Support Us

މެރިކަލްޗަރ ވިޔަފާރި އަށް މޫދުކޮށި ގަތުމަށް ފައިނޭންސް ސްކީމެއް ހުޅުވައިލައިފި

ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްގީކޮށް ކުރިއެރުވުމަށް، އެ ދާއިރާގައި ހަރަކާތްތެރިވާ އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޫދުކޮށި ގަތުމަށް ފައިނޭންސް ސްކީމެއް ހުޅުވައިލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފުކުރި މި ސްކީމުގެ ސަބަބުން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެއެވެ.

"މި ސްކީމްގެ ދަށުން، މެރިކަލްޗަރ ވިޔަފާރިތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މޫދުކޮށި ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިންނެވެ. މި ކޮށިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ލުއިފަސޭހަ އިސްލާމީ އުސޫލުތަކެއްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ." އެސްއެމްއީ ޑިޖިޓަލް އިން ބުނެއެވެ.

"މި ސްކީމް މެދުވެރިކޮށް ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000ރ. އާއި 640،000ރ. އާ ދެމެދުގެ އަދަދަކަށް ފައިނޭންސް ފޯރުކޮށްދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން ހަ އަހަރު ދުވަހުގެ މުއްދަތެއް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ލިބޭނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، މެރިކަލްޗަރ ސިނާއަތް ތަރައްގީކުރުމަށް މަގުފަހިކޮށްދީ، ލުއި ފަސޭހަ މާލީ އިންތިޒާމެއްގެ ދަށުން މޫދު ކޮށިތައް ލިބޭނެ މަގު ތަނަވަސްކޮށްދީގެން، ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވުމެވެ. މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތް ގާއިމުކޮށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އައު އިންވެސްޓްމަންޓްތަކުގެ ދޮރުތައް ހުޅުވި އިގްތިސާދީ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ."

މި ފައިނޭންސިންއާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވީދާޅުވީ މެރިކަލްޗަރ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން، ފަސޭހަ އަދި ލުއި ގޮތެއްގައި މޫދު ކޮށިތަކަށް ފައިނޭންސް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު މާލީ އެހީތެރިކަމެއް ކަމަށެވެ.

"މި ފައިނޭންސިންގެ ބޭނުން ހިފައިގެން، މެރިކަލްޗަރގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ މިހާރު ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް، އެ މަސައްކަތްތައް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން. އަދި، ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ އަނބުރާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ވެސް، ގިނަ ބަޔަކަށް މީގެ މަންފާ ލިބޭނެ ކަމެއް. އަޅުގަނޑުމެންގެ އެދުމަކީ، މިފަދަ ފަހި ފުރުސަތުތަކުގެ ސަބަބުން މެރިކަލްޗަރ ސިނާއަތް ހަރުދަނާވެ އިތުރަށް ކުރިއަރައި ތަރައްގީވެގެން ދިއުން،" ބަދުރު ވިދާޅުވިއެވެ.

މެރިކަލްޗަރ ސްކީމަށް އެދި ހުށަހެޅުމަށް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް، ޑިސެންބަރު 13ގައި ހުޅުވައިލާނެއެވެ.

 

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *