5 ވަނަ ޗެޕްޓަރު– ނުބުނެ ހިތުގައި ހުރި ބަސްތައް
ނަޝްފާ މުޅި ރޭ ނުނިދިގެން ފުރޮޅިފުރޮޅި އޮވެފައި އިރުއެރި ފަހުން ތެދުވެއްޖެއެވެ. ހުޅުމާލޭގެ ކަނޑުގެ ވައިރޯޅިތަކުންވެސް ހަމަޖެހުމެއް ނުލިބުމުން އެންމެ ފަހުން މާލެއަށް ދިއުމަށް ތައްޔާރުވި އެވެ. އޭނާގެ އިނގިލި ކެނޑުނު ފަހުން މޫދުމަލަ އަށް ނުގޮސް ހުރެ ހުރެފައި މިއަދު ދާން ގަސްތުކުރި އެވެ. ކުރީރޭ ޒަޔާން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކު ނަމަވެސް އޭނާގެ ލޮލަކުން އެއްވެސް ޔަގީން ކަމެއް ނުދައްކައެވެ. އޭނާގެ ބަސްތައް ބޭރަށް އައީ ހަމައެކަނި އޭނާގެ ތުންފަތް ހުރަސްކޮށްފައެވެ. އޭނާގެ ކިބައިން އެއްވެސް ޔަޤީންކަމެއް، އެއްވެސް އުންމީދެއް ފެނިގެންނެއް ނުދިޔައެވެ.
އުންމީދުން މަހުރޫމުވެފައިވާ އޭނާގެ ހިތަށް މިހާރު ވެރިވެފައިވަނީ ޝައްކުގެ ތޫފާނެކެވެ.
އެދުވަހު ހެނދުނު އޭނާ ބައިސްކަލުގައި މާލޭގެ އޮމާން މަގުތަކުގައި ދުއްވަމުން ދިޔައެވެ. އެންމެ ފަހުން މޫދު މަލަ ކޭޓަރިންގުން ރަހަމީރު ހޫނު ހެދިކާގެ ކުޅުދިޔާ ކުރުވާ ވަސްތައް ދުވަން ފެށިއެވެ. އޭރުވެސް އޭޕްރަން ބަނދެގެން ހުރެ، ރިފާއު ކައުންޓަރަށް ކާނާތައް ނެރެމުން ދިޔައެވެ. ސައިބޯން އައިސް ތިބި މީހުން ނުނިމޭތީ އެއްބަޔަކު ކިޔޫގައި ވެސް ތިއްބެވެ. ރިފާއުއަށް އެހީވާން އުޅޭ ދެތިން ބަންގާޅު ކުދިން ހަދާ ނުހަދާ ވެސް އޭނާ ބަލަމުން ދިޔައެވެ.
ރިޝްފާ އައިތަން ފެނުމަކުން ރިފާއު މޫނުމައްޗަކުން މިއަދަކު މާޝައުގުވެރިކަމެއް ނުފެނުނެވެ. އޭނާވެސް ބަދަލުވީތާއޭ ރިޝްފާގެ ހިތަށް އިހްސާސްވިއެވެ.
ރިޝްފާ ކުރާނެ މަސައްކަތެއް މިއަދަކު ރިފާއު ނުދެއްކިއެވެ. އެހެންވެ އޭނާ ފޫހިވެގެން އެކި ކަންކަމުގެ ތެރެއަށް މަތީންބައިން ވަދެ ކުރެވޭތޯ އުޅުނެވެ.
އެންމެ ފަހުން ރިފާއު ދުރަށް ބަލަން ހުރެ ބުންޏެވެ.
"މިއަދު މެންދުރު ލީމާ މިތަނަށް އަންނާނެ،" އަދިވެސް އޭނާ ރިޝްފާއަކަށް ބަލައެއް ނުލިއެވެ. "ތިޔަ ހުރިހާ ކަންތަކެއް އޭނާ ކުރާނެ. އެހެންވީމަ ރިޝްފާ ދެން މިއަދު ދިޔަޔަކަސް ހެޔޮ."
އެއްޗެއް ބުނަން ނުކުޅެދިފައި އޭނަ ބޯޖަހާލިއެވެ. ހަގީގަތަކީ އޭނާ ދެން އެތަނަށް އައުން ހުއްޓާލުމެވެ. އޭނާގެ ބޭނުން ކެނޑިއްޖެ ކަމެވެ. އެހެންވެ އޭނާ އެ ޚިޔާލުތަކަށް ގެއްލިފައި ހުރެގެން އެތަނުން ނުކުމެގެން ހިނގައިގަތެވެ.
ރިޝްފާ ކުރިޔަށް އެދަނީ ވަކި ޚިޔާލެއް ނެތިއެވެ. އެހެންނަމަވެސް އޭނާއަށް އެ ދެވެނީ ޒަޔާންގެ ކާޕެންޓަރީ ހުންނަ ހަނި ގޯޅިންނެވެ. ގަސްދެއް ނެތި ނަމަވެހެވެ. ބައިސްކަލް މަގުމަތީ ބަހައްޓާފައި އޭނާގެ ފިޔަވަޅުތައް ކީސްކުނޑިއާއި ރެޒިންވަހުން އެއްގޯސްވެފައިވާ ވޯކްޝޮޕާ ދިމާލަށް މިސްރާބު ޖެހިއެވެ. ދޮރުމަތީހުރެ އޭނާ ސަލާން ގޮވިއެވެ.
ޒަޔާން ހުރީ ގޮނޑިއެއްގެ ފުރޭމް ހެދުމުގައި އަވަދިނެތިއެވެ. އޭނައަށް ރިޝްފާގެ އަޑު އިވުނީ ދެފަހަރު ސަލާން ގޮވިފަހުންނެވެ.
އެވަގުތުކޮޅު ނަޝްފާއަށް ހުރެވުނީ ފިނިވެފައެވެ. އަނބުރާލާފައި ދާންވީ ކަމެއް އެތެރެއަށް ވަންނަންވީ ކަމެއް ނޭނގިފައެވެ.
ޒަޔާންއަށް ނަޝްފާގެ އަޑު އިވުމުން އޭނާ ލޮލުގައި އަޅާފައިވާ ގޮގްލް ނައްޓާލާފައި ބަލާލިއެވެ. އަވަހަށް އޭނާގެ އަތުގައި ހުރި ކީސް ކުނޑިތައް ފޮޅާލާފައި ބާރަށް ނަޝްފާގެ ގާތަށް އައެވެ.
ދެން އޭނާގެ ދެކޮނޑުގައި ހިފައި ގާތަށް ދަމާލިއެވެ.
ނަޝްފާ އޭނާގެ މޭގައި އަތް އަޅައި ދުރަށް ޖެއްސިއެވެ.
އެހެން ނަމަވެސް ބުނަން ނޭނގޭ ވޭނަކުން އޭނާގެ ހިތް އަނދަމުން ދިޔައެވެ. އޭނާ ވަރަށް ގާތުން ޒަޔާންގެ ލޮލަށް ބަލާލިއެވެ. އޭރު އޭނާގެ ހިތް މޭތެރޭގައި ބާރަށް ތެޅެމުން ދިޔައެވެ.
"އަހަރެންނަށް އާދެވުނީ،" ނަޝްފާގެ އަޑުތުރުތުރު އަޅަމުން ބުންޏެވެ. "އަހަރެން ހުރީ އަންނާކަށެއް ނޫން. މިއީ އަހަންނަށް ހެދުނު ގޯހެއް."
"މިއަކީ ގޯހެއް ނޫން،" ޒަޔާން އަވަހަށް ބުންޏެވެ.
"ޒަޔާން…" ނަޝްފާގެ ތުންފަތް ތުރުތުރުލަމުން ދިޔައެވެ. "އަހަންނަށް އެނގޭ އަހަރެން އައިސްގެން ނުވާނެކަން."
ޒަޔާން އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާގެ ކަނދުރާގައި ދެއަތް އަޅުވާލިއެވެ.
އޭރު ނަޝްފާގެ ލޮލުން ކަރުނަ ހިލިގެން އައިތަން ޒަޔާންއަށް ފެނުނެވެ.
"އަހަރެން އިތުރަށް ގާތަށް ނުޖައްސާ،" ނަޝްފާ ޒަޔާންގެ އަތްދަށުން ނުކުންނަން އުޅުނެވެ. "ޕްލީޒް."
އެވަގުތު އާދޭހުގެ ރާގުގައި ޒަޔާން ބުންޏެވެ.
"މިރޭ އަހަރެން އަންނާނަން ހުޅުމާލެއާވީ ކޮޅަށް ބުރިޖްމަތިން."
"އަހަރެން ހުރިހާ އެއްޗެއް ބުނެދޭނަން. ނޫނެކޭ ނުބުނާތި."
ނަޝްފާ ނޭވާ ހިފެހެއްޓިއެވެ. އެތައް ދުވަސްތަކެއް ވަންދެން އޭނާ އައީ އެ ބަސްތަކަށް އިންތިޒާރު ކުރަމުންނެވެ. އޭނާއަށް ކޮންމެވެސް ހިތްހަމަޖެހުމެއް ލިބިދާނެ ކަމުގެ އުންމީދު އިތުރު ވިއެވެ.
"އަންނާނަން،" ނަޝްފާ ދާން އަނބުރާލަމުން ބުންޏެވެ.
އޭރު ޒަޔާން އޭނާގެ އަތްތިލައިގައި ހިފަހައްޓައި އޭނާ ދިޔަ ނުދޭން އުޅުނެވެ. އެކަމަކު އޭނާގެ އަތުގެ އަތްތިލައިގެ ތެރޭން އިނގިލިތައް ދަމައިގެން ނަޝްފާ ކުރިއަށް ހިނގައިގަތެވެ.
ޒަޔާން އެނބުރި އޭނާގެ އޮޅުންބޮޅުންވެފައިވާ ޚިޔާލުތަކާއެކު ކީސްކުނޑިތަކުގެ ތެރެއަށް ޣަރަގު ވެއްޖެއެވެ.
އޭނާ އަވަސް އަވަހަށް މަސައްކަތް ނިންމާލާފައި ގޮސް ރީއްޗަށް ފެންވަރާލައިގެން ބުރިޖުގެ ލައިޓްތަކު ތެރޭން ސައިކަލް ދުއްވަމުން ދިޔައެވެ.
(ނުނިމޭ)



advertisment