މޯލްޑިވިއަން އާއި މިނިސްޓްރީ އޮފް ހެލްތް އަދި އެންސްޕާ ގުޅިގެން އެއަރ އެމްބިއުލަންސް ހިދުމަތް ތައިލެންޑަށާއި ޔޫއޭއީއަށް ފުޅާކޮށްފިއެވެ.
"މި ހިދުމަތުގެ ސަބަބުން ސިއްހީ ކުއްލި ހާލަތްތަކުގައި ހާއްސަ ފަރުވާއަށް ބޭނުންވާ ބަލިމީހުންނަށް މި ދެންނެވި ސަރަހައްދުތަކުގައި ހުންނަ ސިއްހީ ފަރުވާދޭ މަރުކަޒުތަކަށް ވާސިލުވުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެއެވެ. މި ހިދުމަތް ފޯރުކޮށްދެވޭނީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ އެއަރ އެމްބިޔުލާންސްގެ ހިދުމަތްދޭ ފަރާތްތަކާ ބައިވެރިވެގެންނެވެ." ގައުމީ އެއަރލައިން އިން ބުންޏެވެ.
މޯލްޑިވިއަންގެ ބަޔާނުގައި އިތުރަށް ބުނެއެވެ.
"މި މަޝްރޫއަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ސިއްހީ ހިދުމަތް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ވެފައިވާ މުހިންމު ވައުދުގެ ތެރެއިން ހިމެނިގެންދާ ބައެކެވެ. މި ހިދުމަތް ތައާރަފުކުރުމުގައި މިނިސްޓްރީ އޮފް ހެލްތް، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)، އާސަންދަ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ބައިވެރިވެއެވެ. ސިއްހީ ހިދުމަތްތައް ފުޅާކުރުމަކީ މި މުޖުތަމައުގެ ދުޅަހެޔޮކަން އިސްކަންދިނުމުގެ ދެމެހެއްޓެނެވި މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެކެވެ. މޯލްޑިވިއަން އަބަދުވެސް ފެންވަރު ރަނގަޅު ސިއްހީ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ކަސްޓަމަރުންނަށް ޔަގީންކަން އަރުވަމެވެ. މޯލްޑިވިއަން އިން މިނިސްޓްރީ އޮފް ހެލްތް، އެންއެސްޕީއޭ، އާސަންދަ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއަށް ގައުމީ ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމުގައި ދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވަމެވެ."



advertisment

