Support Us

ތަރިކައިގެ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ މި ގެންނަވަނީ ރާއްޖޭގެ ތާރީޚު އަދި ދެކެފައިނުވާ ފަދަ އިންޤިލާބީ ބޮޑު ބަދަލެއް: އާދަމް ނަސީރު

ދިވެހި ޤައުމިއްޔަތާއި ދިވެހިވަންތަކަމާއި ދިވެހި ތަރިކައިގެ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ގެންނަވަނީ ރާއްޖޭގެ ތާރީޚު އަދި ދެކެފައިނުވާ ފަދަ އިންޤިލާބީ ބޮޑު ބަދަލެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހި ތަރިކައިގެ ދާއިރާ ދިރާސާކުރުމަށް ސަރުކާރުން ހިލޭ ދެއްވި، މާސްޓަރސް ޑިގްރީގެ 40 ސްކޮލަރޝިޕަށް ހޮވުނު ބައިވެރީންނަށް ސްކޮލަރޝިޕް ހަވާލުކުރެއްވުމަށް އިސްލާމީ ޔުނިވަރސިޓީގައި މިއަދު ކުރިޔަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހި ތަރިކައިގެ ދާއިރާއިން ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް 40 މީހަކަށް ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މިއަދުގެ ޖަލްސާގައި ވަޒީރު އާދަމް ނަސީރު ވަނީ ތަރިކައިގެ ދާއިރާއާ މެދު ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ބައެއް ސިޔާސަތު އޮޅުން ފިލުއްވައިދެއްވައިފައެވެ.

"ޢިއްޒަތްތެރި ރައީސްގެ ސިޔާސަތަކީ ޤައުމުވަންތަކަން ދެމެހެއްޓުމުގެ ޢިލްމީ ނަޒަރިއްޔާތުތަކާއި ފްރޭމްވޯކްތަކުގެ މައްޗަށް، ދިވެހީންގެ އަސްލުތައް ހޯދައި، ދިވެހީންނާއި އަމިއްލަވަންތަ އަގުތަކަށް ދިރުން ލިބޭނެހެން، ދިވެހި ޤައުމާއި އެއްކޮޅަށް، ވިސްނަން ދަންނަ ޖީލުތަކެއް ބިނާކުރެއްވުން،" ވަޒީރު ވިދާޅުވިއެވެ.

ތަރިކައިގެ ދާއިރާއަށް މި ގެނެވޭ ތަރައްޤީން އަންނާނެ އެހެން ބައެއް ބަދަލުތައް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެ ގޮތުން މި މަސައްކަތުގެ ނަތީޖާއަކަށްވާނީ، ތަރިކައިގެ ދާއިރާއަކީ ބާތަކެތި ބެލެހެއްޓުމުގެ ޚަރަދުބޮޑު އާއިރާއެއްގެ ގޮތުގައި ޒަމާނުއްސުރެ އޮތް އޮތުމަށް ނިމުމެއް އަންނާނެއެވެ. ޒަމާނީ އިންޓަރެކްޓިވް އިމަރސްވް ޓެކްނޮލޮޖީގެ އެހީގައި ދިވެހި ތަރިކަތަކަށް އާމްދަނީ ލިބޭނެ އާ ގޮތްތައް އުފަންވެގެންދާނެއެވެ.

މީގެ އިތުރަށް ދިވެހި ތަރިކައިގެ ދާއިރާއަކީ އަދުގެ ޖީލާއި، އަންނާން އޮތް ޖީލުތަކަށް ތަޖުރިބާކުރެވޭ ގޮތަށް ތަރައްޤީ ކުރެއްވިފައިވާ ދާއިރާއަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން އުތީމުގައި މި ވަގުތު ތަރައްޤީ ކުރެވެމުންދާ ވާހަކަވަލާއި، ބޮޑުތަކުރުފާނު ދޮރޯށްޓާއި މި ތަންތަނާ ގުޅިފައިވާ ވާހަކަތަކާއި އަސަރުތައް އެތަންތަނުން ތަޖުރިބާކުރެވޭނެ ގޮތްތަކުގެ މައްޗަށް ވަރަށް ތަފުސީލުކޮށް ވަޒީރު ބައްލަވައިލެއްވިއެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތްތަކުން ތަރިކައާ މެދު ދިވެހީން ޒަމާނުއްސުރެ ގަބޫލުކުރަމުން އައި ގަބޫލުކުރުން ބަދަލުވާނެއެވެ. ދިވެހި ޤައުމާއި ދީނާއި އެ ފަދަ ބަހާތަކުގެ މައްޗަށް ވަރަށް ފުންކޮށް ވިސްނަން އެނގޭނެއެވެ. މި ބަހާތަކުގެ ޤަދަރާއި ހައިބަތާއި އަހަންމިއްޔަތު ވަރަށް މާނަހުރި ގޮތެއްގައި ކަށަވަރުވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *