Support Us

ބަންޑުން ޖަހައިލި ކޮޅުވެއްޓީގެ ކައްޕިގެ އަތުގައި ލައިސަންސެއް ނެތް: އެމް.ޕީ.އެލް

މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދާ ދިމާލުން މިދިޔަ ހަފުތާގައި ބަންޑުން ޖަހައިލި ކޮޅުވެއްޓީގެ ކައްޕިގެ އަތުގައި އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ވެސް ނެތް ކަމުގައި އެމް.ޕީ.އެލް އިން ބުނެފިއެވެ.

ނޮވެމްބަރު ތިން ވަނަ ދުވަހުގެ މި ހާދިސާގައި ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ އެމް.ޕީ.އެލްގެ ދެ މުވައްޒަފުންނެވެ.

މި ހާދިސާއާ ގުޅިގެން ކުރަން ފަށައިފައިވާ އެތެރޭ ތަހުޤީގާ ގުޅޭ ގޮތުން އެމް.ޕީ.އެލް އިން މިއަދު ބުނީ ބޯޓަކުން ދެ އެކްސްކެވޭޓަރު ބާލައި ކޮޅުވެއްޓިއަށް ބަރުކުރުމަށް މުދާ އެތެރެކުރި ފަރާތުން ހަމަޖެއްސި ކޮޅުވެއްޓި ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ނޫން ކަމަށާއި ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ވެސް ނެތް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.

"ކޮޅުވެއްޓިގެ ކެޕްޓަން އަތުގައި އެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ބުނެފައިވަނީ އެ ފަރާތުގެ ލައިސަންސްގައި އެ އުޅަނދު ދުއްވުމުގެ ކެޓަގަރީ ނުހިމެނޭތީއެވެ. މިކަން މި ކުންފުނިން ވާނީ ކަމާ ގުޅޭ ވުޒާރާއިން ކަށަވަރުކޮށްފައެވެ. މި އުޅަނދު ދުއްވުމަށް 100 ގްރޮސް ޓަނޭޖަށްވުރެ މަތީ އުޅަނދު ދުއްވުމުގެ ކެޓެގަރީ ލައިންސްގައި ހިމަނަންޖެހެއެވެ." އެމް.ޕީ.އެލް އިން ބުންޏެވެ.

"މި ހިތާމަވެރި ހާދިސާއާ ގުޅިގެން މި ކުންފުނިން ވަނީ އެތެރޭގެ ތަހުޤީގެއް ހިންގަން ފަށައި، ޢިބްތިދާޢީ ހޯދުންތައް ހޯދައިފައެވެ. މި އިބްތިދާޢީ ހޯދުންތަކުން ހާދިސާ ހިނގި ގޮތާއި، މިހާތަނަށް ފާހަގަކުރެވުނު މައްސަލަތަކާއި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިއުމަށް، މި ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ފާހަގަކުރެވިފައެވެ."

ޢިބްތިދާޢީ ހޯދުންތަކުން ފާހަގަކުރެވުނު ކަންތައްތައް:

  • މި އޮޕަރޭޝަންގައި ދެ އެކްސްކެވޭޓަރ އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަން. ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަން.
  • ލޭންޑިން ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ޤަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރުކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަން. އަދި އެއީ ލޭންޑިން ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަން.
  • ޑައިރެކްޓް ޑެލިވަރީ (މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުން) އޮޕަރޭޝަންސްތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ހެދިފައި ހުރި ޤަވާއިދުތަކުގެ ތެރެއިން، ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދު ކެޕްޓަން ކަމަށް ވީ ހިނދު، އެ ފަރާތުން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ދެ އެކްސްކެވޭޓަރ ލޭންޑިން ކްރާފްޓްގައި ބެހެއްޓުމަށްފަހު، ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގިކަން.
  • އެހެން ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބުކަން.
  • ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމް.ޕީ.އެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ލިބިފައި. އެމް.ޕީ.އެލްގެ މުވައްޒަފުން އެ އުޅަނދުގައި އެ ވަގުތު ތިބެން މެެދުވެރިވި ސަބަބަކީ މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިން ކްރާފްޓް ގިރާކޮށްފައި ކަމުގައިވުން.
  • ލޭންޑިން ކްރާފްޓަށް ދެ އެކްސްކެވޭޓަރ ބޭލުމުގެ އޮޕަރޭޝަންސްތައް އެމް.ޕީ.އެލް އިން ފުރިހަމަކޮށް، ނިންމާފައި ވަނީ މިފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ފާހަގަކުރެވޭ.
  • މިފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި ކޮންސައިނީ (މުދާ ގެންނަ ފަރާތުން) މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިން ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކްކުރުން ފަދަ ކަންތައްތަކަކީ އެމް.ޕީ.އެލް އިް އަމަލުކުރަމުންދާ ޤަަވައިދުތަކާއި ޢުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ނޫން، އެހެން ނަމަވެސް މި ޢުސޫލު މުރާޖާކޮށް، މިހާރު ވަނީ ބަދަލުކުރެވިފައި.

އެމް.ޕީ.އެލް އިން ބުނީ އެ ކުންފުނީގެ އެތެރޭގެ ތަހުޤީގަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެމް.ޕީ.އެލް އިން މިހާރު ތަންފީޒުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މިހާރު ޢަމަލުކުރަމުންދާ ޢުސޫލުތައް މުރާޖާކޮށް، ހަރުދަނާ ކުރުމާއި ހާއްސަ އޮަޕަރޭޝަންސްތަކުގައި ސޭފްޓީގެ މުވައްޒަފުން ބައިވެރިކުރުމާއި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރުން ހިމެނޭ ކަމަށެވެ.

"މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި ގުޅިގެން ރާއްޖެއަށް މުދާ ގެންނަ ފަރާތްތަކަށް ދަތިނުވާނެެ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އައުޓަރ އެންކަރޭޖް (ކަނޑުމަތީގައި މުދާ ބޭލުމުގެ އޮޕަރޭޝަންސް) ބޯޓު ފަހަރު ބާއްވައިގެން މުދާ ބޭލުމަކީ އަބަދުވެސް މި ކުންފުނިން ކުރިއަށް ގެންދާ މަސައްކަތަކެވެ. އެގޮތުން، ބަރު ވެހިކަލްތަކާއި، ޕްރޮޖެކްޓްތަކުގެ ކާގޯ އަދި އެހެނިހެން ބަރު މުދާ މިފަދަ އޮޕަރޭޝަންސްތަކުގައި ބާލައި، ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. އަދި އެމް.ޕީ.އެލްއަކީ މިފަދަ އޮޕަރޭޝަންސް ހިންގުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ލިބިފައިވާ ޤާބިލް މުވައްޒަފުންތަކެއް ތިބި ކުންފުންޏެއްކަން ފާހަގަކުރަމެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.

"މި ހާދިސާ ހިނގި ފަހުންވެސް އެމް.ޕީ.އެލްއިން ވަނީ "އެމްވީ ސެލެސްޓިއާ"ގައި ބާކީ ހުރި ދެ އެކްސްވޭޓަރ ބޭލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. މި އޮޕަރޭޝަންސް އެމް.ޕީ.އެލް އިން ކުރިއަށް ގެންދިޔައީ ޚާއްސަ އޮަޕަރޭޝަންސްތައް ކުރިއަށް ގެންދިއުމުގައި މި ވަގުތުން ވަގުތަށް ގެންނަޖެހޭ ބަދަލުތައް ގެނެސް، ސަލާމަތާއި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކާއެކުއެވެ."