Support Us

މަސްވެރިންގެ ދުވަހުގެ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ސާޅީސް ފަސް ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިރޭ، ރ. ދުވާފަރުގައި ބޭއްވި މި ޖަލްސާގައި ވަނީ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއާ ގުޅުން ހުރި ބައެއް މަސައްކަތްތައް އިފުތިތާޙުކުރައްވައި، މުހިންމު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

އެގޮތުން، ރ. ކަނދޮޅުދޫގައި މަސް ކިރޭނޭ ރަނގަޅު ފެސިލިޓީއެއް، ކޯލްޑް ސްޓޯރޭޖާއި ފާނައިގެ ޚާއްޞަ ފެސިލިޓީއަކާއެކު ޤާއިމުކުރުމުގެ އެއްބަސްވުމުގައި މިރޭ ވަނީ ސޮއިކުރައްވާފައެވެ. އަދި އައިސް ޕްލާންޓްތަކުގައި އައިސް ހުރި މިންވަރު ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ފަސޭހައިން ބަލާލެވޭނޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮޑިއުލް އާއި، ބޭންކް އޮފް މޯލްޑިވްސް "މަސްވެރިޔާ ޕޯޓަލް" އާއި، "ފްރޮމް މޯލްޑިވްސް" ބްރޭންޑްގެ ވެބްސައިޓާއި، މިފްކޯގެ "މަސް ކިރާ" އެޕްލިކޭޝަން އަދި ދިވެހިރާއްޖޭގައި އެންވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި އާލާކުރުމުގެ ޕްލޭން މިރޭ ވަނީ އިފުތިތާޙުކުރައްވާފައެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ވަނީ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށާއި، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކުރެވޭ ނަތީޖާތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި، މަސްވެރި އުޅަނދުތަކަށާއި، ކުންފުނިތަކަށާއި، މަސްވެރީންނަށް އިނާމު ދެއްވާފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރައްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައެވެ. މި ދުވަސް ކުލަގަދަކޮށް ފާހަގަކުރެއްވުމުގެ ގޮތުން މިއަދު އެ ރަށުގައިވަނީ، މަސްވެރިންގެ ގުންޒަރެއްވެސް ހިމެނޭހެން، މަސްވެރި ސިނާޢަތާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރީންނާއި، ދުވާފަރު ރައްޔިތުންނާއި، މަސްވެރި ސިނާޢަތުގައި މަސައްކަތްކުރައްވާ ގިނަ ޢަދަދެއްގެ ފަރާތްތައް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް