަރުކާރަކުން ހަދާފާނެ ޤަވާއިދެއް ކަމަށް ކުރިން ހީވެސް ނުކުރާ ފަދަ، ވަރުގަދަ، ރަނގަޅު ޤަވާއިދެކެވެ. ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރަށް ފަހު ބިދޭސީއަކަށް ރާއްޖޭގައި އަދާ ނުކުރެވޭނެ ވަޒީފާތަކުގެ ތެރޭގައި އިލެކްޓްރީޝަނުން، އެކައުންޓެންޓުން، ޑައިވަރުން، ނަރުހުން، ޕައިލެޓުން، ހައުސްކީޕިން މެނޭޖަރުން، ހިއުމަން ރިސޯސް މެނޭޖަރުން، އަދި ޕްރައިމަރީ އާއި ސެކަންޑަރީ ޓީޗަރުންގެ ވަޒީފާ ފަދަ އެތައް ވަޒީފާއެއް ހިމަނައިގެން ސަރުކާރުން ޤަވާއިދު ވަނީ ބަދަލުކޮށްފައެވެ. މިހާރުވެސް ޕައިލެޓްކަން ކިޔަވައިގެން އައިސް ވަޒީފާ ނުލިބިފައި ތިބި އެތަކެއް ދިވެހި ޒުވާނުން އެބަތިއްބެވެ. ޕައިލެޓުންނަކީ ނުހަނު މުސާރަވެސް ބޮޑު ބައެކެވެ. އެހެން ކަމުން ޕައިލެޓްކަން ކުރެވޭނީ ހަމައެކަނި ދިވެހީންނަށް ކަމުގައި ހެދުމުން ދިވެހި އިގްތިސޯދަށް އިންތިހާއަށް ބޮޑު ފައިދާ ކުރާނެއެވެ. ހުރިހާ ޓީޗަރުންނަކީ ދިވެހީންނަށް ހެދުމުން ސަގާފަތާއި ދީން ދިރުމުވަމަށް ފަސޭހަވެ އިގްތިސޯދީ އެތަކެއް ފައިދާ ލިބޭނެއެވެ. ނަރުހުންގެ ވަޒީފާ އާއި އެކައުންޓެންޓުންގެ ވަޒީފާ ވެސް ހަމަ އެފަދައެވެ.

މި ލިސްޓުގައި ކޮންމެހެންވެސް ހިމަނަންޖެހޭ ބައެއް އެހެން ވަޒީފާ އެބަހުއްޓެވެ. މިސާލަކަށް ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، ހާއްސަކޮށް ރިސޯޓުތަކުގެ ޕްރޮކިޔޯމެންޓު މެނޭޖަރަކީ ރިސޯޓަށް ބޭނުންވާ ތަކެތި ގަތުމުގެ އިސްފަރާތެވެ. އެފަދަ ވަޒީފާތަކުގައި މުޅިންހެން ތިބީ އިންޑިއާ، ލަންކާ މީހުންނެވެ. ބޭރު މީހުން ޕްރޮކިޔޯމެންޓް މެނޭޖަރުންނަށް ތިބެގެން ރިސޯޓަށް މުދާ ގަންނަނީ އެމީހުންގެ ޤައުމުގެ މީހުން އަތުންނެވެ. އޭގެ ހުރިހާ ގެއްލުމެއް ދިވެހި ވިޔަފާރިތަކަށެވެ. އެހެން ކަމުން މި ލިސްޓުގައި ޕްރޮކިޔޯމެންޓް މެނޭޖަރުގެ ވަޒީފާ ހިމަނަން ކޮންމެހެން ވެސް ޖެހެއެވެ.

ދިވެހި ޤައުމު ދިވެހީންނަށް އަނބުރާ ހޯދައިދެއްވުން

ބީދޭސީންގެ މައްސަލަ އާއި، މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގް ތަކުގެ މައްސަލަ ހައްލު ކުރެއްވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ތެރެއަށް އިތުރު ދެ ބޮޅު ލާންޖެހެއެވެ. އެއީ ތައުލީމީ ދާއިރާ އިސްލާހް ކުރުމުގެ މަސައްކަތާއި ރާއްޖޭގެ ރިސޯޓުތައް ބޭރު މީހުންގެ ނުފޫޒުން ސަލާމަތް ކުރުމުގެ މަސައްކަތެވެ. ގިނަ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރު ކަމާއި، ޗީފް ފައިނޭންޝަލް އޮފިސަރ ކަމާއި، ޕްރޮކިޔޯމެންޓް މެނޭޖަރ ކަމާއި، ހިއުމަން ރިސޯސް މެނޭޖަރކަން ކުރަނީ ބިދޭސީންނެވެ. އޭގެ ސަބަބުން މުޅި ރިސޯޓުގެ ހުރިހާ ބާރެއް އޮންނަނީ އެމީހުންގެ އަތްމަތީގައެވެ.

މި ލިއުމުގައި މިވާ ހުރިހާ ވާހަކައެއް ކިޔާލުމުން ކުރެހިގެންދާ މަންޒަރަކީ، ރާއްޖޭގެ ގާޑިޔާތަކުން، ކަންމަތީ ކަޑަތަކުން، މާރުކޭޓު ގޮޅިތަކުން ފެށިގެން ގޮސް ސްކޫލްތަކާއި، އެއާލައިން ތަކާއި ރިސޯޓްތަކާއި، ބޮޑެތީ ކުންފުނިތަކުގައި ވެސް ރަސްކަން ކުރަނީ ބިދޭސީން ކަމެވެ. ދިވެހީންގެ ޤައުމުގައި ދިވެހީން ބާކީވެ، ބިދޭސީންގެ އަޅުންނަށް ދިވެހީން ވެއްޖެ ކަމެވެ. މިކަން ބަދަލު ކުރުމުގެ ވިސްނުމާއި، ޤާބިލް ކަމާއި، ހަރަކާތްތެރިކަމާއި، "ގަޓް" ރައީސް މުއިއްޒުގެ ސަރުކާރުގައި އެބަހުއްޓެވެ. ރައީސް މުއިއްޒުގެ ފަހަތުން ހޯމް މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރާއި، އިމިގްރޭޝަން ކޮންޓްރޯލަރ އާއި، ފޮލިސް ކޮމިޝަނަރ އަށް ވެސް މިކަން ކުރެއްވޭނެއެވެ. މިހުރިހާ ބޭފުޅުން ގުޅިގެން، މި ދައުރުގެ ބާކީ އޮތް ތިން އަހަރު ތެރޭ ދިވެހި ޤައުމު ދިވެހީންނަށް އަނބުރާ ހޯދައިދެއްވުމަށް ބުރަ، އަދި އަވަސް މަސައްކަތް ތަކެއް ކުރައްވަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

3 Responses

  1. 83 ހާސް ބިދޭސީން، ރާއްޖޭގާ ގަވާޢިދާ ޚިލާފަށް އުޅެނިކޮށް އެމީހުންގެ މަޢުލޫމާތު ސަރުކާރުން ހޯދާފައިވާކަމަށް ވަނީ، މިމީހުންނަށް ދިވެހިންނާ އިނުން މަނާ ނުވާތީ، އެމީހުންގެ ތެރެއިން މީހުންނާ އިނުމަށް ބޭނުންވާ މީހުންނަށް އެފުރުޞަތު ގާނޫނީ ގޮތުން ހުޅުވިފައި އޮތުމުން، އެމީހުން ދިވެހީންނާ އިނދެ ލިބޭ ދަރީންނަށް ވަރަށް ފަސޭހައިން ދިވެހި ޕާސްޕޯރޓު ލިބޭގޮތަށް އޮތުމުން، އެދަރިން ބޮޑުވެގެން ރާއްޖޭގައި އެމީހުންގެ ނަމުގައި ވިޔަފާރިކުރާކަށް އެއްވެސް ހުރަހެއް ނުއޮންނާނެ، (ލަފާކުރެވޭގޮތުގައި، ދިވެއްސަކާއި އިނދެގެން ދަރިޔަކު ލިބޭއިރަށް ދިވެހި ޕާސްޕޯރޓު އެހާފަސޭހައިން ލިބޭގޮތްވީ ރަން 30 އަހަރު،އަދި އައި.ޑީ. ކާޑުން ވެސް ބައްޕަގެ ނަން އުނިކޮއްލީވެސް ހަމަ އެ 30 އަހަރު ތެރޭގައި -އެގަވާޢިދުތައް އެބަޖެހޭ މުރާޖަޢާކުރަން-) މިހާރުވެސް ބަންގުލަދޭޝްގައި އެބައުޅޭ ބަންގާޅީ ކުޑަކުދިން، ބަންގާޅީ ސަގާފަތަށް ޖާނުންފިދާވާން ތައްޔަރަށް ތިބި، އެމީހުން ވިސާޖައްސާކަށްވެސް ވިސާފައިސާ ދޭކަށްވެސް ނުޖެހޭ، އެއީ އެކުދިންގެ އަތުގައި ދިވެހި ޕާސްޕޯރޓު އޮތުމުން، (ހީއެއްނުވޭ އެއިން ކުއްޖަކަށް ދިވެހި ބަހެއް އިނގޭނެހެނެއް، ވަރުގަދަ މާސްޓަރ ޕުލޭނެއްގެ ދަށުން ނުވަތަ އެނޫންގޮތަކަށް ވިޔަސް، މިކަން ހިނގަމުން އެބަދޭ.) މިހުރިހާ އެންމެނަށް އާސަންދަ ކިހިނެތް ސަރުކާރުން ހަމަޖައްސާނީ. ތަންކޮޅެއް ކުރިން މެލޭޝިއާގައި ބަންގާޅީންންނަށް އެތާ މީހަކަށް ނީނދެވޭގޮތަށް ގާނޫނެއް އޮންނަކަމަށް އިސްބޭފުޅަކު ވިދާޅުވި އަޑުއެހިން. އަދި ކުވޭތުން ވަނީ އެގައުމުން އެންމެފަހު ބަންގާޅީ ބޭރުކޮއްލެވުން ރަސްމީ ގޮތުން ފާހަގަކޮއްފައި. މިހާރުވެސް ބަހުރައިން މެލޭޝީއާ، އިޓަލީ އަދި ޢުމާނުން ވަނީ ބަންގާޅީން ގެނައުން މަނާކޮއްފައި ނުވަތަ ވަރަށް ބޮޑަށް ހަނިކޮއްފައި.

  2. ތައިލޭންޑްގަ: ބޭރުމީހަކަށް އެޤައުމުގެ މީހަކާއި އަދި އިނދެވުނަސް އަމިއްލަ ނަމުގަ އެއްވެސް ވަރެއްގެ ވިޔަފާރިއެއް ބޭރުމީހާއަށް ނުކުރެވޭތަނުގަ، އިނދެގެން އުޅޭމީހާ ކުރާ ވިޔަފާރިއެއް ތެރެއަކުވެސް ބޭރުމީހާއަކަށް ނޫޅެވެއެވެ! އެފަދަ ކަންކަން ކުރަންޏާ ޖެހޭނީ ފައިސާ ޚަރަދުކޮށްފަ އެކަމަށް ނަގަންޖެހޭ ވިސާ/ހުއްދަ ބޭރުމީހާ ނަގާށެވެ!

    މެލޭޝިއާގަ: އެޤައުމުގެ މީހަކާއި ބޭރުމީހަކު އިނދެގެން ލިބޭ ކުދިންނަށް 4 ކަށިމަތި މެލޭޝިއާ މީހުންނަކަށް ނުވެވެއެވެ! ނަތީޖާއަކަށް ވަނީ ސަރުކާރުން ސީދާ މެލޭޝިއާ މީހަކަށް ދޭ/ލިބޭ ހުރިހާ ޢިނާޔަތެއް، ހަމަ އެކަނި ބައްޕަ ނުވަތަ މަންމަ މެލޭޝިއާއަށް ވެގެން ލިބޭ ދަރިންނަށް ނުލިބުމެވެ! މި 2 ބައިމީހުން ފަސޭހައިން ވަކިކުރަން ތަފާތު 2 ކުލައެއް އައިޑީކާޑް ބެކް ގްރައުންޑް އަށް . . !

    ބޭރުމީހުނާއި ބޭރުގެ އިންވެސްޓްމެންޓްތަކަށް ތަރުޙީބު ދޭންވާނީ އެޤައުމުގެ އިޤްތިސާދަށް ދެމެހެއްޓެނިވި ގޮތެއްގަ ފައިދާއެއް ކުރާނަމައެވެ! ރާއްޖޭގައި ދިވެހިންގެ ނަންމަތީގަ ބިދޭސީން ހިންގާ ވިޔަފާރިތަކުގަ އެންމެ ދިވެއްސަކު ނެތިވެސް އެބަ ހިންގެއެވެ!

    ކުރީގަ އޮތީ %75 ދިވެހީންނާއި ނުލާ ވިޔަފާރިތައް ނުހިންގޭ ގޮތަށެވެ! ފަހުން އެކަން ބަދަލުވީ %50 ދިވެހިން ތިއްބަސް ހުއްދަކޮށެވެ! އެފަހުން %25 އަށް، އަދި މިހާރު %0 އަށް ހެދީ ނޫންކަމެއްވެސް ނޭނގެއެވެ! ފެންނަ މަންޒަރުތަކުން މިނޫން އެއްޗެކޭވެސް ކިޔޭކަަށް ނެތެވެ!

  3. ބިދޭސީންގެ މައްސަލަ ޤައުމީ ސަލާމަތަށް ނުރައްކަލަކަށް ވަނީ ރެގިއުލޭޓް ނުކުރެވި ރާއްޖޭގެ ބޯޑަރުތަކުން އެމީހުން ރާއްޖެއަށް ވަދެ އިސްތިއުމާރީ ބާރަކުން ރާއްޖެ ހިފާފައިވާ ފަދަ ގޮތަކަށް ޢަމަލުތައް ހުންނާތީ ކަމަށް ޗީފް އޮފް ނެޝަނަލް ޑިފެންސް ފޯސް ޝަމާލު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *