ހަތާވީސް ނޮވެމްބަރު ވީ ބުރާސްފަތި ދުވަހު، ފުލުހުންގެ މައި އިމާރާތް، އިސްކަންދަރު ކޮށީގެ ދެވަނަ ފަންގިފިލާގައި އޮތް ބޮޑު ބައްދަލުވުމެކެވެ. ފުލުހުންގެ އެކި ދާއިރާތަކުގެ ހުރިހާ ކޮމާންޑަރުން އެ ހޯލުގައި ތިއްބެވެ. އަތޮޅުތެރޭގެ ފުލުސް އޮފީސްތަކުގެ އެކި ފެންވަރުގެ ވެރީންވެސް އޮންލައިންކޮށް އެ ބައްދަލުވުމުގައި ބައިވެރިވިއެވެ. ފުލުހުންގެ މުއައްސަސާ ހިންގެވުމުގައި އިސްކޮށް ހުންނެވި މިނިސްޓަރު، ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ފުލުހުންގެ ހުރިހާ ވެރީންނާ ކުރެއްވީ ބޮމެއް ފަދަ ބޮޑު ސުވާލެކެވެ. ދިވެހި ރައްޔިތުންނަށް ހައްޤު މިންވަރަށް ފުލުހުންނަށް ހިދުމަތްދެވޭ ކަމަށް ޤަބޫލުކުރާ އޮފިސަރުން އަތްމައްޗަށް ނެގުމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއޮއް ބޮޑު ހޯލުގައި ތިބި ހުރިހާ ފުލުހުންގެ ތެރެއިން އެންމެ އޮފިސަރަކަށް ވެސް އަތްމައްޗަށް ނަގާކަށް ނުކެރުނެވެ. ދިވެހި ފުލުހުންގެ މުއައްސާގެ އިތުބާރު ދިވެހި ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވާ ކަމަށް ހުރިހާ އޮފިސަރުން، އިސްދަށަށް ޖަހައިގެން ތިބެ، މިނިސްޓަރުގެ ކުރިމަތީގައި އެއްބަސްވީ އެވެ!
އެ ބައްދަލުވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާ އަލުންބަލުން އެކުލަވާލައި، "ޓޯޓަލް ރީސެޓް" އަކަށް ދާންޖެހިފައިވާ ކަމަށާއި، މުޅި ނިޒާމް ފެއިލްވެފައިވާ ކަމަށެވެ. މި ރާއްޖޭގެ އަމަންއަމާން ކަމާއި މަސްލަހަތު ބަލަހައްޓައި، އިންސާފުވެރިކަމާ އެކު ޤާނޫނު ނެގެހެއްޓުމުގެ ޒިންމާ އަދާކުރުމަށްޓަކައި، އަހަރަކު 2.8 ބިލިއަން ރުފިޔާގެ ބަޖެޓަކާއި، ގާތްގަނޑަކަށް ފަސް ހާސް ފުލުހުންގެ ފޯސް އެއް ދައުލަތުން ދީފައިވާއިރުވެސް މުއައްސަސާ ފެއިލްވެފައިވާ ކަމަށް މިނިސްޓަރު ކުރިފުޅުމަތީ ހުރިހާ އޮފިސަރުން މިވަނީ އިއުތިރާފްވެފައެވެ.
ފުލުހުންގެ ޒިންމާ ފުރިހަމައަށް އަދާނުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވެ، އެކަމަށް ހުރިހާ އޮފިސަރުން އެއްބަސްވެއްޖެ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ފުލުހުންގެ އޮފީސްތަކުގައި ހިފަހައްޓައިފައި ހުންނަ އެތައް ލައްކަ ނުވަތަ އެތައް މިލިއަން ރުފިޔާގެ ސިނގިރެޓާއި ޑްރަގް ފަދަ ތަކެއްޗާއި ޑޮލަރުތަކަށް ވީނުވީއެއް ނޭނގި ގެއްލެނީ އެވެ. ފުލުހުންގެ މުއައްސަސާގައި ވިޔަފާރި ކުރުމަށް "ޕޮލްކޯ" އޭ ކިޔާ ކުންފުންޏެއް ހަދައިގެން ވިޔަފާރިކޮށް، ފިހާރަ ހިންގައި، ކާބޯތަކެތި ވިއްކައި، ފެލްލެޓް އަޅައި، އެ ވިޔަފާރީގެ ތެރެއަށް އެތައް މިލިއަން ރުފިޔާގެ ކޮރަޕްޝަން ވައްދައި، މިކަމުގައި ކުރިއާއި މިހާރުގެ އެތައް ފުލުހުންނެއް ޝާމިލްވާކަމުގެ ހެކި ތަހްޤީގަށް ލިބިއްޖެއެވެ.

ފުލުހުންގެ މުއައްސަސާ ރީސެޓަކަށް ދާންޖެހިފައިވާ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވި ވިދާޅުވުން ވަރަށް ރަނގަޅެވެ. މިނިސްޓަރު އެހެން ވިދާޅުވުމުން ކަރުއެލިފައި، ލަދުވެތި ކަމާއެކު ހަނު ތިބި ފުލުސް އޮފިސަރުންނަށް ރައްޔިތުންގެ އިތުބާރު ވަކީން ބޮޑަށް ގެއްލިއްޖެއެވެ. ކެރުންތެރިކަން ހުރި އޮފިސަރެއް އޭގެތެރޭގައި އިންނަމަ، ތެދުވެ، ތިމަންނަގެ އިތުބާރެއް މި މުއައްސަސާއަށް ނެތް ކަމަށް ބުނެ، ރަނަގަޅުކުރަން ޖެހޭ ކަންތައްތަކުގެ ވާހަކަ ދެއްކީހެވެ.
ދިވެހި ފުލުހުންގެ މުއައްސަސާއަށް ބޭނުންވަނީ މިނިސްޓަރު އިހްސާން ފަދަ ކެރޭ ބޭފުޅުން ކަމަށް ވެސް ވެދާނެއެވެ. ކެރިގެން، އަމިއްލަ ކުށަށް އިއުތިރާފްވެ، ނުރަނގަޅު މިސްރާބަކަށް ދެވޭކަން އެނގުމުން މިސްރާބު ރަނގަޅުކުރަން އެނގޭ، އަދި ކެރޭ އޮފިސަރުންނެވެ. ޓޯޓަލް ރީސެޓަކަށް ފުލުހުންގެ މުއައްސަސާ ގެންދެވިގެން މެނުވީ ރައީސް ޑރ. މުއިއްޒު އެ ވިދާޅުވާ ޤައުމީ ބޮޑު ތިން މައްސަލައަށް ހައްލެއް ނުހޯދޭނެއެވެ. އެއީ ޑްރަގް މައްސަލަ އާއި، ގޭންގް މައްސަލާ އާއި، ބިދޭސީންގެ މައްސަލަ އެވެ. މި ތިން މައްސަލައަށް ޤައުމީ ފެންވަރުގެ ދެމެހެއްޓެނިވި ހައްލެއް ގެނައުމުގައި އެހެން މުއައްސަސާތަކާ ގުޅިގެން އެންމެ މުހިއްމު މަސައްކަތެއް ކުރަންޖެހޭ ބަޔަކީ ދިވެހި ފުލުހުންނެވެ. ޓޯޓަލް ރީސެޓަކަށް ގޮސްގެން މި ތިން މައްސަލަ އާއި އެހެނިހެން ބޮޑެތި ޤައުމީ މައްސަލަތައްވެސް ހައްލުކޮށް، ގެއްލިފައިވާ އިތުބާރު ހޯދަން ދިވެހި ފުލުހުން، މިނިސްޓަރު އިހްސާނާ އެކު އަތުކުރި އޮޅާލަން ޖެހެއެވެ.
***
ދެން، މި މައްސަލަ އެހެން އެންގަލަކުން ބަލައިލަމާ ހިންގަވާށެވެ. މީގެ ދެތިންރޭ ކުރީން އޯކިޑް މަގުގެ މެދުތެރޭ ހިސާބެއްގައި ވަރަށް ބޮޑު ޓްރެފިކް ޖޭމެއް ޖެހިފައި އޮތެވެ. އާރް.ޓީ.އެލްގެ ބޮޑު ބަހަކަށް ކުރިއަކަށް ނުދެވެއެވެ. ދެފަރާތުގައި އެގޮތް މިގޮތަށް ޕާކްކޮށްފައި ހުރި ސައިކަލްތަކާ ހެދިއެވެ. ތިން ފުލުހަކު އެކަން ހައްލު ކުރުމުގައި ޓްރެފިކަށް އިރުޝާދު ދެމުން ގެންދިޔަ އެވެ. ސައިކަލެއްގައި އިން، ބޯދިގުކޮށްފައި ހުރި ޒުވާން ފިރިހެނަކު އެ ފުލުހުންނާ ދިމާއަށް އަވަގުރާނަ ގޮވައިއި ބަވާލިއެވެ. ބޯދިގު ޒުވާނާ އަށް ގޯސްވީ ފުލުހުންނެވެ. ފުލުސް މީހާއަށް ޖެހުނީ އެ ޒުވާނާގެ ކުރިމަތީގައި އިސްދަށަށް ޖަހާލައިފައި ދާށެވެ. މާބޮޑު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެއީ ސްރީލަންކާ، ބަންގްލަދޭޝް ނުވަތަ އިންޑިއާ ފަދަ ޤައުމެއްގެ ފުލުހެއް ނަމަ އެތަނުގައި ގަދަވާނީ ފުލުސް މީހާއެވެ. ދިވެހި ރާއްޖެ އަށް މިއައި "ޑިމޮކްރެސީ"އަކާ އެކު އިންސާނީ ހައްޤޭ، ކުށްވެރިންގެ ހައްޤޭ ކިޔައިގެން މުޅި މުޖުތަމައުން އިހްތިރާމްގެ ބައި ކަނޑާލައިފިއެވެ. މި ޒަމާނުގައި ފުލުހަކީ، ސިފައިންގެ މީހަކީ، މިނިސްޓަރަކީ، އަދި ރައީސަކީ ވެސް އެއްވެސް އިހްތިރާމެއް ލިބެންޖެހޭ މީހެއް ކަމަކަށް ނުބެލެވެއެވެ. ރައްޔިތު މީހާ އަނގަޔަށް އައިހައި އެއްޗެއް ގޮވިއަސް ފުލުހުންވެސް، ސިފައިން ވެސް، މިނިސްޓަރުން ވެސް، ޓީޗަރުން ވެސް، އަދި ރައީސުން ވެސް ތިބެން ޖެހެނީ ހައްޕު ކިޔައިގެންނެވެ. ކަމެއް ހައްލު ކުރަން އިނގިލި ކުރި ހިއްލައިލެވޭ ގޮތަކުން ވެސް އިންސާނީ ހައްޤޭ، ކުށްވެރިންގެ ހައްގޭ، ކުޑަކުދިންގެ ހައްޤޭ ބުނެ ފުލުސް މީހާ ގޮޅިއަކަށް ފެތެއެވެ. މިއީ އަސްލު ޑިމޮކްރެސީ އެއް ނޫނެވެ. މަގުމަތީގައި ބޯދިގުކޮށްފައި، އެހެން މީހުންގެ ހިތަށް ބިރުވެރިކަން ވަންނަ ގޮތަށް، ނުރަކާތެރިކޮށް ސައިކަލް ދުއްވަމުން އުޅޭ "ޒުވާނުން"ނަށް ޑިމޮކްރެސީއިން ލިއްބައިދޭ ހައްޤަކީ އެހެން ހުރިހާ ރައްޔިތުންގެ ހައްޤަށް ވުރެ ބޮޑު ހައްޤަކަށް ވެގެން ނުވާނެއެވެ. އެއީ ޑިމޮކްރެސީ އެއް ނޫނެވެ. އިންސާނީ ހައްޤަށް ވެސް ހައްދެއް އޮންނާނެއެވެ.
ހައްޤުތަކުގެ މި ޒަމާނުގައި، ޓީޗަރުންނަކީ ވެސް އަދި މައިންބަފައިންނަކީ ވެސް އެއްވެސް އާރެއް ބާރެއް އޮތް ބައެއް ނޫނެވެ. އަޅުގަނޑުމެން ކުޑައިރު މަޖީދިއްޔާ ސްކޫލްގައި ކިޔެވި އިރު ބަސްނާހާ ނަމަ ޓީޗަރުގެ މޭޒު ކައިރިއަށް ގެންގޮސް އަތްތިލައިގައި، އަނިޔާނުވާ ގޮތަށް، ފަތިގަނޑަކުން ޖަހައެވެ. އެވަރުން އިސްލާހު ނުވާނަމަ އޮފީހަށް ގެންގޮސް ނީލް ޑައުން ކުރުވާފައި (ދެކަކޫ ބިންމަތީގައި ޖައްސުވައިފައި) އިރުގަނޑަކު ބައިންދައެވެ. ޑިމޮކްރެސީ އާއި އިންސާނީ ހައްޤާއި ކުޑަކުދީންގެ ހައްޤުގެ މި ޒަމާނުގައި ޓީޗަރަކު ފަތިގަނޑަކުން ކީއްކުރަންތޯ، ކަފަ ބުރަކުން ކުއްޖެއްގެ އަތްތިލާގައި ޖައްސާލިއަސް ޓީޗަރު ކުށްވެރިވެ އެވެ. ކުދީން ބޭނުން ނަމަ ޓީޗަރުގެ ޤައުމަށް ނުވަތަ ނަސްލަށް ނިސްބަތްކޮށް، ނަސްލީ އިމްތިއާޒުގެ ބަސްތައް ބުނެ، ގަޔަށް އަތްލާ، އެކިއެކި ކުދި ލަނޑުދީ، މަލާމާތްކޮށް، ނުކިޔަވާ، ކިލާސްތެރޭ ހަޅޭއްލަވާ، ޓީޗަރުންނަށް ފުރައްސާރަ ކުރެވެއެވެ. ނަމަވެސް ޓީޗަރަކު ބުނާ އެންމެ ބަހަކުން ނުވަތަ ހިއްލާލާ އެންމެ އިނގިއްޔަކުން ވެސް ދަރިވަރުގެ ކަރާމާތަށް "އުނިކަން ލިބި" ޓީޗަރު ކުށްވެރިވެއެވެ.
ޓީޗަރުގެ މޭޒުދޮށަށް ގެންގޮސް، އަނިޔާ ނުވާގޮތަށް ފަތިގަނޑުން ޖަހައިގެން، ނުވަތަ ނީލްޑައުން ކުރުވައިގެން ބޮޑު ކުރި ޖީލު މާރަނގަޅެވެ. ތަރުބިއްޔަތު މާރަނގަޅެވެ. ކުޑަކުދިންގެ ހައްގޭ، އިންސާނީ ހައްޤޭ ކިޔައިގެން، އަބުއިވެގެން ބޮޑު ކުރަމުން މިދާ ޖީލުތައް ދަނީ ފަސާދަވެ ހަލާކުވަމުންނެވެ. ޓީޗަރުންނެކޭ އެއްފަދައިން މައިން ބަފައިންގެ ހާލަކީ ވެސް ހަމަ މިއެވެ. ކުދީން ބަލާނެހާ އެއްޗެއް ޓެބްލެޓުން ބަލަމުން، ކުރާނެހާ ނުބައި ކަމެއް ކުރަމުން، ނަމާދެއް ނުކޮށް، އުޅޭނެހާ ގޮތަކަށް އުޅުނަސް، ކުދީން ތަރުބިއްޔަތު ކުރުމުގައި މައިންބައިން މިހާރު ވެފައިވަނީ ދަތްނެތް ސިންގާތަކަކަށެވެ. ނަމާދު ކުރާ އުމުރަށް ކުދީން ދިއުމުން، ނަމާދު ނުކުރާ ނަމަ ނަމާދަށް ހިތްވަރު ދިނުމުގެ ގޮތުން، އަނިޔާނުވާ ގޮތަށް، މަޑުން ޖަހަން ހަދީސުން އިރުޝާދު އައިސްފައި ވިއަސް މިޒަމާނުގެ ކުޑަކުދީންގެ ހައްޤުތައް އެކުލަވާލި މީހުންނަކީ ރަސޫލުﷲ އަށް ވުރެވެސް ކުދީންނަށް ހެޔޮ އެދޭ ބައެކޭ ބުނާ ކަހަލައެވެ. އަސްތަގުފިރުﷲ!
އަސްލު ޕޮއިންޓަށް އެނބުރި ދާ ކަމުގައި ވަނީ ނަމަ ބުނެވޭނީ، މި ޤައުމަށް މިއައި ޑިމޮކްރެސީ އާއި، އިންސާނީ ހައްޤާއި، ކުށްވެރިންގެ ހައްގާއި ކުޑަ ކުދީންގެ ހައްޤާއި، އުފެދުނު އެތަކެއް ޒަމާނީ މުއައްސަސާތަކުން މިވަނީ މުޖުތަމައު އިސްލާހު ކުރަން ތިބި އެންމެންގެ ހަތަރެސްފައި އިދިފުށަށް ބަނދެ، ބާރު ކަނޑުވާލައިފައެވެ. ފުލުހުންނާއި، ސިފައިންނާއި، މިނިސްޓަރުންނާއި، ޓީޗަރުންނާއި، މައިންބަފައިން މިއަދު ވެފައި މިވަނީ ދަތްނެތް ސިންގާތަކަކަށް ނުވަތަ އެއްވެސް އިހްތިޔާރެއް ނެތް މެނިކުއިން ތަކަކަށެވެ. ޒުވާނުންނާއި ކުދީން މިއަދު ވެފައި މިވަނީ ވެރީންނަށެވެ.
ނުރަނގަޅު މައިންބަފައިންނާއި، ނުރަނގަޅު ޓީޗަރުންނާއި، ނުރަނގަޅު ފުލުހުންވެސް ތިބޭނެއެވެ. ކޮންމެ ބައެއްގެ ތެރޭގައި ވެސް ނުރަނގަޅު މީހުން ތިބޭނެއެވެ. ރަނގަޅު ކުރަންޖެހޭ މީހުންނާއި ކަންކަން ރަނގަޅުކުރަން ޖެހޭނެއެވެ. ނަމަވެސް މިއައި ޑިމޮކްރެސީ އަކުން އުފެދުނު އެތައް މުއައްސަސާ އަކާއި އެކިއެކި ކައުންސިލް ތަކާއި، ލިބުނު އިންސާނީ ހައްޤާއި، ކުޑަކުދީންގެ ހައްޤާއި، ކުށްވެރިންގެ ހައްގާއި އަންހެނުންގެ ހައްޤާއި، އެކަނިވެރި މައިންގެ ހައްޤު ފަދަ ހުރިހާ "ހައްޤެއް"ގެ ނާޖާއިޒު ފައިދާ ނަގައިގެން، މުޖުތަމައު އިސްލާހު ކުރަން ތިބި ފަރާތްތައް އަނދަގޮނޑި ޖަހައިފިއެވެ. ޓޯޓަލް ރީސެޓަކަށް ދާންޖެހިފައި މިވަނީ ފުލުހުންގެ މުއައްސަސާ އެކަންޏެއް ނޫނެވެ. އެޑިއުކޭޝަން މިނިސްޓްރީ އާއި، ކިޔަވައިދޭ މުޤައްރަރުތަކާއި، ޑިމޮކްރެސީގެ ދަށުން މިއައި އެކިއެކި މުއައްސަސާތަކާއި، އިންސާނީ ހައްޤޭ، ކުޑަކުދިންގެ ހައްޤޭ، ޒުވާނުންގެ ހައްޤޭ މިކިޔާ އެއްޗެތިތައްވެސް އަލުން ރީސެޓް ކުރަން ޖެހެއެވެ. މިޤައުމު އިސްލާހު ކުރެވޭނީ މިހުރިހާ އެއްޗެއް އަލުން ރީސެޓް ކުރެވި، ކޮންމެވެސް ވަރަކަށް ކުރީގެ އަހްލާގާއި، އިހްތިރާމާއި، ޑިސިޕްލިން މަޖުތަމައު އަށް އަނބުރާ ގެނެސްގެންނެވެ. މުޅި މުޖުތަމައު މިވަނީ އަލުން "ރީސެޓް" ކުރަން ޖެހިފައެވެ.
