Support Us

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރސިން ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވައިލަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ދޭ ނަރސިން ސްކޮލަޝިޕް ޕްރޮގްރާމަށް މިއަހަރު ކުރިމަތިލުމުގެ ފުރުސަތު މިމަހު 15ގައި ހުޅުވާލަން ނިންމައިފިއެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވިލާ ކޮލެޖުގެ ނަރސިން ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ ދިވެހި ދަރިވަރުންނަށެވެ. އަދި ކުރިމަތިލާ މީހުންނަކީ އެހެން ސްކޮލަޝިޕެއް ލިބިގެން ތަޢުލީމު ހާސިލުކުރަމުންދާ ނުވަތަ ވިލާ ކޮލެޖް ނޫން އެހެން މަރުކަޒަކުން ކިޔަވަމުންދާ މީހަކަށް ވެގެން ނުވާނެއެވެ.

މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލަށް ކޯހަށް ވަންނަ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ލިބިގެންވެއެވެ. ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ މުއްދަތަކީ މި މަހުގެ 15 އިން ފެށިގެން 30ގެ ނިޔަލަށެވެ.

މި ސްކޮލަޝިޕް ޕްރޮގްރާމަކީ 2021 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖާ ގުޅިގެން ކުރިޔަށް ގެންދާ، ނަރުހުންގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 19 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވާއިރު، މީގެ ތެރެއިން ހަތް ނަރުހަކު މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުން ގެންދެއެވެ. މިއަހަރުވެސް ޑިޕްލޮމާ އިން ނަރސިން އަދި ބީ.އެސް.ސީ އިން ނަރސިން ކޯސްތަކަށް ސްކޮލަޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތުގައި އެންމެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއަކީ ނަރުހުންގެ ދާއިރާއެވެ. ނަރުހުންނަކީ ޞިއްޙީ ޚިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމުން، ހޮސްޕިޓަލުގެ ޚިދުމަތްތައް ފެށުމާއެކު ނަރުހުންގެ ޚިދުމަތް އަދި ޚާއްޞަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ޚިދުމަތް ފުޅާކުރުމަށް ހުއްޓުމެއްނެތި މަސައްކަތްތަކެއް ކުރަމުންދެއެވެ." ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.