Support Us

ބޮޑުހިލަ ޝިޕްމަންޓް ލިބުމާއެކު ފީއަލީ ބިން ހިއްކުން އަލުން ފެށޭނެ: ރައީސުލްޖުމްހޫރިއްޔާ 

 

ބޮޑުހިލައިގެ ޝިޕްމަންޓް ލިބުމާއެކު، ފ. ފީއަލީގައި ހުއްޓިފައި އޮތް ބިންހިއްކުމުގެ މަޝްރޫޢު، އަލުން ފެށިގެންދާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފީއަލީ ރައްޔިތުންނާއި ރަށުގެ އިސްވެރިންނާއެކު މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުވުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކޭނޭ ގޮތަށް، އެ މަޝްރޫޢު ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފީއަލީގެ އިތުރުންވެސް، ބޮޑުހިލަ ނުލިބުމުގެ ސަބަބުން މަސައްކަތް ހުއްޓިފައި ހުރި ރަށްރަށުގެ މަސައްކަތް، އާ ޝިޕްމަންޓްތައް ލިބެމުންދާ މިންވަރަކުން އަލުން ފަށައިގެން ކުރިއަށްގެންދަވާނެކަން ފާހަގަކުރައްވައި، ފީއައްޔަށް ބޭނުންވާ ޝިޕްމަންޓްވެސް ވަރަށް އަވަހަށް ގެނެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފ އަތޮޅު މަދަރުސާގައި މިއަދު ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއާއި އާންމު ދިރިއުޅުމުގެ ކަންތައްތަކާ ގުޅޭގޮތުން ބައިވެރިންނާ ޚިޔާލުބަދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައްޔިތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށި، އަލަށް ފަށާ މަޝްރޫޢުތައްވެސް އެއްވާނެއްގައި ގޮސް ނިންމާލުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ފީއަލީ އައިސްޕްލާންޓާ ގުޅިގެން ޚިލާފު އުފެދިފައިވާ ކަންކަމަށް ޙައްލެއް ހޯދުމުގެ މައްޗަށްވެސް ރައްޔިތުންގެ މަންދޫބުން ވާހަކަފުޅުދައްކަވާފައިވެއެވެ.

ރައްޔިތުން އަލިއަޅުއްވާލެއްވި ކަންކަމަކީ، ތަރުތީބުކުރެވި، ފެށި، ނުވަތަ ފެށުމުގެ މަރުޙަލާގައި ހުރި ކަންތައްތަކެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކުން އެ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނޭކަމުގެ ޔަޤީންކަންދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން، ފީއަލީގައި ބަނދަރު އަޕްގްރޭޑްކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢާއި، މިސްކިތް ޢިމާރާތްކުރުމުގެ މަޝްރޫޢާއި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. އަދި ފީއަލީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި، އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީގޮތުން މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *