Support Us

ރާއްޖެ ޕްރޮމޯޓްކޮށް، ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރުމަށް ބީ.އެމް.އެލް، ޔޫނިއަންޕޭ، ވިޒިޓް މޯލްޑިވްސް އެއްބަސްވުމަކަށް

ރާއްޖެ ޕްރޮމޯޓްކޮށް، ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރުމަށް ބީ.އެމް.އެލް، ޔޫނިއަންޕޭ، ވިޒިޓް މޯލްޑިވްސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ބީ.އެމް.އެލް އިން ބުނާގޮތުގައި މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް، ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން، ޔޫނިއަންޕޭ ކާޑު މެންބަރުންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ޕްރޮމޯޓުކުރުމަށް މަސައްކަތް ކުރާނެއެވެ. އެގޮތުން ރާއްޖޭގެ ތަފާތު މުހިންމު ކަންކަން ފާހަގަކޮށް، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން އިތުރު ކުރުމަށް މަސައްކަތް ކުރާނެއެވެ.

"މީގެ އިތުރުން، ޔޫނިއަންޕޭ އިން ވަނީ ބީއެމްއެލްއަކީ ޔޫނިއަންޕޭ ކާޑުތަކުން ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭންކްގެ ގޮތުގައި ހަމަޖައްސައިފައެވެ. މި ސެޓްލްމެންޓް ފްރޭމްވޯކަކީ ޔޫނިއަންޕޭ އާއެކު މިހާރަށްވުރެ ވަރުގަދަ ގުޅުމެއް ބިނާކުރުމަށް އެޅޭ ބިންގަލަކަށް ވެގެންދާނެއެވެ." ބީ.އެމް.އެލް އިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މިފަދަ މުހިންމު ޕްރޮޖެކްޓެއްގައި ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސްއާއެކު ބައިވެރިވުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ޑިޖިޓަލް ޕޭމަންޓް އިކޯސިސްޓަމް އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެއް. ޔޫނިއަންޕޭ ކާޑުތަކުން ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭޏްކެއްގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ޕޭމަންޓް ސޮލިއުޝަންތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމުގެ ރަމްޒެއް،" ޝަރީފު ވިދާޅުވިއެވެ.

"ބޭންކުގެ ކާޑު މެޝިންތަކުންނާއި މަރޗަންޓް ޕޯޓަލްގައި ޔޫނިއަންޕޭ ކާޑުތައް މިހާރުވެސް ބަލައިގަނެއެވެ. ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިން ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ. ބީއެމްއެލްގެ މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މާޗަންޓުންނަށް ފުރިހަމަ އޮންލައިން މާލީ ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުޢާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެއެވެ." ބީއެމްއެލްގެ ބަޔާނުގައިވެއެވެ.