Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ގިނަ "ބޯއިފްރެންޑު"ން ގެންގުޅުނު "ބިޓެ"އް- އިންނަން ކަމުދާނެތަ؟

ގަސްބުޑުގެ ވަށައިގެން ނުއެނބުރި ސީދާ ޕޮއިންޓަށް ދަމާހެވެ: ކައިވެންޏަކީ ތަރިކައެއް ދޫކުރާ ކަމެކެވެ؛ އޮޅުންބޮޅުންގަނޑެއް ނޫނެވެ.

ކައިވެނި ކުރަން އެއްބަސްވުމާއެކު، ތިބާ ލޯބީގެ ގޮތުން ތިޔަ ގުޅުނު އަންހެންމީހާގެ މާޒީ އެ ހިސާބުން އެހާ ފަސޭހައިން އެ ފުހެވުނީކީ ނޫނެވެ.

ތިބާއަށް ތިޔަ ކަމުދިޔަ "ބިޓު"ގެ ލޯބިވެރިން ނުވަތަ "ބޯއިފްރެންޑު"ން ގިނަވި ވަރަކަށް އޭގެ މާނައަކީ ތިބާގެ ހަޔާތަށް އޭނާ ގެންނަ "އެކްސެސް ބެގެޖް" ގިނަ ވާނެ ކަމެވެ. މާނައީ، ޒަވާޖީ ދިރިއުޅުމުގެ ދަތުރަށް ފެށުމުގެ ކުރިން ވެސް ތިބާ "އަގު އަދާކުރަން" ޖެހޭ "ބޭކާރު ދާގީނާ"ތައް ގިނަވާނެ ކަމެވެ!

ތިބާ ބޭނުމީ އަމާންކަމާއި ޒަވާޖީ ދިރިއުޅުން ވަކި ހަމައެއްގައި، ނުގުޑާނެ ގޮތަށް ދެމެހެއްޓުން ކަމަށްވާ ނަމަ، ހަގީގީ ރަނގަޅު ކުރިމަގެއް ބައްޓަންކުރަން އަންބަކު ހޯދާއިރު ސަމާލުކަން ދޭން ޖެހޭ 11 ކަމެއް ވެއެވެ. އެއީ:

  1. ތިބާ ތިޔަ ކައިވެނިކުރި އަންހެންމީހާ އަބަދުވެސް އޭނާގެ މާޒީއާ ތިބާ އަޅައިކިޔައިނެއެވެ. ތިބާއަކީ އޭނާގެ ހަމައެކަނި ބައިވެރިޔާއެއް ނޫނެވެ. އޭނާގެ ވަށައިގެން އެތައް ފިރިހެނެއްގެ "ރޫހު"ތަކެއް އެނބުރޭނެ ކަހަލައެވެ. އޭނާ ރުއްސަން ތިބާ ކިތައްމެ ކަމެއް ކުރި ނަމަވެސް، ތިބާއާ ދުވަހަކު ބައްދަލު ނުވާނެ އެތައް ފިރިހެނުންނާ، އޭނާ ތިބާ އަޅައިކިޔައިނެއެވެ.
  2. އޭނާއަށް އޭނާ ހަގީގަތުގައި ބޭނުންވަނީ ކޮން އެއްޗެއް ކަމެއް ނޭނގޭނެއެވެ. މާޒީގެ ކޮންމެ ގުޅުމެއް ވާނީ އޭނާގައި "ނިޝާނެއް" ޖަހައިފައެވެ. ނިޝާންތައް މާ ގިނަ ވުމުން ވާނީ ކިހިނެތް ހެއްޔެވެ؟ އޭނާ ވިއްސިވިހައިލި ވާނެއެވެ. ސިކުނޑި "ކޮށިއަރައިނެ"އެވެ. އަދި ތިބާއަށްޓަކައި ހުރިހާ ކަމެއް ހުސްކުރަން ނުކުޅެދޭނެއެވެ.
  3. އޭނާއަށް ހިތްހަމަޖެހުމެއް ލިބުން އޮންނާނީ ގާތްގަނޑަކަށް ނުވާނެ ކަމަކަށްވެފައެވެ. އެތައް ބާވަތެއްގެ ފިރިހެނުންގެ "ރާހަތް" ކޮށްފައިވުމުން އެންމެ ފިރިހެނަކުން އޭނާއަކަށް "ނުފުދޭނެ"އެވެ. މި "ފަޅު"ކަމުގެ ސަބަބުން އޭނާގެ ލޯ އެކި ދިމަދިމާއަށް "ނަޒަރު ހިނގަން" ފަށައިނެއެވެ. އަދި އިސާހިތަކު އޭނާގެ އަމަލުތައް ވެސް ދެން ދާނީ ތަފާތު ފިރިހެނުން "އަތުއަޅުވައިލުމު"ގެ މަސައްކަތަށެވެ.
  4. އެންމެ ސީރިއަސް ނަޒަރަކުން ވިސްނައިފި ނަމަ، ތިބާއަށް ތިޔަ ކައިވެނި ކުރެވުނީ، ރަށްމެދަށް ވިހެއުމުގެ ބަދަލުގައި އެ ކަން ސިއްރުކުރަން އެބޯޝަން ހެދުން ފަދަ ނާމާންކަމެއް ކޮށްފައިވާ އަންހެނަކާ ނޫންކަން ތިބާއަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟ އެ ކަމުން އޭނާއަށް ކޮށްފައިވާ ނަފުސާނީ އަސަރު ތިބާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ "ރިސްކީ" ނުވަތަ ކޮންމެ ކަމެއް ވެސް ވަރިހަމަވާ އަންހެނުންގައި "ސައިލެންޓް ގިލްޓް" ހުންނާނެއެވެ. މާނައީ، "ކުށެއް" ކުރެވިފައިވާކަން "ހިމޭން"ވެފައިވާ ފަދަ ގޮތަކަށް ނަފުސުގައި ސިއްރުވެފައިވުން އެކަށީގެންވެއެވެ. މީގެ އިތުރުން "އަންރިސޯލްވްޑް ޕެއިން" ނުވަތަ ވަކި ގޮތަކަށް ނިމުމަކަށް އައިސްފައި ނުވާ ވޭނުގެ އިތުރުން "ކޯލްޑް އިންޑިފަރެންސް ޓު ލައިފް" ނުވަތަ "ހަޔާތާމެދު އަޅައިލުން ކުޑަ ފިނި ނަޒަރިއްޔާތެއް" ގެންގުޅޭނެއެވެ. އެ ފަދަ "ސިއްރުވެފައިވާ ބަރު" އެންމެ ފަހުން "ފޭދޭނީ" ތިބާގެ ޒަވާޖީ ހަޔާތުގެ ތެރެއަށެވެ.
  5. އެ ބުނާ "އެކްސް" ބޯއިފްރެންޑުން ހަގީގަތުގައި އޭނާގެ ހަޔާތާ ދުރަކަށް ނުދާނެއެވެ. "ޖަސްޓް ފްރެންޑްސް" ނުވަތަ "ހަމަ ރައްޓެހިން"ގެ ގޮތުގައި އުޒުރެއް ދައްކައިގެން ތިބޭނެއެވެ. "ކްލޯޝާ" ނުވަތަ އެ ގުޅުމަށް ވަކި ގޮތަކަށް "ނިމުމެއް ނައިހެ"ވެ. ނުވަތަ އެ ފިރިހެނަކީ އޭނާ "އަންޑަސްޓޭންޑް" ނުވަތަ ފަހުމްވާ މީހާ ކަމަށް ތިބާއާ ދިމާއަށް އޭނާ ބުނާނެއެވެ. އެހެންކަމަށް ވަނީ ނަމަ، ތިބާއަކީ ފިރިމީހާ ކަމަށްވުމަކުން ފައިދާއެއް ނެތެއް ނޫން ހެއްޔެވެ؟ މި ހުރިހާ ކަމެއް އެންމެ ފަހުން "ތަރުޖަމާ"ވެގެންދަނީ ކޮން ދިމާއަކަށް ހެއްޔެވެ؟ އާއެނކެވެ! ތިބާގެ އަނބިމީހާގެ ފޯނު ތެރޭގައި ތިބާއާ ވާދަ ކުރާ، ނަމަވެސް ތިބާގެ ލޮލަށް ނުފެންނަ، ކިތައްމެ ފިރިހެނުންނެއް އަބަދު އުޅޭނެއެވެ!
  6. ދެން އޮތީ "ޕެއާ ބޮންޑް"ގެ މައްސަލައެވެ. ލަފުޒީ މާނައިން ނަމަ "ޖޯޑު ގުޅުމެ"ވެ. މިއީ ހުރިހާ މަހުލޫގުންގެ ތެރޭގައި ވެސް އޮންނަ، ވަފާތެރި އެއް ބައިވެރިއަކަށް ހަޔާތް ހުސްކޮށްލައި ގޮތެވެ. ތިބާގެ އަނބިމީހާއަކީ އެތައް ބައިވެރިންނާއެކު "އެނބުރި އެނބުރިފައި" ތިބާއާ "ލައްވައިލި" އަންހެނެއް ނަމަ، ތިބާއާއެކު ބާއްވާ ގުޅުން ވަރުގަދަވުމަށްވުރެ ވާނީ ނިކަމެއްޗެވެ. އެ ހުރިހާ ފިރިހެނުންގެ އަތު ތެރެއިން އައިސް ތިބާއާ ހިސާބަށް ވާސިލު ވާއިރު، އޭނާގެ ޖަޒުބާތީ "ތެރަހުގައި"، ތިބާގެ ނަފުސު އޭނާގެ ނަފުސާ "ގުޅުވައިދޭނެ"، މާބޮޑު "ތަތްކަމެއް" ނުހުންނާނެއެވެ.
  7. އޭނާ ގެންނާނީ އޭނާގެ ހަލާކުވެފައިވާ ގުޅުންތަކެވެ. ފޭލިވެފައިވާ ގުޅުންތަކަކީ ހަމަ ކުއްލިއަކަށް ފުހެވިގެން، ނެތިގެންދާނެ އެއްޗެއް ނޫނެވެ. އެއާ ހިލާފަށް، އެއީ ފުނިޖެހެމުންދާނެ "ކަންތައްގަނޑެކެ"ވެ. އަދި އެ ހުރިހާ ފިރިހެނުންތަކެއް ދޫކޮށްފައި ދިޔަ "ކުނިބުނި" އާހިރުގައި "އުފުލަން" އޭނާއަށް އެދެވޭނީ ތިބާގެ "ބުރަކަށިމަތީގަ"އެވެ.
  8. ކަންތައްތަކުން ފިލުން އޭނާއަށް ވާނީ ފަސޭހަ ކަމަކަށެވެ. ހާއްސަކޮށް، ޒަވާޖީ ހަޔާތެއްގެ ބުރަކަމަކީ ވަކި އޭނާ ތިބާގެ ގާތުގައި މަޑުކުރަން އެދޭނެ، އެއްޗެކަށް ނުވާނެއެވެ. އެ ފަދަ ކޮންމެ ދަނޑިވަޅެއްގައި އޭނާގެ ހަށިގަނޑަށް "އޮޓޯ"ކޮށް އަރާނީ "ދުވެރައްކާވުމު"ގެ އިހުސާސެވެ. މިހެންވުމުން އޭނާގެ "ސެކަންޑް ނޭޗާ" ނުވަތަ ގުދުރަތުގެ ދެވަނަ ސިފަ ކަމަށްވާނީ ކޮންމެ ކަމަކުން ވެސް ދުވެ، ރެކި، ފިލުން ކަމަށްވާތީ، ތިބާ ދޫކޮށްލުން ވެސް ވާނީ އޭނާގެ "ދެވަނަ ޝަހުސިއްޔަތު"ކަމަށެވެ.
  9. އޭނާއަށް ތިބާ ފެންނާނީ "އައު"ކޮށްލެވިދާނެ ފިރިހެނެއްގެ ގޮތުގައެވެ. މާ ގިނަ ފިރިހެނުންގެ ސަމާލުކަން ލިބޭތީ އޭނާއަށް ޔަގީން ވާނީ އޭނާއަށް ބައިވަރު ފުރުސަތުތަކެއް އިހްތިޔާރު ކުރަން ލިބިފައިވާ ކަމެވެ. މިހެންވެ، ވަފާތެރި ކަމަކީ، އޭނާ ދެކޭ ގޮތުގައި، ވަގުތީ އެއްޗެކެވެ؛ އަނެއް، އަދި ދެން މާ ރަނގަޅުހެން ހީވާ، ފިރިހެނަކު އަންނަން ދެނެވެ.
  10. އޭނާއަށް ހީވާނީ ހުރިހާ އެއްޗެކަށް އޭނާގެ ހައްގެއްވާހެންނެވެ. އެއީ އޭނާ އެ ކަމެއް ހޯދަން މަސައްކަތް ނުކުރި ނަމަވެސް މެއެވެ. އެއްކަލަ "އެންޓައިޓްލްޑް ނެޕޯ ބޭބީ" ފީލް އަންނާނެއެވެ. މިހެންވެ، ޝުކުރުވެރިވުމަކީ ވެސް އޭނާ ދަންނަ ކަމަކަށް ނުވާނެއެވެ. ގުނާ އަދަދު ނުކުރެވޭހާ ފިރިހެނުން، އޭނާއަށް ހުޝާމަދު ކުރަމުންދާތީ، އޭނާގެ "އީގޯ" އަރައި ހުންނާނީ ތިބާގެ އަތް ނުފޯރާ ފަށުގައެވެ! އީގޯއަކީ އެހެން މީހުންނަށްވުރެ ތިމާގެ ހައިބަތު ބޮޑުކަން އިހުސާސްކުރެވި، އެ ކަމުގެ ސަބަބުން އެ މީހެއްގެ ބޮޑާކަމާއި ކިބުރުވެރިކަން ހައްދުފަހަނަޅައި ދިއުމެވެ. މިހެންވެ، ތިބާ އޭނާއަށް ދޭ އެއްވެސް އެއްޗެއް، ނުވަތަ ކޮށްދޭ އެއްވެސް ކަމެއް ވެސް، އޭނާއަށް "އެހާ އެހާ"އެއް ނުވާނެއެވެ. މާނައީ، މާބޮޑު އުފާވެރިކަން ލިބޭ ކަމަކަށް ނުވާނެއެވެ. އޭނާއަށް އަބަދުވެސް ހީވާނީ އެއީ ތިބާގެ ފަރާތުން އޭނާއަށް ލިބެން ޖެހޭނެ އެއްޗެއް ކަމެވެ. މިހެންވެ، ތިބާއަށް ޝުކުރުވެރިއެއް ނުވާނެއެވެ.
  11. ކޮންމެ ކަމެއް ވެސް އަލަށް ފަށައިގަތުމަކީ އޭނާއަށް ބިރުވެރި ކަމަކަށް ނުވާނެއެވެ. މި ތާނގައި "ކޮންމެ ކަމެއް ވެސް އަލަށް ފަށައިގަތުން" މާނަ މި ކުރަނީ ދިރިއުޅުން ރަނގަޅު މަގަށް އަޅުވަން އާ މަސައްކަތްތަކެއް ފަށައި ކަހަލަ ރަނގަޅު ނުވަތަ "ޕޮޒިޓިވް" ވާހަކައެއްގެ ގޮތުގައެއް ނޫނެވެ. އެއާ ހިލާފަށް، ގިނަ "ބޯއިފްރެންޑު"ން ގެންގުޅުނު "ބިޓަކަ"ށް ވާތީ، ބޯއިފްރެންޑުން އައުކޮށްލުން އޭނާ ބިރުގަންނަ ކަމަކަށް ނުވާނެ ވާހަކައެވެ. އެ ގޮތުން، މީގެ ކުރިން އޭނާ ބައިވަރު ފަހަރު ބޯއިފްރެންޑުން އައުކޮށްލަމުން ގޮސްފައިވާތީ، ތިބާ ދޫކޮށްލައިފައި ދިޔުން ވެސް އޭނާއަށް ވާނީ ނުހަނު ފަސޭހަ ކަމަކަށެވެ. މިހެންވެ، ތިބާ ކަހަލަ ކިތައްމެ ރަނގަޅު ފިރިހެނަކު ލިބުނަސް، އޭނާއަށް ތިބާ ވާނީ "ޑިސްޕޮސަބްލް" ނުވަތަ އެއް ފަހަރު ބޭނުންކޮށްލައިފައި ކުނިޓައްޕަށް އެއްލައިލައި ތުންފުއްސަކަށެވެ! އާނއެކެވެ؛ ތިބާ ވާނީ ހަމަ އެއް ފަހަރު ބޭނުންކޮށްލައިފައި ޑަސްބިނަށް ވައްޓައިލައި "ސިންގަލް ޔޫސް ޕްލާސްޓިކް"ކޮޅަކަށެވެ! އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ ގައުމެއް ނަމަ، ތިބާ "ރިސައިކަލް"ވެގެން އަލުން ނުކުންނައިރު ތިބާ ތިބާގެ މާޒީ އެއްކޮށް ހަނދާން ނެތިފައިވާ "އެމްނީޝިއާ" ޖެހިފައިވާ މީހަކަށް ބަދަލުވެފައިވުން ވެސް އެކަށީގެންވެއެވެ. އެހާމެ ވޭން އެޅި ހަޔާތެއް ވޭތުކޮށްފައިވާތީ، ނުކަތާވަރުގެ ވޭނީ ހަނދާންތައް ނައްތައިލަން ސިކުނޑިން ވަރުގަދަ ދައުރެއް އަދާކުރާތީއެވެ!

މި 11 ނުކުތާގައި މައިގަނޑު ގޮތެއްގައި މި ފާހަގަކޮށްލީ، ކައިވެންޏަކީ "ލައިފް-ލޯންގް އިންވެސްޓްމެންޓް"އެއް ކަހަލަ އެއްޗެއް ކަމެވެ. މާނައީ، މުޅި ހަޔާތަށް ދެމިގެންދާނެ "އިންވެސްޓް" ކުރުމެކެވެ. ތިބާގެ ހަޔާތުގެ ބައިވެރިއަކަށް ހޮވީ، ހަމަނުޖެހުން ބޮޑު މާޒީއެއް ތިބާއާ ދިމާއަށް ތާޅަފިއްޔެއްހެން އަބަދު ގޮވައި، ތިބާގެ ކަންފަތް ފަޅައިގެންދާ ވަރަށް އެ ހަޅޭކުގެ އަޑި އިއްވައި އަންހެނެއް ނަމަ، ތިބާއަށް ދޫކުރެވޭނީ ރަނގަޅު ތަރިކައެއް ނޫނެވެ. ހަގީގަތުގައި ތިބާއަށް ތިޔަ "ސޮއި ކުރެވުނީ" މާތް ޒަވާޖީ ހަޔާތެއް ވޭތުކުރުމުގެ ބަދަލުގައި ކާރިސާއަކަށް ދައުވަތު ދޭ "ސެޓްފިކެޓެ"އްގައެވެ!

  • ތަރުޖަމާއެއް