Support Us

ހުޅުމާލޭގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްގީކުރަނީ

 

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްގީކުރުމަށް، އެޗްޑީސީއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓުން އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އުމަރު ޒާހިރު ބިލްޑިންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި މިނިސްޓްރީގެ ފަރާތުން، ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާއިލް އަލީ އެވެ.

މި އިސްރަށްވެހިންގެ ނާދީއަކީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ އިތުރު މަރުކަޒެއް ހުޅުމާލޭގައި ގާއިމް ކުރުމަށް ބިނާ ކުރާ ތަނެކެވެ. އެގޮތުން، މިއަދު އެމްއޯޔޫގައި ސޮއިކޮށްފައިވަނީ، އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެ 24 މަސް ދުވަހުގެ ތެރޭގައި އެތަން ނިންމުމަށެވެ.

"މި ނާދީވެސް ތަރައްގީކުރަނީ އިސްރަށްވެހިންގެ ހެލްތު ސްކްރީނިން އާއި، އެ ފަރާތްތަކަށް ބޭނުންވާ ހާއްސަ ފަރުވާ ލިބޭ ގޮތަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަވެސް އެތަނުގައި ހިމެނޭނެއެވެ." އެޗް.ޑީ.ސީން ބުނެއެވެ.

"އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ތަރައްގީކުރި ނާދީން މިއަހަރުގެ ކުރީކޮޅު ވަނީ ހިދުމަތްދޭން ފަށާފައެވެ."