ސަޢޫދީ ޢަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަނޭޝަނަލް ރިލޭޝަންސް، ސާރާ އަލް-ސަޢީދާއި އެކަމަނާގެ އަރިހުގައި އައި ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރި ވަފުދެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ މި އަހަރު ޙައްޖަށް ވަޑައިގެންނެވި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ބޮޑުވަޒީރު، އަދި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް- އާލް ސުޢޫދު އާއެކު ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާ ކުރެއްވުމާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ. މި ވަފުދު ރާއްޖެ އައިސް ބޭއްވި މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އިތުރަށް ކުރިޔަށް ދިޔުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި، އިންވެސްޓްމަންޓާއި އިޤްތިޞާދީ ތަރައްޤީއާއި، އަމިއްލަ ވިޔަފާރިތައް ތަރައްޤީކުރުމާއި، ދަނޑުވެރިކަމާއި މަސްވެރިކަމާއި އާޓިފިޝަލް އިންޓެލިޖެންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.
ދިވެހިރާއްޖެޔާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ، ވައްމޭޒު ޖަލްސާގައިވެސް މިވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި، ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ، އަދި ސިނާޢަތްތަކުގެ އިސްވެރިންނާއެކު ސީދާ މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ ގިނަގުނަ އެހީތެރިކަން ފާހަގަ ކުރައްވައި، އޭގެ ސަބަބުން ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިސާދީ ތަރައްޤީއަށް ބޮޑެތި ކުރިއެރުން ތަކެއް އައިސްފައިވާތީ، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ނިންމެވުމަށް ވެދެއްވި އެހީތެރިކަމާއި، އަދި އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމުގެ މަތީ ފެންވަރުގެ ވަފުދެއް ފޮނުއްވި ކަމަށްޓަކައިވެސް ރައީސުލްޖުމުހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ އެބޭފުޅުންނަށް ދިވެހިރާއްޖެއިން ވިދާޅުވި މަރުޙަބާ އާއި، ބެހެއްޓެވި މެހުމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުން ނިންމާލައްވާފައިވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
މި ބައްދަލުވުމުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment