އޮޑިއަށް ކެޔޮޅަކު ލެވިއްޖެ އޮޑި ހިބައިން އަދު ދެވިއްޖެ
ބޮނޑިބަތް ކައްކައި ދެވިއްޖެ އޮޑި ދަތުރަށް ވެސް ފުރައްޖެ
ދަތުރު މުޅިން މަޑު ޖެހިއްޖެ އަތުރު ކަމުގެ ކުލަ ފެނިއްޖެ
ދަތުރުގެ މަންޒިލް އޮޅިއްޖެ އުތުރަށްް ވައި ބަދަލު ވެއްޖެ
ބަދަލުވެ ކަންކަން ހިނގައްޖެ އަދަދު ދެގުނަ އިތުރު ވެއްޖެ
ބަނދަރު އޮބާލައި ހިނގައްޖެ ގަދަ ކަނޑަކަށް ނުކުމެވިއްޖެ
ކަނޑުއޮޅި ފަސްދީ ދެވިއްޖެ ކަނޑުގައިހުރި އޮއެ ފެނިއްޖެ
ރަނޑުކަން ހުރިވަރު އެނގިއްޖެ ބަނޑުރިޔަލުގެ ފެނު އެޅިއްޖެ
ކޮޅިގަނޑުވައި އައިސް ޖެހިއްޖެ ހޮޅިލައި ރާޅެއް އަރައްޖެ
މުޅި އޮޑި ދޮވެލައި ހިނގައްޖެ ނޮޅިގެން ގައިހަން ހިނގައްޖެ
އޮޑި ކަންވާރަށް ޖެހިއްޖެ އޮޑި ވެރިޔާ ހަފުސް ވެއްޖެ
އޮޑިވަރު ރެއްސެއް ފެނިއްޖެ އޮޑިމަތި ނާމާން ވެއްޖެ
ދިރުމެއްނެތް ކަން އެނގިއްޖެ އިރު އޮއްސެން ކައިރި ވެއްޖެ
ނިރުބަ ވެރިން ފާޅު ވެއްޖެ ބިރުވެރިކަން ޢާންމު ވެއްޖެ
ކަންތައް ވާ ގޮތް ފެނިއްޖެ ކަން ކުރުމަށް ނުކުޅެ ދިއްޖެ
ތަންދޮރު ނެތިގެން ދެމިއްޖެ ދަން މަޅިއެއްގައި ޖެހިއްޖެ
