ޕްލާސްޓިކު ފުޅީގައި ފެން އެތެރެކުރުން މަނާކުރުމާއި ރާއްޖޭގައި އުފެއްދުން މަނާކުރާ ތާރީހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ފަސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މި ބަދަލު ގެންނަވައިފައި ވަނީ، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވައިފައި އޮތް ތާރީޚަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށެވެ.
މި އިޞްލާޙު ގެންނެވުމުގެ ކުރީން، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުން މަނާކުރަން ފެށުމަށް ކަނޑައަޅުއްވާފައި ވަނީ، އަންނަ ޑިސެންބަރުގަ އެވެ. އެހެން ނަމަވެސް މި އިޞްލާޙާއެކު، އެ ތާރީޚު މިހާރު ވަނީ، 1 ޑިސެންބަރު 2027 އަށް ފަސްކުރައްވައިފައެވެ. އަދި މި އިޞްލާޙު ގެންނެވުމުގެ ކުރީން، މި ތަކެތި ބާޒާރަށް ނެރުން މަނާކުރެއްވުމަށް ނިންމަވާފައި ވަނީ، 1 މާރިޗު 2026 ގައެވެ. އެހެންނަމަވެސް އިޞްލާޙާއެކު މި ތާރީޚު ވަނީ، 1 ޖޫން 2028 އަށް ބަދަލުކުރައްވައިފައެވެ.
މި އިޞްލާޙުތައް ހިމެނޭ ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.



advertisment