Support Us

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުއްވައިދެއްވައިފި

ހއ. ދިއްދޫގައި ޒަމާނީ ފެންވަރަށް ބިނާކުރި އިސްލާމީ މަރުކަޒާއި މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު ހުޅުއްވައިދެއްވައިފިއެވެ. އިސްލާމީ މަރުކަޒާއި މިސްކިތް ހުޅުވައިދެއްވީ މިއަދު މެންދުރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

އިސްލާމީ މަރުކަޒު ހުޅުވައިދެއްވުމަށްފަހު މަސްޖިދު ޝަހީދު ޢުމަރު އަޙްމަދުގައި މިއަދުގެ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ވެސް ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

މި މިސްކިތުގައި ފުރަތަމަ ފަހަރަށް ބަންގި ގޮވީ، ދިއްދޫ، ތިލަދޫ، މުޙައްމަދު ޚަލަފް ޝަކީބު، 17، އެވެ.

މި އިސްލާމީ މަރުކަޒުގެ މިސްކިތަށް ނަން ދީފައި ވަނީ ނޮވެމްބަރު ތިނެއްގެ ޢުދުވާނުގައި ޝަހީދުވެވަޑައިގެންނެވި، ދިއްދޫއަށް ނިސްބަތްވާ ޝަހީދު ޢުމަރު އަޙްމަދުގެ ނަމުންނެވެ.

މަސްޖިދު ޝަހީދު ޢުމަރު އަޙްމަދުގެ ނަމުން މި މިސްކިތަށް ނަން ދެއްވީ، ޝަހީދު ޢުމަރު އަޙްމަދަކީ އެ ހަމަލާގައި ޝަހީދުވަޑައިގެންނެވިއިރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކަށް ވީތީ އެކަން ފާހަގަކުރެއްވުމުގެ ގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ދިއްދޫ އިސްލާމީ މަރުކަޒަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކުރެވިފައިވާ އިސްލާމީ މަރުކަޒެކެވެ. އެގޮތުން މި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން އިސްލާމީ ކުތުބުޚާނާއާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި މަލްޓިޕާޕޮސް ހޯލަކާއި، ސެމިނަރ ރޫމަކާއި އިދާރީ އޮފީސް ބައެއް ހިމެނެއެވެ.

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ ހުރިހާ ވަސީލަތެއް ޤާއިމްކޮށް ފުރިހަމަ ކުރުމަށްފަހުގައެވެ. އިސްލާމީ މަރުކަޒުގެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓުވެސް ވަނީ ހަރުކޮށްފައެވެ.

"މި މަޝްރޫޢު ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ހުޅުވިގެންގޮސްފައި މިވަނީ އިސްލާމީ ދާއިރާގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އަދުގެ ސަރުކާރުން ކުރިއަށް ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ." އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *