ބީ.އެމް.އެލްގެ އޮންލައިން ޓްރާންސެކްޝަންތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް އިތުރުކޮށްފިއެވެ. މިއާއެކު ކަސްޓަމަރުން ބޭންކުގައި ރަޖިސްޓަރކޮށްފައިވާ ނަމްބަރަށް ވަޓްސްއެޕް މެދުވެރިކޮށް ފަސޭހަމަކާއެކު އޯޓީޕީ ލިބޭނެ ކަމަށް ގައުމީ ބޭންކުން ބުނެއެވެ.
ބީ.އެމް.އެލް އިން ބުނީ ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް، އީމެއިލް އަދި އޮތެންޓިކޭޓަރގެ އިތުރުން ވަޓްސްއެޕް ހިމެނުމާއެކު ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
މި ޚިދުމަތް ތަޢާރަފްކުރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް ބޭންކިންގެ ބޭނުންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ބޭންކުން އަބަދުވެސް މަސައްކަތްކުރަމުން މި ދަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ރައްކާތެރިކަމާއެކު ފައިސާދެއްކޭނެ މަގުތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
"އޯޓީޕީ ލިބޭ ވަސީލަތެއްގެ ގޮތުގައި ވަޓްސްއެޕް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭންކިންގެ ޚިދުމަތްތައް ރައްކާތެރިކަމާއެކު އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމެއް،" ޝަރީފު ވިދާޅުވިއެވެ.
"ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ ނުވަތަ ބޭންކިން އެޕް މެދުވެރިކޮށް އޯޓީޕީ ލިބެން އިޚުތިޔާރުކުރާ ގޮތް ބަދަލުކުރެވޭނެއެވެ. އޯޓީޕީ ޗެނަލް ވަޓްސްއެޕްއަށް ބަދަލުކުރުމުގެ މަރުހަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލްއެއް ބޭނުންކުރަން ޖެހޭނެއެވެ." ބީ.އެމް.އެލްގެ ބަޔާނެއްގައި ވެއެވެ.



advertisment

