Support Us

ބުރުނީގައި ބީ.އެމް.އެލް އޭޓީއެމްގެ ޚިދުމަތް ފަށައި މުޅި އަތޮޅަށް ފުޅާކުރަނީ

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ތ. ބުރުނީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. ބީ.އެމް.އެލް އިން ބުނީ ތ. އަތޮޅުގެ އިތުރު އަށް ރަށުގައި މި ހަފުތާތެރޭގައި ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުޅާކުރާނެ ކަމަށެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް ބުރުނީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޝަރީފް ވިދާޅުވީ ބުރުނީގައި ކޮށްފައިވާ މި އިންވެސްޓްމެންޓުން ހާމަވެގެންދަނީ ރާއްޖޭގެ މުޖުތަމައުތަކަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ޚިދުމަތެއް ގާއިމުކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ކަމަށެވެ.

"ޒަމާނީ އޭޓީއެމްތައް ތައާރަފްކުރެވުމާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށްވެސް ފަސޭހަކަމާއެކު ކޮންމެ ވަގުތަކުވެސް، ރަށުގައި ތިބެގެން ބޭންކިން ޚިދުމަތް ލިބޭނެ،" ޝަރީފު ވިދާޅުވިއެވެ.

"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 171 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 229 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ." ބީ.އެމް.އެލް އިން ބުންޏެވެ.