އިއްޔެ ރޭ ފަތިހު 5:30 އިން ފެށިގެން، ދިވެހި ފުލުހުންގެ 500 ފުލުހުން ބައިވެރިވެގެން މުޅި ރާއްޖޭގައި ފެށި ހާއްސަ އޮޕަރޭޝަނަކީ ރާއްޖެ ހައިޖެކް ކޮށްގެން އުޅޭ ޑްރަގް ގޭންގްތަކަށް ދިން ވަރުގަދަ އިންޒާރެކެވެ. ފުލުހުންގެ ހާއްސަ ޑިޕާޓްމެންޓްތަކާއި، އެކި ސަރަހައްދުތަކުގެ ފުލުސް އޮފީސްތައް ވިލަރެސްކުރެވިގެން، ޓީމުތަކަކަށް ބަހާލައިގެން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 އަށްވުރެ ގިނަ އޮޕަރޭޝަން ބުރާސްފަތި ދުވަހު އެކަނި ވެސް ވަނީ ހިންގައިފައެވެ. އޮޕަރޭޝަން "އަލިމަގު"ގެ ނަމުގައި، ގިނަ ތަންތަނުގައި، އެއްވަގުތެއްގައި ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންގޮސް 100 އަށް ވުރެ ގިނަ މީހުން، ޑްރަގް ބޭނުން ކުރުމާއި ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަބަރު ދިވެހި ރާއްޖޭގެ ހަތަރު ބިތަށް ފެތުރިގެން ދިޔައީ ހިކި ދަރުން ފުރިފައިވާ ވަލެއްގައި އަލިފާންގަނޑެއް ފެތުރިގެންދާހާ ހަލުއިކޮށެވެ. ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި، އަޅާލާންވާ ވަރަށް އަޅާނުލައި ދޫކޮށްލާފައި އޮތް ޑްރަގްގެ ޤައުމީ މައްސަލަ، އަހަރަކަށް ފަހު އަހަރެއް ގޯސްވަމުން ގޮސް މިހާރު މިއޮތީ ބައިނަލްއަޤްވާމީ ޑްރަގް ނެޓުވޯކްތަކުން ޑްރަގް ސަޕްލައިކުރާ ހަބަކަށް ދިވެހި ރާއްޖެ ހަދައިފައެވެ.
މިކަން ހައްލު ކުރެވޭނީ މޫނަކަށް ކަނދުރާ އަކަށް ބެލުމެއް ނެތި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާގޮތަށް ޤާނޫނު ތަންފީޒު ކޮށްގެންނެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހުއްޓާލަންޖެހޭ ކަމަށާއި، މިއަދު މި ފެށުނު އޮޕަރޭޝަން "އަލިމަގު" ފެށުމާއެކު، ޑްރަގްގެ ވިޔަފާރި ރާއްޖޭގައި ކުރަން، ދެން ފުރުސަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކާ ދެކޮޅަށް ރާއްޖޭގައި އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅު އަޅައި، އެފަދަ ފަރާތްތައް މި ގައުމުގައި އުޅެން އުނދަގޫ ކުރާނެކަމުގެ އިންޒާރު މިނިސްޓަރު އިހްސާން ދެއްވި އެވެ.
އޮޕަރޭޝަން އަލިމަގަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް، މުޅި ރާއްޖެ ހިމެނޭގޮތަށް ފަށައިފައިވާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ސަތޭކަ ވަރަކަށް މީހުން އިއްޔެ ހައްޔަރު ކުރިއިރު އެ އެންމެންނަކީ ވެސް ޑްރަގްގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންނެވެ. މިއީ ވަކި ސިޔާސީ ބޭނުމެއް ނެތި، އިހްލާސްތެރިކަމާ އެކު، ދިގުދެމިގެންދާ ގޮތެއްގައި، އެއްވާނެއްގައި ހިންގޭނެ ޕްރޮގްރާމަކަށް ވެއްޖެނަމަ، މިއީ ޤައުމަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ އޮޕަރޭޝަނެވެ. މި ޤައުމުގައި ވަޒީފާ އަދާކުރާނެ ދިވެހީން މަދުވެ، ޤައުމުގެ އިގްތިސޯދީ މުގޫ ބޭރު މީހުންގެ އަތްމައްޗަށް ގޮސްފައިވަނީ ޑްރަގްގެ ވަބާގައި ޒުވާން ޖީލު ޖެހިފައިވުމުންނެވެ. މިޤައުމުން ކޮންމެ މަހަކު ބޭރުވެގެންދާ އެތައް މިލިއަން ޑޮލަރެއްގެ ބޭރު ފައިސާ އަކީ ޑްރަގް ގަންނަން ގޭންގްތަކުން ހޭދަކުރާ ބޭރު ފައިސާ އެވެ. ޑްރަގް ބޯ މީހުން ރީހެބިލިޓޭޓް ކުރާށާއި، އޭގެ ވިޔަފާރި ކުރާ މީހުން އުމުރަށް ޖަލަށް ލައިގެން ކާންދީ، ނިދާނެ ތަން ދީގެން އުމުރަށް ބަލަހައްޓަން ދައުލަތުން އެތައް މިލިއަން ރުފިޔާއެއް އަހަރަކު ހޭދަކުރަން ޖެހެއެވެ. އޮޕަރޭޝަން "އަލިމަގު" ކާމިޔާބު ވެއްޖެ ނަމަ ޒުވާން ޖީލު މި ނުބައި ވަބާއިން ސަލާމަތްވެ، ޤައުމަށް ފައިދާ ހުރި މަސައްކަތެއް ކުރަން ނިކުމެ، ޤައުމުގެ އުފެއްދުންތެރިކަން އިތުރުވެގެން ދާނެއެވެ. އަދި، އޭގެ ސަބަބުން، ޑްރަގް ގަންނަން ބޭރުވާ ފައިސާ ޤައުމުގައި ހިފެހެއްޓި، އެފައިސާ މި ޤައުމުގެ ތަރައްޤީ އަށް އިންވެސްޓް ކުރެވި، ޑްރަގްގެ ސަބަބުން އުފެދޭ އިޖްތިމާއި ބަލިތައް މުޖުތަމައުން ނައްތާލެވި، ޤައުމުގެ އިޖްތިމާއީ، އިގްތިސޯދީ، އަދި ދީނީ ފޭރާން ވަރުގަދަވެގެން ދާނެއެވެ.
އޮޕަރޭޝަން "އަލިމަގަކީ" ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެކެވެ. އެއްދުވަހުން، ނުވަތަ އެއްމަހުން ފޯރިއަރުވާލާފައި ޖަމަލު ފޮޑިއަށް ގޮސް ހުއްޓޭ އެއްޗަކަށް މިކަން ވެގެން ނުވާނެއެވެ. ހޯމް މިނިސްޓަރ ވިދާޅުވީ ޑްރަގްގެ ވިޔަފާރި ކުރުމުގެ ފުރުސަތު ރާއްޖޭގައި ދެން ނުދެއްވާނެ ކަމަށެވެ. ރައްޔިތުން ތިކަމަށް 100 ޕަސެންޓު ތާއީދެވެ. އެ ފުރުސަތު ނުދެއްވާށެވެ. ހޯމް މިނިސްޓަރ ވިދާޅުވީ ޑްރަގް ބޭނުންކޮށް، އޭގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ރާއްޖޭގައި އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ވަރަށް ރަނގަޅެވެ. ރައްޔިތުން ހަމަ 100 ޕަސެންޓު ތިކަމަށް ތާއިދެވެ. އެންމެ ވަރުގަދަ ފިޔަވަޅަކީ މަރުގެ އަދަބު ތަންފީޒު ކުރުމެވެ. އެ ޤައުމަކީ ނަމޫނާއެއް ކަމަށް ރާއްޖެއިން ބަލާ ސިންގަޕޫރުގައިވެސް ޑްރަގް ކޮންޓްރޯލް ކޮށްފައި އެވަނީ މަރުގެ ހުކުމް ތަންފީޒު ކޮށްގެންނެވެ. އެމެރިކާގައި ވެސް، ސައުދީ އަރަބިއާގައި ވެސް މަރުގެ ހުކުމް ތަންފީޒު ކުރެއެވެ. އެހެން ކަމުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭއިރަށް އިންސާނީ ހައްޤޭ، ފަޅޮލޭ ކިޔައިގެން މިޤައުމު ހަލާކުކުރަން އުޅޭ ފަރާތްތަކުގެ އަޑަށް ބެލުމެއްނެތި، ދިވެހި ރައްޔިތުންގެ ހައްޤުގައި ޑްރަގާ ދެކޮޅަށް މަރުގެ ހުކުމް ތަންފީޒު ކުރައްވާށެވެ. އެންމެ ހަރުކަށި ފިޔަވަޅަކީ އެއީ އެވެ.
އަދިވެސް ހޯމް މިނިސްޓަރު އިއްޔެ ވިދާޅުވިއެވެ. ޑްރަގްގެ ވިޔަފާރި ކުރާ ފަރާތްތަކަށް ރާއްޖޭގައި އުޅެން އުނދަގޫވާ ވަރު ކުރައްވާނެ ކަމަށެވެ. އޮޕަރޭޝަން އަލިމަގާ ގުޅޭގޮތުން ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު ވިދާޅުވީ، މިއީ ރައީސް މުއިއްޒާއި މިނިސްޓަރ އިހްސާން ވަރަށް ޖެހިލުން ކުޑަ ކަމާ އެކު ފެއްޓެވި މަސައްކަތެއް ކަމަށެވެ. އެހެންކަމުން ޑްރަގްގެ ވިޔަފާރި ކުރުމުގެ ފުރުސަތު މި ޤައުމުގައި އިތުރަށް ދެން ނުދެއްވައި، އެންމެ ހަރުކަށި (މަރުގެ އަދަބުގެ) ފިޔަވަޅު އަޅުއްވައި، ރާއްޖޭގައި ހަމަ ނޭވާލައިގެން ޑްރަގް ޑީލަރުންނަށް ނޫޅެވޭވަރު ކުރައްވާށެވެ. ހޯމް މިނިސްޓަރު އިހްސާނަށް ރައްޔިތުން 100 ޕަސެންޓު ތާއީދެވެ. މި އޮޕަރޭޝަން ނުނިންމައި ކުރިއަށް ގެންދަން ޖެހެއެވެ.
މިވެރިކަމުގެ ދައުރުގެ ބާކީ އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އޮޕަރޭޝަން "އަލިމަގު" ކާމިޔާބުކޮށް ދިވެހި މުޖުތަމައު ހަޤީގަތުގައިވެސް ޑްރަގުން ސަލާމަތް ކުރައްވައިފިނަމަ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ތަބަކަކަށް ލާފައި ދޭންވީ އެވެ. އަދި އެކަމުގައި ރައީސްގެ އެޖެންޑާ ތަންފީޒު ކުރައްވާ ހޯމް މިނިސްޓަރު އަލީ އިހްސާނަށް، ތަބަކަކަށް ލާފައި، ޑރ. މުއިއްޒުގެ ރަނިން މޭޓުގެ ޓިކެޓުވެސް 2028 ގައި ދޭންވީ އެވެ. ޑްރަގްގެ މައްސަލަ ހައްލުވުމަކީ ރާއްޖޭގެ އިގްތިސާދީ ކާމިޔާބުގެ ތަޅުދަނޑިއެވެ. އިޖްތިމާއީ އަދި ދީނީ ހަމަޖެހުމުގެ ތަޅުދަނޑިއެވެ. ދާހިލީ ހަމަޖެހުމުގެ ތަޅުދަނޑިއެވެ. އިސްތިއުމާރީ ބާރުތަކުން ޤައުމު ހަލަބޮލިކުރަން ބޭނުންކުރާ ހަތިޔާރު ނިއުޓްރަލައިޒް ކުރުމުގެ ތަޅުދަނޑިއެވެ. ރާއްޖޭގެ ކުރިމަގުގެ ކަމިޔާބާއި، މިނިވަން، ހަމަޖެހޭ، ފުދުންތެރި ޤައުމެއްގެ ގޮތުގައި އޮތުން ގުޅިފައިވަނީ މި މައްސަލައިގެ ހައްލާއެވެ.
އޮޕަރޭޝަން އަލިމަގާ އެކު ޑްރަގްގެ މައްސަލަ ހައްލުކޮށް، ރާއްޖޭގެ އެއްވެސް ޕަބްލިކް ތަނެއްގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ގޮތަށް ވެސް ހަދަންޖެހެއެވެ. ދުނިޔޭގެ ޓޮބެކޯ ފްރީ ފުރަތަމަ ޤައުމަކަށް ރާއްޖެ ހަދަން ޖެހެއެވެ. ދިވެހި ރައްޔިތު މީހާ ދުވާރުމަތިން، ދަރިފުޅު ގޮވައިގެން ހިނގައިފައިދާ އިރު ދުވާރުމަތީ ސިނގިރެޓު ބޯން ހުންނަ މީހާ އަނގަޔަށް ލާފައި ބޭރު ކުރާ ނަޖިސް، ވިހަ ދުން، ދިވެހި ރައްޔިތުމީހާ އާއި އޭނާގެ ދަރިފުޅުގެ ފުއްޕާ މެޔަށް ވެއްދިޔަދީގެން ނުވާނެއެވެ. އެއީ ސަރުކާރަކަށް ވެސް ހުއްދަ ދެވޭނެ ކަމެއް ނޫނެވެ. އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވަން ޖެހެއެވެ.
ދުންފަތުގެ ޑިއުޓީ ބޮޑުކޮށްގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަކީ މޮޔަކަމެކެވެ. އެ ގޮތުން ޑިއުޓީ ބޮޑުކޮށްގެން ލިބޭ ފައިސާ ހަރަދުވާނީ ސިނގިރޭޓު ބޮއެގެން ބަލިވާ މީހުންނަށް ފަރުވާ ދޭން އާސަންދަ ބަޖެޓަށެވެ. ޑްރަގުން ދިވެހި ރާއްޖެ ސަލާމަތްކުރަން ޖެހެނީ ވޭޕް މަނާ ކުރި ގޮތަށް ވުރެ ވަރުގަދަކޮށެވެ. އަދިވެސް ވަރަށް ޖެހިލުން ކުޑަކަމާ އެކު މާލޭގެ މަގުތަކުގައި ބައެއް މީހުން ވޭޕް ބޯތަން ފެނެއެވެ. އެފަދަ މީހުން ހުއްޓުވުމަށް މިހާރަށް ވުރެ ހަރުކަށި ފިޔަވަޅު އަޅަން ޖެހެއެވެ. ޖުރިމަނާ ކޮށްފައި، އެފައިސާ ހޯދޭނެ ގޮތެއް ނެތިގެން ދައުލަތުން އުޅުމުން ވޭޕް ބުއިމެއް ނުހުއްޓުވެއެވެ. ދުންފަތުގެ ޑިއުޓީ ބޮޑު ކުރުމުން "މެންޗެސްޓަރ" ނުވަތަ އެނޫންވެސް ނަމެއް ކިޔާ ފޭކް ސިނގިރެޓް ވަގަށް އެތެރެކޮށްގެން ވިއްކުން ހަބޭހަށް ގިނަވެއްޖެ އެވެ. މިހާރު ބަންގާޅީންވެސް އަގުހެޔޮ ސިނގިރޭޓް ހެސްކިޔާފަ ބޮނީއެވެ. އަގު ހެޔޮ ސިނގިރޭޓުން ދިވެހި މާކެޓް ފްލަޑް ވެއްޖެއެވެ. މިކަމަށް އޮތް ހަމައެކަނި ހައްލަކީ އާއްމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލް ކުރުން މުޅިން މަނާކުރުމެވެ. ބޯމީހަކު އެމީހެއްގެ އަމިއްލަ ޕްރައިވެސީގައި ބޯންވީ އެވެ. ކެފޭ، ރެސްޓޯރެންޓް، މަގުމަތި، ދުވާރުމަތި، ޕާކް ފަދަ އާއްމު އެއްވެސް ތަނެއްގައި ސިނގިރޭޓު ނުބޮވޭ ގޮތަށް ހަދަންވީއެވެ.
ކެރޭ ރައީސަކާއި، ކެރޭ މިނިސްޓަރަކު އިސްވެ، ސަރުކާރުން މިފެއްޓީ ވަރަށް ރަނަގަޅު، ވަރުގަދަ މަސައްކަތެކެވެ. މި މަސައްކަތް ޖަމަލު ފޮޑިއަށް ނުގޮސް، މިނިސްޓަރު އިހްސާންގެ ބަސް ހަޤީގަތަކަށް ހަދަންޖެހެއެވެ. މިނިސްޓަރު އެ ދެއްވި އިންޒާރުގެ ބަހަށް އިންސާފް ކުރާނީ ދިވެހި ރައްޔިތުންނާއި ދިވެހި ތާރީހެވެ. މިއީ ހާއްސަކޮށް މިނިސްޓަރު އިހްސާނަށް، އަދި އާއްމުކޮށް މުޅި ސަރުކާރަށް އޮތް ވަރުގަދަ ޗެލެންޖެކެވެ. ޑީލަރުން ތިބީ ބަލާށެވެ. މީތި ފެއިލްވެއްޖެ ނަމަ ޑީލަރުން މޮޅުވެ ދައުލަތް ފެއިލްވީ އެވެ. އެހެން އެކަން ނުވުމަކީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް އެދުމެވެ. އަލިމަގު ފެންނާނީ މަރުގެ ހުކުމް ތަންފީޒު ކުރެވިގެންނެވެ!

One Response
100% ތާއީދު ކުރެވޭ ލިޔުމެއް