ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕާއި ވޭޕް ކާޓްރިޖް ހާއްޔެއް ފުލުހުން އަނެއްކާވެސް އަތުލައިގެންފިއެވެ.
ފުލުހުން ބުނީ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހުކުރު ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކުރުމުގެ ތެރެއިން ޖުމްލަ 544 އައިޓަމެއް ފެނިފައިވާ ކަމަށެވެ.
މިގޮތުން އެއް ގެއިން 190 ފްލޭވަރޑް ކާޓްރިޖާއި ނުވަ ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ވަނީ ފެނިފައެވެ. އަނެއް ގެއިން 331 ފްލޭވަރޑް ކާޓްރިޖާއި ހަ ރިފިލް ކާޓްރިޖާއި ހަތް ޕޮޑް ވަނީ ފެނިފައެވެ.
މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެއެވެ. ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ހުކުރު ދުވަހު ހިންގި އެހެން އޮޕަރޭޝަނެއްގައި، ވޭޕް ވިއްކާ ފޭސްބުކް ޕޭޖެއް އަތުލައިގަނެ ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފައެވެ. އަދި ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފައެވެ.



advertisment