އެއް ވަގުތެއްގައި 100 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރާ ބޮޑު ޑްރަގް އޮޕަރޭޝަނެއް މުޅި ރާއްޖޭގައި މިއަދު ހިންގަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުލުހުންނަށް އަންގަވައިފިއެވެ.
ރައީސް އެކްސްގައި ވިދާޅުވީ ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން، މުޅި ރާއްޖޭގައި މިއަދު ހިންގާ މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށެވެ.
"ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. މިގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް އަޅުގަނޑުވާނީ ފުލުހުންނަށް އަންގާފަ. އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ."
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މިއަދު ހެނދުނު 05:30 ގައި މި އޮޕަރޭޝަން ފެށީ "އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭ ގޮތަށް" ކަމަށެވެ.
"އޮޕަރޭޝަން އަލިމަގު އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.



advertisment