ބޭންކް އޮފް މޯލްޑިވްސް އިން ވ. ރަކީދޫގައި ސެލްފް-ސަރވިސް އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.
ރަކީދޫގައި އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން، މިހާރު 12 އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވިއްޖެ ކަމަށެވެ.
"މިއިން ކޮންމެ އޭޓީއެމް އަކީވެސް އެރަށެއްގެ މުޖުތަމައުތައުގެ މާލީ ބައިވެރިވުން އިތުރުކޮށްދޭ ކަމެއް އަދި މިއީ ފަސޭހަ ކަމާއެކު އަސާސީ ބޭންކިންގ ޚިދުމަތަށް ވާސިލްވުމަށް ހުޅުވޭ ދޮރެއް،" ޝަރީފު ވިދާޅުވިއެވެ.
"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ފ. ފީއަލި އަދި ބިލެތްފަހީގައިވެސް އޭޓީއެމްގެ ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 166 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 225 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.



advertisment

