Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އަދިވެސް "އަލިމަގު"ތަ؟

"އޮޕަރޭޝަން އަލިމަގު" އަދިވެސް ކުރިއަށް އެބަދޭތޯ އެވެ؟ މި އޮޕަރޭޝަން ނޮވެމްބަރު 13 ގައި ފެށި ދުވަހު 119 މީހުން ހައްޔަރުކުރި އިރު އޭގެ ތެރެއިން 61 މީހަކު ޑްރަގަށް ޕޮޒިޓިވްވެ، ގާތްގަނޑަކަށް 30 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެ، 180،000ރ. ހިފެހެއްޓި ކަމަށް ފުލުހުން ބުނެއެވެ. ތިރީސް ކިލޯ މަސްތުވާ ތަކެއްޗާއި 180،000ރ. އަކީ މިވަރުގެ ޤައުމީ އޮޕަރޭޝަނަކުން ފެނުނު ތަކެއްޗަށް ބަލާއިރު ބޮޑު އަދަދެއް ނޫނެވެ. އޮޕަރޭޝަން އަލިމަގަކީ ޤައުމުން ޑްރަގްގެ ވިޔަފާރި ނައްތާލައި، އެފަދަ ވިޔަފާރި ކުރާ މީހުނަށް މި ޤައުމުގައި އުޅެން އުނދަގޫވާ ވަރުގެ އޮޕަރޭޝަނެއް ކަމުގައި ވަނީ ނަމަ ފެންނަން ޖެހެނީ އެންމެ 30 ކިލޯގެ މަސްތުވާ ތަކެއްޗާއި ދޮޅުލައްކަ ވަރަކަށް ރުފިޔާއެއް ނޫނެވެ. މި ޤައުމުގައި ޑްރަގްގެ ވިޔަފާރި ހިނގަނީ އެތައް ހާސް ކިލޯއަކުންނެވެ. އަދި އެ ވިޔަފާރީގައި އެތައް މިލިއަން، ނުވަތަ އެތައް ބިލިއަން ރުފިޔާ، ރާއްޖޭގައި އެނބުރެއެވެ. މި ވިޔަފާރިން ލިބޭ ފައިސާ ލޯންޑަރ ކުރަން، ނުވަތަ ޤާނުނީ އިމަށް ފައްތަން، އެހެން ވިޔަފާރިތައް ރަޖިސްޓްރީކޮށްގެން ހިންގައެވެ. މިފަދަ ވިޔަފާރިތައްވެސް ހޯދައި، ހުއްޓުވައި، މި ވިޔަފާރި ކުރާ ގޭންގުތަކުގެ މުދާ ދައުލަތަށް ނަގައިގެން މެނުވީ ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތެއް ނުވާނެއެވެ.

"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަނެއް، ނޮވެމްބަރު 13 ގައި ދިވެހި ފުލުހުން ފެށުމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އެއީ ނިމުމެއް ނެތި ކުރިއަށް ގެންގޮސް މިޤައުމުން މަސްތުވާ ތަކެތީގެ ވިޔަފާރި ހުއްޓުވާނެ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަން އޮތް ދުވަހުގެ ރޭ، އާޓިފިޝަން ބީޗުގައި އޮތް ޕީ.އެން.ސީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ "( މި އޮޕަރޭޝަން) ދެން އޮންނަ މަރުހަލާއަށް ދާނެ، މިއީ ނުހުއްޓާނެ އޮޕަރޭޝަނެއް" ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ގޭންގެއް ނެތް ކަމަށް ވެސް، އިތުރު ތަފްސީލް ދެއްވުމަކާ ނުލައި ރައީސް ވިދާޅުވިއެވެ! މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން 23 ނޮވެމްބަރުގައި "ސަންގުޓީވީ"ގައި ވާހަކަދައްކަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދަޅުވީ މި އޮޕަރޭޝަން ނިމުނުއިރު 119 މީހުން ހައްޔަރުކޮށް، އެމީހުން މަސްތުވާތަކެތި ވިއްކުމަށް ގެންގުޅުނު އާލާތްތަކާއި މަސްތުވާތަކެއްޗާ އަދި ފައިސާ އަތުލައިގަތް ކަމަށެވެ. މިނިސްޓަރުގެ މި ވާހަކައިން، އޮޕަރޭޝަން އަލިމަގު ނިމުނުކަމަށް ދޭހަވެއެވެ. އެހެންކަމުން މިއީ ނުހުއްޓާނެ އޮޕަރޭޝަނެއް ކަމަށް މިނިސްޓަރާއި ރައީސް ވެސް ކުރިން ވިދާޅުވި ވިދާޅުވުމާއި މިނިސްޓަރުގެ މި ބަސްފުޅާ ފުށުއަރާ ކަމަށް ދޭހަވެއެވެ.

މި އޮޕަރޭޝަނަކީ ޤައުމުގެ ކުރިމަގަށް ކިތައްމެހާ ވެސް މުހިއްމު އޮޕަރޭޝަނެކެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު އެކަން ކުރުން ހުއްޓާލަން ޖެހޭ ކަމަށާއި، "އޮޕަރޭޝަން އަލިމަގު" ފެށުމާއެކު، ޑްރަގްގެ ވިޔަފާރި ރާއްޖޭގައި ކުރަން، ދެން ފުރުސަތު ނުދެއްވާނެ ކަމަށާއި، އެފަދަ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ރާއްޖޭގައި އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅު އަޅައި، އެފަދަ ފަރާތްތައް މި ގައުމުގައި އުޅެން އުނދަގޫ ކުރާނެކަމުގެ އިންޒާރު މިނިސްޓަރު އިހްސާން ދެއްވި އެވެ. ވަރަށް ރަނގަޅެވެ. ނަމަވެސް، އޮޕަރޭޝަން ފަށައިގެން 119 މީހުން ހައްޔަރު ކުރި ފަހުން ގާތްގަނޑަކަށް ދެހަފްތާ ވީ އިރުވެސް ރާއްޖޭގެ ރަށްރަށުގެ މަގުތަކުން، ހާއްސަކޮށް މާލޭގެ މަގުތަކުން، ކުދިކުދި ޑީލަރުން، ކަންކަންމަތީން، ޕީސްކޮޅު ޖީބުންނަގައި، ވިއްކާ، އަނެކާ އަތުން ފައިސާ ހޯދާތަން ފެނެއެވެ. ބޮޑެތި ޑީލަރުން ފިލާތިބެ ކުދި "ޕާޓޭއިން" ލައްވާ ކުރުވާ މިފަދަ ވިޔަފާރި ހިނގާ ކަންކަންމައްޗާއި، ގޯޅިގޯޅި އާއި މަގުތަކާއި، ސަރަހައްދުތައް ވަރަށް ގިނަ އާއްމުންނަށް އެނގޭ ފަދައިން ފުލުހުންނަށް ވެސް އެނގޭނެއެވެ. ރައީސް މައުމޫނުގެ ދައުރުގައި މިކަން ފެށިގެން އައިއިރު ހުއްޓުވަން އުޅުނުނަމަ މިކަން ވާނީ ހުއްޓުވިފައެވެ. މިހާރުވެސް ޑްރަގުގެ ވިޔަފާރި އިހްލާސްތެރިކަމާއެކު ހުއްޓުވަން އުޅެފިނަމަ މިކަން ފަސޭހަކަމާ އެކު ހުއްޓުވޭނެއެވެ.

ރައްޔިތުން އެދެނީ ރައީސާއި މިނިސްޓަރ ކުރިން ވިދާޅުވި ގޮތަށް "ހުއްޓުމެއް ނެތް" އޮޕަރޭޝަނެއްގެ ގޮތުގައި، އެއްވާނެއްގައި ގޮސް މީ ޤައުމުން މަސްތުވާތަކެތި ބުއިމާއި ވިޔަފާރިކުރުން ނައްތާލައި، އެންމެ ހަރުކަށި އަދަބަކީ މަރުގެ އަދަބު ކަމުގައި ކަނޑައަޅުއްވައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ޖެހިލުންވާ ފަދަ ޝަރުއީ އަދި ތަންފީޒީ ހުރަސްތަކެއް ކުރިމަތި ކުރެއްވުމެވެ.

ޕީ.އެން.ސީގެ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ފާހަގަ ކުރައްވާ ޤައުމީ، މައިގަނޑު ތިން މައްސަލައެއް ވާ ކަމަށާއި، އެ ތިން މައްސަލަ އަކީ މަސްތުވާތަކެތީގެ މައްސަލަ، ގޭންގްތަކުގެ މައްސަލަ، އަދި ބިދޭސީންގެ މައްސަލަ ކަމަށެވެ. "މި ތިން މައްސަލަ މިއަދާ ހަމައަށް އައިއިރު ހައްލު ކުރަން އަޅުގަނޑު މަސައްކަތް ކުރީ،" ރައީސް ވިދާޅުވިއެވެ. ތެދުފުޅެކެވެ. މި ޤައުމު ހަމަމަގަށް އަޅުވައި، ކުރިމަގު އުޖާލާކުރަން މިވަގުތަށް އެންމެ މުހިއްމު ޤައުމީ ތިން މަސައްކަތަކީ، ބްރިޖު އެޅުމާއި، ބިން ހިއްމުކާއި، ފުޓްސެލް ދަނޑު ހެދުމެއް ނޫނެވެ. މިވަގުތަށް އެންމެ މުހިއްމު ޤައުމީ ތިން މަސައްކަތަކީ މަސްތުވާތަކެތީގެ މައްސަލަ، ގޭންގްތަކުގެ މައްސަލަ، އަދި ބިދޭސީންގެ މައްސަލަ ހައްލު ކުރުމެވެ.

ރާއްޖޭގައި މިހާރު އެއްވެސް ގޭންގެއް ނެތް ކަމަށް، އިތުރު ތަފްސީލަކަށް ވަޑައިނުގެން ރައީސް ވިދާޅުވި އިރު، 23 ނޮވެމްބަރުގައި، ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިހްސާން ވިދާޅުވީ މި ވެރިކަމުގެ ފުރަތަމަ ދެ އަހަރުތެރޭ ގޭންގު ކުށްތައް 49 ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ބާކީ އަދިވެސް 51 ޕަސެންޓް ގޭންގް ކުށް އެބައޮތެވެ! ރައީސް އެ ވިދާޅުވިގޮތަށް ރާއްޖޭގައި މިހާރު އެއްވެސް ގޭންގެއް ނެތްނަމަ ކިތައްމެހާ ވެސް ރަނގަޅެވެ. ހުރިހާ ގޭންގްސްޓާރުންނަށް ވީގޮތެއް ވެސް ރައީސްގެ ދެން އޮންނަ ތަގްރީރެއްގައި ވިދާޅުވެދެއްވުމަކީ ރައްޔިތުންގެ އެދުމެކެވެ. ރާއްޖޭގައި މިހާރު އެއްވެސް ގޭންގެއް ނެތްކަމަށް ވިދާޅުވުން ފަދަ ވާހަކަތައް ރައީސް ވިދާޅުވާއިރު ކުރިމަގުގައި ކޮންމެވެސް ވަރަކަށް ތަފްސީލާ އެކު ވިދާޅުވާނެ ކަމަށް އުއްމީދު ކުރަމެވެ. ދިވެހި ރައްޔިތުންނަކީ ވެސް މިހާރު ދުނިޔެއަށް ލޯހުޅުވިފައި ތިބި، ކަންކަމާމެދު ވިސްނާ ބައެކެވެ.

އަޅުގަނޑުމެންގެ އެދުމަކީ ހަމަ، ރައީސް އެ ވިދާޅުވި ގޮތަށް ގޭންގްތައް އެއްކޮށް ރާއްޖެއިން ނެތިގެން ދިއުމެވެ. ގޭންގް ކުށްތައް ހުއްޓުވި، ޑްރަގްގެ ވިޔަފާރި ހުއްޓުވި، ބިދޭސީންގެ މައްސަލަ ވެސް ޤާނޫނީ އިމުގެ ތެރެއިން ހައްލުވުމެވެ. ހުރިހާ ރައްޔިތުން ވެސް ރަމަދާންމަހުގެ ހަދިޔާއަކަށް މަސް ދަޅުކޭހެއް ވެސް، އަދި ދެއްވާނެ ނަމަ ދެއްވާނެ އެހެން އެޗެއްވެސް ބޭނުމެވެ. ރަމަލާން މަހުގެ ކަރަންޓު ބިލް 400ރ. އަށް ވުރެ ބޮޑުނުވާ ގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމަށް ވެސް ރައްޔިތުން ހަމަ ހެޔޮހިތުން ޝުކުރުވެރި ވާނެއެވެ. ރަސްމާލެއިން ދެއްވާ 15،000 ގޯއްޗާއި، އަޅުއްވަމުން ގެންދަވާ ފްލެޓުތަކަށް ވެސް ރައްޔިތުން ހަމަ ޝުކުރުވެރިވާނެއެވެ. ނަމަވެސް، ރައީސް އަމިއްލަފުޅަށް ވެސް އެ ވިދާޅުވި ފަދައިން، މި ޤައުމުގެ ކުރިމަގަށް އެންމެ މުހިއްމު ތިން މަސައްކަތަކީ ހަމަ ގޭންގްތައް ނައްތާލުމާއި، ޑްރަގްގެ ވިޔަފާރި ހުއްޓުވުމާއި، ބިދޭސީންގެ މައްސަލަ ހައްލު ކުރުމެވެ.

މާލޭގެ ހަނި ގޯޅިތަކުގައި ހިނގާލުމުން މިޤައުމުގެ ކުދި ވިޔަފާރިތަކާއި، ހިދުމަތުގެ ދާއިރާ ބިދޭސީންގެ އަތްމައްޗަށް ފުރޮޅިފައިވާ މިންވަރު ސާފުވާނެ އެވެ. އަދި، މާލޭގެ ބޮޑެތި މަގުތަކުގައި، ރޯމާ ދުވާލު، އެންމެންގެ ލޯތައް ކުރިމަތީ ގޭންގް ތަކުން ޑްރަގް ޑީލްތައް ހަދާލާތަން ވެސް ފެނެއެވެ. އޮޕަރޭޝަން އަލިމަގާއެކު ޑްރަގުގެ ވިޔަފާރި ހުއްޓުވަންށާއި، ގޭންގްތައް ހުއްޓުވަންށާއި، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނާއި ފުލުހުންނާއި ކައުންސިލްތައް ގުޅިގެން ކުރާ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި، ދެފުށް ފެންނަ ގޮތަށް، ހުއްޓުމެއްނެތި މިމަސައްކަތް ކުރިއަށް ގެންގޮސް އެންމެންނަށް ފެންނަ ފަދަ ނަތީޖާ ނެރެ ދައްކަން ޖެހެއެވެ.

ގޭންގް ކުށްތައް ހުއްޓުވި، މަސްތުވާ ތަކެތީގެ ވިޔަފާރި ހުއްޓުވި، ބިދޭސީންގެ މައްސަލަ އަށް ހަޤީޤީ ހައްލެއް ގެނެސް ދެއްވައިފިނަމަ މި ސަރުކާރަށް އިތުރު ފަސް އަހަރުގެ ދައުރެއް ދޭން ދިވެހި ރައްޔިތުން ފަހެއް ނުޖެހޭނެއެވެ. ދެފުށް ފެންނަ ގޮތަށް މި ތިން މައްސަލަ ހައްލު ކުރައްވައި، ރައްޔިތުނަށް ދައްކަވާފައި 2028ގެ އިންތިހާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިމަތިލެއްވުމަކީ ދިވެހި ރައްޔިތުން ނުހަނު އުއްމީދާ އެކު އެދިގެން ތިބި ކަމެކެވެ. މިނިސްޓަރެވެ! ރައީސެވެ! މިކަން ކޮށްދެއްވާށެވެ. ވިދާޅުވާ ބަހަކުން، ނުވަތަ ސްލޯގަން އަކުން ނޫނެވެ. އަމަލުންނެވެ. ދެފުށް ފެންނަ ގޮތަށެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.