Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ޒިންމާދާރު ނޫސްވެރިކަމުގެ ބާރު- އެތައް ދިރިއުޅުމަކަށް ނޭދެވޭ އަސަރުކުރި ބޭހެއްގެ މައްސަލަ

މީގެ ކުޑަ ދުވަސްކޮޅެއް ކުރީން، މީޑިއާ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ އަޑު ކޮންމެވެސް ވަރަކަށް މަޑުވެފައިވާއިރު، އެ ބިލުގެ ސަބަބުން މުސްތަގުބަލުގައި ނޫސްވެރިކަމަށް އަންނާނެ ބަދަލުތައް ދެނެގަންނަން ތިބި ފަރާތްތަކަށް އެކަން ފާހަގަވެގެންދާނެއެވެ. ނަމަވެސް ގިނަ ބަޔަކަށް މިއީ އެހައި ބޮޑު ވިސްނުންތަކަކާއި ފިކުރުތަކެއް ކުރަންޖެހޭ ކަމެއް ނޫނެވެ. އެމީހުންނަށް މިކަމުގައި އިތުރަށް ފުންކޮށް ވިސްނާނެ ކަމެއް ކަމަކަށް ނުފެނެއެވެ. ނަމަވެސް ހަގީގަތަކީ މިއަދުގެ މި ހަލަބޮލި ދުނިޔޭގައި ޒިންމާދާރު ނޫސްވެރިކަމުގެ މުހިންމުކަން އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. އެ ޒިންމާދާރު ނޫސްވެރިކަން ކުރުމުގެ ދޮރުތައް އެއްވެސް ފަރާތަކުން ނޫސްވެރިންނަށް ހަނިކުރުމަކީ ހެދިގެންވާނޭ ގޮތެއް ނޫނެވެ.

ބަދަލުވަމުން އަންނަ މި ދުނިޔޭގައި، ޒިންމާދާރު ނޫސްވެރިކަމަކީ އާންމުންނަށް މުހިންމު ރައްކާތެރިކަމެއް ފޯރުކޮށްދޭ މައި ވަސީލަތެވެ. މިއަދު ގިނަ ބަޔަކުު ނޫސްވެރިންނާ މެދު ދެކެނީ ސެންސޭޝަނަލް ހެޑްލައިންތައް ފަހައި ދުވާ ބަޔެއްގެ ގޮތުގައެވެ. ނުވަތަ އެ މީޑިއާއެއް ސިޔާސީ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ޕްރޮޕެގެންޑާ ފެތުރުމަށް އިސްކަންދީގެން މަސައްކަތް ކުރާ ބައެއްގެ ގޮތުގައެވެ. ނަމަވެސް މި ވިސްނުންތަކަކީ ނޫސްވެރިންގެ ހަގީގީ ރޯލު ވަރަށް ތިލަކޮށްލައިފައިވާ ވިސްނުންތަކެވެ. ތާރީހުގައި ޒިންމާދާރު ނޫސްވެރިކަމުގެ ސަބަބުން ދުނިޔޭގެ އެތައް ބަޔަކަށް އިންސާފު ލިބިފައިވާ ގޮތްތައް އެނގޭ މީހުން ނޫސްވެރިންގެ ދުލާއި ގަލަމުގެ ބާރަށް ޖެހިލުންވާނެއެވެ.

ތާރީހުގައި ހަބަރުފަތުރާ ވަސީލަތްތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެންމެ މައިގަނޑު މަގުސަދަކަށް ހަދައިފައި އޮތީ، އާންމުންނަށް ކަށަވަރުނުކުރެވޭ މައްސަލަތައް ތަހުގީގުކޮށް، އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއައްސަސާތަކުގެ ނިންމުންތައް ބަލައި، މުހިންމު ސިޔާސަތުތައް ބައްޓަންކުރުމަށް ބޭނުންވާ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމެވެ. އަދި އެއާއެކު، ގަވާއިދުތައް ހަދާ ނިޒާމުތައް ރައްޔިތުންގެ ލާބައާއި މަންފާއަށްތޯ ބަލައި، އެ ނޫންގޮތަކަށް އެކަންތައް ހިނގައިނަމަ އެކަންތައް ހާމަކޮށް، އޮނިގަނޑުތަކުގައިވާ ބަލިކަށިކަން ދައްކުވައިދޭ މައުލޫމާތު ފަތުރައިދިނުމެވެ.

މިގޮތުން 1950 ގެ ފަހުކޮޅުގައި ދުނިޔޭގެ އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުގެ ތެރެޔަށް ވައްޓައިލި ތެލިޑޮމައިޑް ބޭހުގެ މައްސަލަ އަކީ ނޫސްވެރިންގެ ޒިންމާދާރު މަސައްކަތުން އާންމުންގެ އެތައް ބަޔެއް އެ ބޭހުގެ ގެއްލުމުން ސަލާމަތްވެ، އެ މަސައްކަތުން މަންފާ ދެން އައި ޖީލުތަކަށް ލިބުނު މިސާލެކެވެ.

ދުނިޔޭގެ ބޭހުގެ ބާޒާރަށް 1950ގެ ފަހުކޮޅު ނެރެން ފެށި ތެލިޑޮމައިޑްއަކީ، މާބަނޑުމީހުންނަށް ދިމާވާ މޭނުބައިކުރުމާއި ބޯއެނބުރުމުގެ މައްސަލަތަކަށް ހައްލެއްގެ ގޮތުގަ ނެރުނު ބޭހެކެވެ. އެ ދުވަސްވަރު މި ބޭސް ޔޫރަޕާއި އޮސްޓްރޭލިޔާ އަދި އޭޝިއާގެ ސަރަހައްދުތަކުގައި ވަރަށް ބޮޑަށް އިޝްތިހާރުކުރިއެވެ. ކޮންމެ ޑޮކްޓަރެއްވެސް މާބަނޑު މީހަކު އޭނަގެ ލަފަޔަށް އެދެފިނަމަ އެ ބޭސް ލިޔެދެއެވެ. ނަމަވެސް މި ބޭސް ހެދި ކުންފުނި، ކެމީ ގްރުނެންތަލްއިން މި ބޭސް ބާޒާރަށް ނެރެ ވިއްކަން ފެށީ އެކަށީގެންވާ ވަރަށް ތަހުލީލުތައް ނުހަދައި އޭގެ ސަލާމަތީ މިންގަނޑުތައް ސާފުނުކޮށެވެ. މި ބޭސް ބޭނުންކުރި މައިންނަށް ލިބުނު ކުދިން އުފަންވީ ބޮޑެތި އައިބުތަކާ އެކުގައެވެ.

ތެލިޑޮމައިޑްގެ ސަބަބުން އަސަރުކުރި ކުދިންނަށް ދިމާވާ އެންމެ ފާހަގަކުރެވޭ އައިބަކީ އެ ކުދިންގެ އަތްފައިކުރުވުމެވެ. ބައެއް ކުދިންގެ ވިހެއި އިރުގައި އަތްފައެއް ނެތެވެ. ނޫނީ އިނގިލިތައް މަދުވެ، ކަންފަތަށް އަޑުނީވި، ލޯފަންވެ، މޫނުމަތި އައިބުވެ، ހިނގައިބިނގައިވެ އުޅުމުގައި ނުކުޅެދުންތެރިކަން ފެނި، ސިކުނޑީގެ މައްސަލަތައް ހުރެ، އެތެރެހަށީގެ ގުނަވަންތަކުގެ މައްސަލަ ޖެހި ކަށީގެ މައްސަލަތައްވެސް ފާހަގަކުރެވެއެވެ.

މިގޮތަށް އައިބުވެފައި ތިބޭ ކުދިން އުފަންވާން ފެށުމުން، އެއީ މި ބޭހުގެ ސަބަބުން ދިމާވާ ކަމެއްކަން އެންމެ ފުރަތަމަ ޔަގީންކަމާއެކު ނޭނގުނެވެ. ފުރަތަމަ މިގޮތަށް އުފަންވި ކުދިން ވިހެއުމުން އެމީހުންގެ މައިންބަފައިން، އެ ކުދިން ގެންގުޅެން އުނދަގޫވާނޭތީ ޔަތީމުހާނާތަކަށް ލައިފައިވާކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން މި ބޭހުގެ ސަބަބުން ކުރިމަތިވާ ގޯހެއް އުޅޭކަން އާންމުންނަށް އެނގުން ލަސްވިއެވެ. އެކަން ފާހަގަކުރެވުނު ހިސާބުން، އެފަދަ ކުދިން ލިބުނު މައިން މާބަނޑު ދުވަސްވަރު ބޭނުންކުރި ކާނާއާއި ބޭސްތައް ބަލައި ހޯދުމުން، އެ ހުރިހާ މައިންނަށްވެސް މޭނުބައިކުރުން ހުއްޓުވުމަށް ތެލިޑޮމައިޑް ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދީފައިވާކަން އެނގުނެވެ.

މިކަން ޑޮކްޓަރުންނަށް އެނގި، ބޭސް އުފެއްދި ކުންފުންޏަށް މި ބޭހުގައި ހިމެނޭ ނުރައްކާ އެންގުމުންވެސް، އެ ބޭސް އިތުރަށް މާބަނޑުމީހުންނަށް ނުދޭން ޑޮކްޓަރުންނަށް އިންޒާރު ދިނުމުގެ ބަދަލުގައި، އެއީ މާބަނޑުމީހުންނަށް ރައްކާތެރި ފައިދާ ހުރި ބޭހެކޭ ކިޔައިގެން ކެމީ ގްރުނެންތަލް ކުންފުނިން ވިއްކޭތޯ މަސައްކަތްކުރިއެވެ. އިތުރަށް އެހެން ގައުމުތަކަށް މި ބޭސް މާކެޓުކޮށް، އެއްވެސް ގެއްލުމެއް އެކުލެވިގެންނުވާ އެއްޗެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުން ދިޔައެވެ.

ތެލިޑޮމައިޑްގެ ސަބަބުން އައިބުވެފައި ތިބި ކުދިންތަކެއް ދުނިޔެއަށް އަންނަން ފެށިކަން މީހުންނަށް އެނގެން ފެށީ ލަސްލަހުންނެވެ. ސަބަބަކީ މިކަން ވަމުން ދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަމުގައި ވުމާއި އައިބު ކުއްޖެއް ދުނިޔެއަށް އުފަންވިކަން އަންގަން އާއިލާތަކުން ބޭނުންނުވެ އެ ކަންތައް ސިއްރުކޮށްގެން ގެންގުޅުމުގެ ސަބަބުންނެވެ.

އެ ދުވަސްވަރަކީ މައުލޫމާތު ފެތުރުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެކެވެ. ތުންތުން މަތިން ދެއްކި ވާހަކަތަކުން މިކަމަށް މީހުންގެ ސަމާލުކަމެއް ނުގެނެވުމުގެ ސަބަބުން ބޭހުގެ ކަންތައް ރެގިއުލޭޓުކުރާ ފަރާތްތަކުން މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރަން ފެށީ މިކަން ފެންމަތިވިތާ އެތައް ދުވަހެއް ފަހުންނެވެ.

ނަމަވެސް މިކަމަށް ހައްލެއް ގެނެވުނީ ޒިންމާދާރު ނޫސްވެރިންގެ ހިތްވަރުގަދަ މަސައްކަތުންނެވެ. އެމީހުންގެ ހިތްވަރާއި މިންނަތް މަސައްކަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެލިޑޮމައިޑްގެ ސަބަބުން އުފަންވުމުގައި އައިބުހުރި ކުދިންގެ ވާހަކަތައް އެއްކޮށް، އެ މައުލޫމާތު ހެއްކާއި ގަރީނާއާ އެކު އާންމުންނަށް ހުށައަޅައިދޭން ފެށިއެވެ. މި ރިޕޯޓުތަކުގައި އެ މައުލޫމާތު ގެނެސްދެވިފައިވާލެއް ސައްހަކަމުން، މި ބޭހަކީ ބޮޑެތި ގެއްލުންތަކެއް އެކުލެވިގެންވާ ބޭހެއްކަން މުއައްސަސާތަކަށް އެނގި، އެ ގައުމުތަކުގެ ސަރުކާރުތަކަށް މިކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން މަޖުބޫރުވިއެވެ. އެ ހިތްވަރުގަދަ ނޫސްވެރިންގެ ރިޕޯޓިންގެ ސަބަބުން މި ބޭސް މަނާކޮށް ހުރިހައި ބޭސްފިހާރަތަކަކުން ބޭރުކޮށް، އެ ބޭސް ހެދި ކުންފުނި ރަސްމީގޮތުން ތަހުގީގަށް ގެނައުން އަވަސްވިއެވެ.

މިކަމުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ ޖަރުމަނާއި އިނގިރޭސިވިލާތުގެ ނޫސްވެރިންނެވެ. އެމީހުން ކުރަމުން ދިޔަ މަސައްކަތް ހުއްޓުވުމަށް އިންޒާރުތައް އަންނަން ފެށުމުންވެސް އެ މީހުން ފަހެއް ނުޖެހުނެވެ. އެމީހުން މެދުކެނޑުމެއްނެތި އެ ބޭސް ހެދި ކުންފުނި ތަހުގީގުކޮށް، އެމީހުން ހަދާފައިވާ ކަމަށް ބުނާ ކްލިނިކަލް ތަހުލީލުތަކުގައި ހުރި ދެކޮޅު ނުޖެހޭ ކަންތައްތައް ހޯދައި، އެ ބޭހާ ބެހޭގޮތުން އެ ކުންފުނިން ކުރާ އިޝްތިހާރުތަކުގެ ދައުވާތަކަށް ގޮންޖަހައި، އެ ބޭހުގެ ސަބަބުން ނުކުޅެދުންތެރިކަން އުފެދިފައިވާ ކުދިންގެ އާއިލާތަކުގެ ވާހަކަތައް ޝާއިއުކޮށް ހާމަކުރިއެވެ.

ނޫސްވެރިންގެ ރިޕޯޓުތަކުން ހަމައެކަނި އާންމުންނާ ހަމައަށް ގެނެސްދިނީ ތެލިޑޮމައިޑްގެ ސަބަބުން ގެއްލުންވި މީހުންގެ ވާހަކައެއް ނޫނެވެ. އެ ރިޕޯޓުތަކުން އޭރު ބޮޑެތި ގައުމުތަކުގެ ތެރެއިން ތެލިޑޮމައިޑް ހުއްދަ ނުކުރާ ހަމައެކަނި ގައުމު ކަމަށްވާ އެމެރިކާ، މި ވަބާއިން ސަލާމަތްވި ގޮތްވެސް ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށް އެވާހަކަ ގެނެސްދިނެވެ. އެމެރިކާ ތެލިޑޮމައިޑް ނުރައްކަލުން ސަލާމާތްވީ އެފް.ޑީ.އޭ. ގެ މުރާޖާކުރާ ފަރާތް ފްރާންސެސް ކެލްސީ ތެލިޑޮމައިޑްއަކީ ރައްކާތެރި ބޭހެއްތޯ ބެލުމަށް ހެކިތައް ހޯދުމަށް ބާރުއެޅުމުގެ ސަބަބުންނެވެ. ފްރާންސެސްގެ ހަރުދަނާކަން މީޑިއާއިން އާންމުންނަށް ހުށައަޅައިދިނީ ބޭހުގެ ގަވާއިދު ހިފަހައްޓާ ފަރާތްތަކުން ކަންތައް ކުރަން ޖެހޭ ގޮތުގެ މިސާލެއްގެ ގޮތުގައެވެ.

ނޫސްވެރިންގެ މަސައްކަތުން ހަމައެކަނި އައި ކުރިއެރުމަކީ ބޭސް ބާޒާރަށް ނެރުން ހުއްޓުވުމެއް ނޫނެވެ. މީހުންނަށް ދޭ ބޭސް ނެރުމުގެ ކުރިން ބަލައި ފާސްކޮށް ގަވާއިދު ހަދާ ފަރާތްތަކަށްވެސް އެމީހުންގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމަށް މަޖުބޫރުވިއެވެ. ނޫސްވެރިންގެ މި ހިތްވަރުގަދަ އަމަލުގެ ސަބަބުން ސިއްހީ މިފަދަ ހާދިސާއަކުން ނިޒާމީ އިހުމާލަށް ބަލައި ނަޒަރިއްޔާތު މުޅިން ބަދަލުވެގެން ދިޔައެވެ. ތެލިޑޮމައިޑް ކޭސްގައި ނޫސްވެރިން އާންމުންގެ ހައްގުތައް ސަލާމަތްކުރުމަށް އެޅި ފިޔަވަޅުން ދެމިގެންދާ ސިޔާސަތުތަކެއް ހެދުމަށް މީހުންނަށް މަޖުބޫރުވިއެވެ. ގިނަ ގައުމުތަކުގައި ސިއްހީ ކަންކަމުގައި ހުންނަ ގަވާއިދުތަކުގެ އޮނިގަނޑު ހަރުދަނާވިއެވެ. ކްލިނިކަލް ތަހުލީލުތައް އިތުރަށް ހަރުދަނާކުރުމަށް ޝަރުތުތައް ކަނޑައަޅައި ސާފު ލިޔެކިޔުންތަކުން ކަންކަމުގައި ބަހައްޓަން ޖެހޭ މިންގަނޑުތައް ކަނޑައެޅިއެވެ.

މި މައްސަލައިން، ނޫސްވެރިން އެމީހުންގެ ހިދުމަތަކީ އާންމުންނަށްޓަކައި ކޮށްދޭ ހިދުމަތެއްކަން ސާބިތުކޮށްދިނެވެ. ތެލިޑޮމައިޑްގެ ސަބަބުން އަސަރުކޮށްފައިވާ އާއިލާތަކުގެ ތަޖުރިބާތައް ލިޔެކިޔުންތަކުން ބެހެއްޓުމުގެ ސަބަބުން އެ ބޭސް ކުންފުނިން އެ އާއިލާތަކަށް ބަދަލު ހޯދުމަށް އެހީއަކަށްވިއެވެ. އޭރު ނޫސްވެރިން ކުރި މަސައްކަތުގެ އަލީގައި ބޭހުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ގަވާއިދުތަކުގެ އިތުރުން، ނުކުޅެދުންތެރިކަމުގެ ހައްގުތަކާއި، ތާރީހުގައި މިގޮތަށް ހިނގާފައިވާ ހާދިސާތަކުގެ ދިރާސާތައް ހިންގާނެގޮތްތަކަށް މަގުފަހިވިއެވެ.

ތެލިޑޮމައިޑު ބޭސްފިހާރަތަކުން ބޭރުކުރެވުނު އިރު އެކަމުގެ ސަބަބުން 10،000 އާއި 24،000 ކުދިންނަށް ވަނީ އަސަރުކޮށްފައެވެ. އޭގެ ތެރެއިން މިއަދު ދުނިޔޭގައި ތިބި 6،000 މީހުން ދަނީ ދުވަސްވަމުންދާ ވަރަކަށް ސިއްހީ އެތައް އުނދަގުލަކާ ކުރިމަތިލަމުންނެވެ. މިއީ އަންދާޒާކޮށްލަން ބޮޑު އަދަދެއް ނަމަވެސް ނޫސްވެރިން މިކަމުގައި ސާބިތުކަމާ އެކުގައި މަސައްކަތް ނުކުރިނަމަ މި އަދަދު މިއަށްވުރެ ބޮޑުވާނޭކަން ގައިމެވެ.

މިއަދު މިފަދަ ބޮޑެތި ތަހުގީގުތައް ހިނގާލެއް މަދު ނަމަވެސް، ތާރީހުގައި ނޫސްވެރިން އާންމުންގެ ހިދުމަތުގައި އެކި ގޮތްގޮތަށް ކުޅެފައިވާ ރޯލުތަކަކީ ފާހަގަކޮށްލެވޭ ރޯލުތަކެކެވެ. ސަބަބަކީ ނޫސްވެރިންނަކީ މުއައްސަސާތަކާއި އާންމުންނާ ގުޅުވައިލައިދޭ ފާލަމެވެ. ސިޔާސަތުތަކުގައި ހުންނަ ނާގާބިލުކަން، ލީޑަރުން ފޮރުވަން މަސައްކަތްކުރާ ނާކާމިޔާބީތައް ވަކި ކޮޅަކަށް ނުޖެހި ސާފު އިބާރާތުން މީހުންނާ ހަމައަށް ގެނެސްދޭން ތިބީ އެ ދުވަހުވެސް އަދި މިއަދުވެސް ނޫސްވެރިންނެވެ. އެހެން ކަމުން ޒިންމާދާރު ނޫސްވެރިކަން ކުރެވޭނޭ ގޮތްގޮތަށް ކަންކަން ފަހިވެފައި އޮތުމަކީ ގައުމެއްގެ ހުރިހައި ބަޔަކަށްވެސް ފައިދާވާނޭ ކަމެކެވެ.