Support Us

ސަރުކާރުން ބޭނުންވަނީ ބޮޑުވެފައިވާ މައްސަލަތައް މުލާ ހިސާބުން ޙައްލުކޮށް، ދާއިމީ ނަތީޖާ ނެރެދޭން: ރައީސުލްޖުމްހޫރިއްޔާ

މި ސަރުކާރުން ބޭނުންވަނީ ޤައުމަށް ބޮޑުވެފައިވާ މައްސަލަތައް އޭގެ މުލާ ހިސާބުން ޙައްލުކޮށް، ދާއިމީ ނަތީޖާ ނެރެދޭން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104″ މި ނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހި ޒުވާނުން ބޭނުންވަނީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ދުރުވާންކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަން ހާމަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެއްވުމުގެ މައިގަނޑު ސިޔާސަތަކީވެސް، ޒުވާނުން އެ ކަމުން ސަލާމަތްކޮށް މެއިންސްޓްރީމްކުރުން ކަމުގައެވެ. އަދި މި މައްސަލަތައް މުލުން ލުހެލުމަށް މަސައްކަތްތައް ތަރުތީބުކުރައްވާފައިވަނީ މަސްތުވާތަކެތީގެ ސަޕްލައިގެ މައްސަލަ ޙައްލުކުރައްވައި، ރިހެބިލިޓޭޝަންގެ ފުރުޞަތު ފަހިކޮށް، ޒުވާނުން އަނބުރާ މުޖުތަމަޢަށް ނެރެ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނޭ ގޮތައްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ވަނީ، މަސްތުވާތަކެއްޗާއި، ގޭންގު ކުށުގެ ނުބައި އާދައިގައި ޖެހިފައިވާ ޒުވާނުން އެކަންކަމުން ދުރުވެ، އަމިއްލަ ނަފުސާއި، ޢާއިލާ އާއި، ޤައުމަށް ޚިދުމަތްކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ. އަދި ރިހެބިލިޓޭޝަނާއި ރީއިންޓެގްރޭޝަނަށް ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށްވެސް، އެމަނިކުފާނު އެފަދަ ޒުވާނުންނަށް އިލްތިމާސްކުރެއްވިއެވެ.

ޒުވާނުންނަށް ހުރި ފަހި ފުރުޞަތުތަކަށް އަލިއަޅުއްވާލައްވަމުން، ދިވެހި ވަޠަނީ ޚިދުމަތާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމާއި ސަރުކާރުން އެކި ކަންކަމަށް ދޭ މާލީ އެހީއާ ބެހޭ ތަފާސްހިސާބާއި މަޢުލޫމާތު އެމަނިކުފާނު މިރޭގެ ބައްދަލުވުމުގައި ހިއްސާކުރެއްވިއެވެ.

ޒުވާނުންނަށް އަބުރުވެރި ދިރުއުޅުމެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތަކުގެ އިތުރުން، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގެ އުސްއަލިތައްވެސް، އެމަނިކުފާނުގެ ވާހަކަފުޅުގައި ހިމަނުއްވާފައިވެއެވެ. އެގޮތުން ޖަމަޢީ ފެންވަރުގައި އެދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކާއި، ވަށާޖެހޭ އެތުލީޓުން ބިނާކުރުމަށް ޚާއްޞަކޮށްގެން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ޖަމަޢީ ފެންވަރުގައި އެދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ބިނާކުރުމަށް ކުރައްވަމުންދާ ކާމިޔާބު މަސައްކަތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި އެމަނިކުފާނުގެ ޕްރެޒެންޓޭޝަން މެދުވެރިކުރައްވައި ވަނީ، އެ މަސައްކަތްތަކުގެ އަދާހަމަ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ.

މިރޭގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެކި ކުޅިވަރުތަކުން އެތުލީޓުން ހޯދަމުންދާ ކާމިޔާބީގެ އަގުވަޒަންކުރައްވާފައެވެ. އަދި، ވަށާޖެހޭ އެތުލީޓުން ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ކުޅިވަރުގެ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމާއެކު، އެތުލީޓުންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށް، ޤައުމީ ޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުންނަށް 2026 ގައި ޞިއްޙީ އިންޝުއަރަންސް ހަމަޖެހޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރު، ރާއްޖޭގައި ހައި ޕަރޕޯމަންސް ސެންޓަރެއް ހަދަން ޕްލޭންކުރައްވާފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މިއީ، ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ އެންމެ މުހިންމު ކަންތައް ކަމުގައި، އެމަނިކުފާނު ސިފަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *