Support Us

ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް ބީ.އެމް.އެލް އާއި މޯޕާ ގުޅިގެން ހިންގަނީ

ޕްލާސްޓިކް ރިސައިކަލް ކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހިގޮތަށް ޕްލާސްޓިކް މެނޭޖްކުރުމުގެ ޕްރޮޖެކްޓެއް ބީ.އެމް.އެލް އާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) ގުޅިގެން ހިންގަން ނިންމައިފިއެވެ.

ބީ.އެމް.އެލް އިން ބުނާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ގާއިމްކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ފެސިލިޓީއެއް ގާއިމްކުރާނެއެވެ. އަދި އެ ތަނުގައި ޕެޓް ޕްލާސްޓިކް ގްރައިންޑަރުތައް ގާއިމުކުރުމަށްފަހު ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކޮށް، އިންޑިއާ އަދި މެލޭޝިއާގެ ރީސައިކްލިން ފެސިލިޓީތަކަށް އެކްސްޕޯޓްކުރާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯޕާއާ ގުޅިގެން މަސައްކަތްކުރުމަށް ފުރުސަތު ލިބުނުކަމީ ލިބޭ އުފަލެއް ކަމަށެވެ.

"ރާއްޖޭގެ ޕްލާސްޓިކް ރީސައިކްލިންގެ ގާބިލުކަން އިތުރުކޮށް، ސަރަހައްދީ ފެސިލިޓީތަކަށް އެކްސްޕޯޓްކުރުމަށް މަގުފަހިކޮށްދީ، އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަޤްބަލެއް ގާއިމުކޮށް ތިމާވެއްޓަށް ފައިދާހުރި ބަދަލުތަކެއް ގެނެވޭނެކަން ދައްކައިދެމުން،" ޝަރީފު ވިދާޅުވިއެވެ.

މޯޕާގެ ރައީސް އަޙްމަދު މައުމޫން ވިދާޅުވީ މި އެއްބަސްވުމަކީ ގައުމީ ފެންވަރެއްގައި މި ހިންގާ ރީސައިކްލިން މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މި އައު ފެސިލިޓީ ގާއިމުކުރުމުން ގިނަ އަދަދެއްގެ ޕްލާސްޓިކް ބޭނުންތެރި ރޯމެޓީރިއަލްއަށް ބަދަލުކޮށްލެވޭނެ. މި އެހީތެރިކަމުގެ ސަބަބުން ކުނި މެނޭޖްކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށައި، ދެމެހެއްޓެނެވި ހަރުދަނާ ނިޒާމެއް ގާއިމްކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

"އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްގެ ދުރުރާސްތާ އަމާޒުގެ ދަށުން، މި ބީއެމްއެލް އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެއެވެ. މި ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ. އެހެންކަމުން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެއެވެ." ބީއެމްއެލްގެ ބަޔާނެއްގައި ވެއެވެ.

"މި ޕްރޮގްރާމްގެ ދަށުން، ޕާލޭގެ އެއަރ ސްޓްރެޓެޖީއަށް އެހީތެރިވެދީ ޕާލޭ މޯލްޑިވްސްއިން ޖަރުމަނުވިލާތަށާއި، ތައިވާނާއި މެލޭޝިއާއަށް ޕްލާސްޓިކް އެކްސްޕޯޓްކުރުމުގެ މަސައްކަތަށްވެސް ބީ.އެމް.އެލްއިން ވަނީ އެހީތެރިވެފައެވެ."