ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15،000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ، އަދި ދާދި އަވަހަށް ހުޅުވާލައްވާނެ ބައެއް ފުރުޞަތުތަކުގެ ޚުލާސާއެއް ހިއްސާކުރައްވާފައެވެ.
މިގޮތުން ރަސްމާލޭ ބިމުން 15،000 ގޯތި ދޫކުރުމުގެ އިތުރުން މާލެ ސަރަޙައްދުގައި 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، އިންޑިއާގެ ލައިން އޮފް ކްރެޑިޓުން އިތުރު 4000 ހައުސިން ޔުނިޓް ހަމަޖެހިފައިވާ ކަމުގައި އެމަނިކާފުނު ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ތަފްސީލުތައް ދާދި އަވަހަށް ހިއްސާކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށާއި މަސައްކަތް ކުރައްވަނީ، ބިންހިއްކުމުގެ މަޝްރޫޢު ނިމެންވާއިރަށް، ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅައި ނިންމެވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ޑިސެމްބަރު މަހު ގެނެވޭ އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި، ތިން ގުނަ ހަލުވިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ވަޢުދުފުޅަށް އިސްކަންދެއްވައިގެން، މިހާތަނަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކީ، އެކަން ކުރެއްވޭނެ ހިސާބަށް ވާސިލުވެވި، އެކަން ކުރައްވަން ފެއްޓެވިފައިވުން ކަމުގައި ރައީސް ވިދާޅުވިއެވެ.



advertisment