ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޢުޞޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ އެންމެހާ ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާ ތެރޭ ދައްކަވާ ނިންމަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެކްސްގައި މިރޭ ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވައި، ފައިސާ ނުދީ ހުރި އެތައްހާސް ބިލުތަކެއް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފުތާ ތެރޭ ދައްކަވާ ނިންމަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމަކީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.



advertisment

