Support Us

ޤަޠަރުގެ ޤައުމީދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޤަޠަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް- ޘާނީ އާއި، ބޮޑުވަޒީރު އަދި ޚާރިޖީވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް- ޘާނީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ޤަޠަރުގެ އަމީރަށާއި ބޮޑު ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޤަޠަރުގެ އިސްވެރިންނާއި އުޚުއްވަތްތެރި ރައްޔިތުންނަށް ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ހޫނު މަރްޙަބާއާއި، ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ކަމުގެ ގުޅުން އެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ހަރުދަނާކަމާއެކު ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ސިޓީފުޅުގައި ޤަޠަރަކީ، ދިވެހިރާއްޖޭގެ ތަރައްޤީގެ އަގުހުރި ބައިވެރިއެއްކަން ފާހަގަކުރައްވައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ މި ބަދަހި ރަޙްމަތްތެރި ގުޅުމާއި، ދޭދޭ ފަރުދުންގެ މެދުގައި އުފެދިފައިވާ ގުޅުންތަކުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާކަން ފާހަގަކުރައްވާފައިވެއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހި ރާއްޖޭގެ އެމްބަސީއެއް ޤަޠަރުގެ ދޯހާގައި ހުޅުވުމުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ވާޞިލުވެފައިވާ ކަމަށާއި، އޭގެ ސަބަބުން ތަފާތު ދާއިރާ ތަކުން ތަރައްޤީއާއި، ކުރިއެރުން ހޯދުމަށް ފުރުޞަތު ލިބިފައިވާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޤަޠަރުގެ އަމީރާއި، ބޮޑުވަޒީރަށް، ފުރިހަމަ ޞިއްޙަތާއި، އުފާ ފާގަތި ކަމަށާއި، އަދި އެޤައުމުގެ ރައްޔިތުންނަށް، ސަލާމަތާ، ރައްކާތެރިކަމާ އިތުރު ކުރިއެރުމަށް އެދި ވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން، ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމުހޫރިއްޔާގެ އެކްސް އެކައުންޓުގައި ކުރައްވާފައިވާ މެސެޖުގައި، ޤަޠަރުގެ ވެރިންނަށާއި، ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައި ވެއެވެ. އެމަނިކުފާނުގެ މެސެޖުގައި، ފާއިތުވެދިޔަ އަހަރުތަކުގައި، ޤަޠަރުން ދިވެހި ރާއްޖެޔަށް ވެދެއްވާފައިވާ އަގުނުކުރެވޭ، ގިނަގުނަ އެހީތެރިކަމުގެ ސަބަބުން، ދިވެހިރައްޔިތުންނަށް ލިބިފައިވާ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ މެދުގައިވާ، މި ވަރުގަދަ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައި ވެއެވެ.

ޤަޠަރުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *