މި ދުނިޔޭގައި އިންސާނާ ހޭދަކުރާ ކުރު މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ކުރިމަތިވާ އެއް ގޮންޖެހުމަކީ އެހެން މީހުންނާ އެކު އުފައްދައި، ބަދަހިކޮށް، ދެމެހެއްޓުމަށް މަޖުބޫރުވާ ގުޅުންތަކެވެ. އިންސާނުންގެ ތަފާތު ތަބީއަތާއި ވިސްނުމާއި ފިކުރުތައް ތަފާތުވުމުގެ ސަބަބުން، ކަންކަމާ މެދު އަމަލުކުރާ ގޮތްވެސް ތަފާތުވެއެވެ. އެހެންކަމުން، މި ގުޅުންތައް ދެމެހެއްޓުމުގައި 'އިމޯޝަނަލް އިންޓެލިޖެންސް' (ޖަޒުބާތީ ބުއްދިވެރިކަން) މުހިންމު ދައުރެއް އަދާކުރެއެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އިމޯޝަނަލް އިންޓެލިޖެންސަކީ ކަންކަމުގައި މާބޮޑަށް ހާސްނުވެ، ދިރިއުޅުމުގެ ކަންތައްތަކާ ކުރިމަތިލުމުގެ ގާބިލުކަމެވެ. ނަމަވެސް މިއީ އެއަށްވުރެ ފުން މާނައެއް އެކުލެވިގެންވާ ކަމެކެވެ. އިމޯޝަނަލް އިންޓެލިޖެންސަކީ ތިމާއާއި އެހެން މީހުންގެ ހިތަށް އަރައި ފައިބައި ފިކުރުތަކާއި އިހުސާސްތައް ދެނެގަނެ، އެ އިހުސާސްތައް އުފެދުމުގެ ސަބަބުތައް ދެނެގަނެ، ތިމާގެ އަސާސީ އުސޫލުތަކާ ފުށުނާރާ ގޮތަށް އެކަންކަމަށް ރައްދު ދިނުމުގެ ގާބިލިއްޔަތެވެ. މިކަމުގެ މުހިންމުކަމާ ބެހޭގޮތުން ސައިންޓިފިކް ތަހުލީލުތަކާއި، ތައުލީމީ ދިރާސާތަކުގެ އިތުރުން ދީނީ އިލްމުވެރިންވެސް އަލިއަޅުއްވައިލައްވާފައިވެއެވެ. މިކަމަށް ދީނީ ގޮތުން އަހައްމިއްޔަތުކަން ދީފައިވާ އެއް ސަބަބަކީ، އިންސާނުންނަށް ކުރެވޭ އިހުސާސްތަކުގެ ސަބަބުން އެމީހުންގެ ނިޔަތާއި އަހުލާގާއި ގުޅުންތައް ގެންގުޅޭ ގޮތަށް އަސަރުކުރާތީއެވެ.
ޖަޒުބާތުތަކަކީ އޭގެ ޒާތުގައި ހަށިގަނޑުގެ ތެރޭގައި އުފެދި، ނެތިދާ އެއްޗެކެވެ. ނަމަވެސް ޖަޒުބާތަކީ ވަރުގަދަ ބާރުތަކެއް ލިބިފައިވާ އެއްޗެކެވެ. އަހަރެމެންނަށް ކުރެވޭ އިހުސާސްތަކަށް، އަހަރެމެންނަށް ދިމާވާ ކަމެއްގައި ކުލަ ޖެއްސުމުގެ ބާރު ލިބިގެންވެއެވެ. މިސާލަކަށް، އަމިއްލަ ނަފްސަށް އިތުބާރު ނެތް މީހެއްގެ މަސައްކަތަށް އެހެން މީހަކު އެހާ ބޮޑު މާނައެއް ނުދޭ އެއްޗެއް ބުނުމުންވެސް، އެއީ ހަރުކަށި ފާޑުކިޔުމެއް ކަމުގައި ވިސްނިދާނެއެވެ. ނުވަތަ މީހަކާ މެދު ހިތުގައި ބުރަލައިގެން އުޅޭ މީހަކަށް، އެމީހާ ކޮށްދޭން ބުނާ ކުޑަ ކަމެއްވެސް އެއީ މަޖުބޫރުން ކުރަން ޖެހޭ ކަމެއް ކަމުގައި ނެގިދާނެއެވެ. އެނގުން މުހިންމީ، ޖަޒުބާތުތަކަށް މާނަދެވެނީ އަހަރެމެންގެ މާޒީގެ ތަޖުރިބާތަކުންނާއި، އަދި އަހަރެމެންގެ މުސްތަގުބަލާ މެދު ކުރެވޭ އުންމީދުތަކުންނެވެ. މިއީ ހިތުގައި ލެވިފައިވާ "ފަރުދާ"ގެ ސަބަބުން މާނަ ދެވޭ ކަންކަމެވެ. އިމޯޝަނަލް އިންޓެލިޖެންސުން އަހަރެމެންނަށް ޖަޒުބާތުތަކަކީ މައްސަލައެއް ނޫންކަން ވިސްނައިދީ، އެ ޖަޒުބާތުތަކާ މެދު އަހަރެމެންނަށް ދެވޭ މާނައާ ދޭތެރޭ ވިސްނައިލުމަށް ދަސްކޮށްދެއެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހަދައިފައިވާ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ދިރާސާތަކުން މި ހަގީގަތް ހާމަވެގެން ދެއެވެ. ތިމާއާއި ތިމާއާ އެކުގައި އުޅޭ މީހުންގެ އިހުސާސްތައް ދެނެގަނެ، އެ އިހުސާސްތައް އުފެދެން މެދުވެރިވި ސަބަބު ހޯދައިގަނެވިއްޖެނަމަ، ތިމާގެ އިހުތިޔާރަކާނުލައި ހަށިގަނޑުގައި އުފެދޭ އޮޓޮމެޓިކް ރިއެކްޝަންސްތައް މެދުކަނޑައިލެވޭނެއެވެ. ހަގީގީ އިހުސާސްތައް ފޮރުވުމަށް ނަފްސު އޮޅުވައިލައި އޮޅުވައިލުންތަކުން ސަލާމަތްވެވޭނެއެވެ. ސަބަބަކީ އިމޯޝަނަލް އިންޓެލިޖެންސްގެ ސަބަބުން މީހާގެ ކެތްތެރިކަން އިތުރުވެ، އިންސާފުގެ ހަމަތަކުގެ މަތިން ކަންކުރުން އިސްކޮށް، އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމުގެ ގާބިލުކަން ވަރުގަދަކޮށްދޭތީއެވެ. އަދި އެހެން މީހުންގެ ބޮލަށް ތިމާއަށް ކުރެވޭ އިހުސާސްތަކުގެ ޒިންމާނުޖަހައި އަމިއްލަ މީހާގެ ޒިންމާއަކީ ކޮބައިކަން ދެނެގަނެވޭތީއެވެ.
އެހެންކަމުން، އިމޯޝަނަލް އިންޓެލިޖެންސުން އަހަރެމެންނަށް ދަސްވަނީ އަހަރެމެންނަށް ކުރެވޭ އުނދަގޫ އިހުސާސްތައް ނައްތައިލާކަށް ނޫނެވެ. ނުވަތަ އެހެން މީހަކަށް ކުރެވޭ އުނދަގޫ އިހުސާސްތަކުން ފިލައި ބޮނދައިގެން އުޅޭކަށްވެސް ނޫނެވެ. އިމޯޝަނަލް އިންޓެލިޖެންސް ވަރުގަދަވާ ވަރަކަށް އަހަރެމެންނަށް ލިބޭ އެންމެ ބޮޑު ގާބިލުކަމަކީ، އެ އުނދަގޫ އިހުސާސްތައް ކުރިމަތިވާ ހިނދުގައި އަހަރެމެންގެ ބަސްތަކާއި އަމަލުތައް ކޮންޓްރޯލްކުރުމަށް ދަސްވުމެވެ. ކުއްލިއަކަށް ކުރެވޭ ޖަޒުބާތެއްގެ އޮއިވަރުގައި ޖެހި، ފަހުން ދެރަވާނޭ ކަންކަން ކުރުމުން ދުރުވުމެވެ. މި ހޭލުންތެރިކަން އުފެދި، ފުރާފުރިހަމަވެ، ފޯދެނީ މީހާގެ އުމުރުން ދުވަސްވާ ވަރަކަށެވެ. ސަބަބަކީ ހަޔާތުގައި އުފެދޭ ކޮންމެ ގުޅުމަކީވެސް ތިމާގެ ކިބައިގައި އިމޯޝަނަލް އިންޓެލިޖެންސް ގާއިމުކުރުމަށް ހުޅުވިފައިވާ މައިދާނެކެވެ.
މިސާލަކަށް، ދެމަފިރިއަކު އެކުގައި އާއިލާގެ ބޮޑު އެއްވުމަކަށް ދާން ރާވަމުން ދަނިކޮށް، އެކަކު ވަރުބަލިވެފައި ހުރުމުން ތަންކޮޅެއް ފަހުން ދާން އެދެއެވެ. ނަމަވެސް އަނެއް މީހާއަށް އެ އެދުމުން މާނަ ނެގެނީ އޭނާގެ އާއިލާއާ މެދުގައި އޭނާގެ ބައިވެރިޔާ ނުވިސްނައި ކަމުގައެވެ. މި ދަނޑިވަޅުގައި، މާޒީގައި ދެމީހުންގެ ދެމެދުގައި ޖެހިފައިވާ މައްސަލަތަކުގެ އިތުރަށް، ދެމީހުންގެ ގުޅުން ފެށުމުގެ ކުރިން ތަޖުރިބާކުރެވިފައިވާ ކަންތައްތައްވެސް އެ ދަނޑިވަޅަށް މާނަ ގެނުވަން ފަށައެވެ. އެވަގުތު ހިނދުކޮޅެއް ނުނަގައި އެކަމާ މެދު ޝަކުވާކުރަން ފަށައިފިނަމަ، އޭގެ އާހިރު ނަތީޖާވެގެން ދާނީ ދުލުން ބޭރުކުރެވޭ ހިތްހަމަނުޖެހޭ ބަސްތަކަކަށެވެ. އަދި އަޅުވައި އިލްޒާމްތަކަކަށެވެ. ނަމަވެސް އެ ހިނދުކޮޅުގެ ތެރޭގައި، ހިތަށް އުނދަގޫތަކެއް ކުރިމަތިވީ އެ ކަމުގެ ސަބަބުން ހިތަށް ލޮޅުމެއް އަރައިގެންކަން ބުނެދީ އަމިއްލަ އިހުސާސްތަކުގެ ޒިންމާއުފުލަން ނިންމައިފިނަމަ، އެކަމުގައި ޒިންމާދާރު ގޮތަކަށް ކަންކުރަން މަގުފަހިވެގެން ދާނެއެވެ.
މިސާލަކަށް، ތިމާގެ ފިރިމީހާއަށް މެސެޖެއް ފޮނުވުމަށް ފަހު އޭނާ ވަގުތުން އެ މެސެޖު ބަލައިފައި ޖަވާބު ނުދިނުމުން، ހިތުގައި އުފެދޭ ޖަޒުބާތުތައް ދެނެނުގަނެވޭނަމަ، އެއީ ހާސްވެ ފިކުރުބޮޑުވާން ޖެހޭ ކަމަކަށް ވެގެން ދިޔުމުގެ ފުރުސަތު ބޮޑެވެ. ތިމާގެ ފިރިމީހާ ތިމާއަށް އަޅައިނުލާ ކަމަށް ވިސްނި، ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގައި ވިސްނެން ފަށައެވެ. މި ހިޔާލުތަކުގެ ސަބަބުން ކަންބޮޑުވުން ރުޅިއަށް ބަދަލުވެ ހިތްހަމަނުޖެހުމަށް ބަދަލުވެގެންދާލެއް އަވަސްވެއެވެ. ނަމަވެސް، އެ ހިނދުކޮޅުގެ ތެރޭގައި މަޑުޖައްސައިލައި، އަސްލު މިވަނީ ކިހިނެތްތޯ ދެނެގަތުމަށް ވަގުތުކޮޅެއް ދެވިއްޖެނަމަ، އޭނާއަށް އެ އިހުސާސް އެގޮތަށް ކުރެވުނީ ފިރިމީހާ އޭނާއަށް އަހައްމިއްޔަތުކަން ނުދޭ ކަމުގެ ބިރު އިހުސާސްވުމުންކަން ދެނެގަނެވެއެވެ. އެއީ ކޮންމެ އިންސާނަކަށްވެސް ކުރެވިދާނެ އިހުސާސެކެވެ. މިއީ އެވަގުތު އައި ރުޅީގެ ފަހަތުގައި ފޮރުވިފައިވާ އިހުސާސްކަން ދެނެގަނެވުމުން، އެކަމާ މެދު ދެން އަމަލުކުރާ ގޮތް ހަރުދަނާވެގެން ދެއެވެ.
އިމޯޝަނަލް އިންޓެލިޖަންސްގެ އެންމެ މުލުގައިވަނީ އަމިއްލަ ނަފުސުގެ ކަންކަން އިހުލާސްތެރިކަމާ އެކުގައި ދެނެގަތުމެވެ. ގިނަ ފަހަރަށް ޖަޒުބާތުތައް އޭގެ އަސްލު ސިފައިގައި ފާޅުކުރަން ނަފުސަށް އުނދަގޫތަކެއް ކުރިމަތިވެއެވެ. ނަފުސު ބަލައިނީ އެ ޖަޒުބާތުތައް އިހުސާސްނުވާނޭ ގޮތަށް އަނެއް މީހާގެ އަމަލުތައް ބަހައްޓަން މަޖުބޫރުކުރުވަން މަސައްކަތްކުރާށެވެ. މީހެއްގެ އަމަލުގެ ސަބަބުން އަންނަ އުނދަގޫ އިހުސާސެއް ބުނެދޭ އިރުގައި އަނެއް މީހާ ލަދުގަންނަވައިލާ ކަހަލަ ގޮތަކަށް ވާހަކަ ދައްކައިގެންނެވެ. ހަސަދަވެރިވާ ކަމަކާ ދިމާވުމުން އެކަމުގެ ސަބަބުން ނުރައްކަލެއް ދިމާވެދާނޭ ކަމުގެ ކަންބޮޑުވުން ފާޅުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. ތިމާގެ ބައިވެރިޔާ ދައްކާ ވާހަކައަށް އަޅައިނުލުން އެއީ ތިމާގެ ކެތްތެރިކަމުގައިވެސް ފޮރުވައިގެން ނަފުސުއުޅެއެވެ. އިންސާނާގެ އެންމެ ބޮޑު އިމްތިހާނަކީ މިއިން ކޮންމެ ސިފައެއްގައި ފޮރުވިފައިވާ ހަގީގަތާ ކުރިމަތިލުމެވެ. އަދި އެހެން މީހުންގެ ކަރާމާތަށް އަރައިނުގަންނަ ގޮތަށް ތިމާގެ ބަސްތަކާއި އަމަލުތައް ބައްޓަންކުރުމެވެ.
މި ކަންކަމުގެ އަސްލު ދެނެގަނެވުމުން، ދެން އަމަލުކުރެވޭނީ އެ ކުރެވޭ އިހުސާސުގެ މައްޗަކަށް ނޫނެވެ. އެ ހިނގައިގެން އުޅޭ ހާދިސާއަށް ހައްލެއް ހޯދުމަށެވެ. މިގޮތަށް ވަގުތުކޮޅެއް ނަގައިލުމުގެ ސަބަބުން، ބޮޑެތި ތަޅާފޮޅުންތަކަށް ނުގޮސް މައްސަލަތައް ހައްލުކުރެވޭނެއެވެ. އަނެއް މީހާއަށް ތިމާގެ ޖަޒުބާތުތަކުގެ ޒިންމާނަގަން ނުޖެހޭނެކަން އެނގުމުން، ގުޅުންތައް ދެމެހެއްޓުމަށް ފަސޭހަވެގެން ދެއެވެ. އަދި މުސްތަގުބަލުގައި އެފަދަ ކަންކަން ތަކުރާރުނުވާނޭ ގޮތަށް ކަންތައް ބެހެއްޓުމަށް އަމިއްލައަށް ވިސްނައި އަމަލުކުރަން ފެށުމުގެ މިނިވަންކަން ލިބެއެވެ.
އަހަރެމެންގެ ދީނުގައިވެސް ޖަޒުބާތުތަކުގެ މައްޗަށް ސަމާލުވުމަށް ބާރުއަޅުއްވާފައިވެއެވެ. މީސްމީހުންގެ ހިތުގައި ލެވޭ ރިހުމާއި، ޖެހިލުންވުން އަދި ބިރަށް ރުޅިއައިސްގެން ރައްދުދިނުމުގެ ބަދަލުގައި، އޯގާތެރިކަމުގެ މަތީގައި ސާބިތުވެ، ރަހުމުން ފުރިގެންވާ ގޮތްގޮތަށް އަމަލުކުރުމަށް އިސްކަންދޭން އޮވެއެވެ. މީހެއްގެ ކިބައިން ފެންނަ ނުރަނގަޅު އަމަލެއް ރަނގަޅުކުރަން ނަސޭހަތްތެރިވާ ހިނދު، އޭނާއަށް ސާފުބަހުން ސާދާކަމާއެކު މުއާމަލާތުކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި ބަސްބުނާއިރުގައިވެސް ބޭނުންކުރާ ރާގަށް ސަމާލުވުމަށް އަހައްމިއްޔަތުކަން ދޭން އޮވެއެވެ. މިއީ ރަނގަޅު ހިތްތަކުގެ ވެރިންގެ ސިފަތަކުގެ ތެރެއިންވާ ސިފަތަކެވެ.
ޖަޒުބާތުތަކުގެ އިލްމު ދެނެގަތުމަށް، ވާހަކަފޮތްތަކާއި މީހުންގެ ތަޖުރިބާތައް ބަލައި އޮޅުންފިލުވުން މުހިންމެވެ. ނަމަވެސް، އިމޯޝަނަލް އިންޓެލިޖެންސަކީ ވިސްނައިވިސްނުމުންނާއި ކުރާ އަމަލުން ފުރާފުރިހަމަވާ އެއްޗެކެވެ. ކުދިކުދި ބަދަލުތަކުން ބޮޑެތި ކުރިއެރުންތައް ލިބެން ފަށާ ކަމެކެވެ. އިމޯޝަނަލް އިންޓެލިޖެންސް ބޭނުންކުރުމުގެ ގާބިލުކަން ލިބިފައިވާ މީހާއަށް، މީސްމީހުންގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރަން އެނގޭނެއެވެ. އޭނާގެ ބަލިކަމުން ނުވަތަ ވަރުބަލިކަމުން ވާހަކައިގެ ރާގަށް ބަދަލު އައިސްފާނެކަން އެނގެއެވެ. ޖަޒުބާތުތަކުގެ އެހީގައި ހިތުގައި ލެވިފައިވާ ބިރުތަކާއި ކަންބޮޑުވުންތައް ދެނެގަނެ، އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުމުގެ އާދަ ހަރުލައެވެ. އަދި އެހެން މީހުންގެ އިހުސާސް ދެނެގަނެ، ޒިންމާދާރުކަމާއެކު ގުޅުންތަކުގައި ސާބިތުވެ ހުރެވޭނެ ގޮތްގޮތަށް ކަންކަން ބަހައްޓަން ދަސްވެއެވެ.
