Support Us

ދިރާގު އެލީޓް ކާޑު ބޮޑު ލަދަކަށް! ލިމިޓް ހަމަވެގެން ހިދުމަތެއް ނުލިބުނު

ދިރާގުގެ މިމަހުގެ ކޯޓާ ހުސްވެއްޖެ ކަމަށް ބުނެ، ދިރާގު އެލީޓް ގޯލްޑް ކާޑު އޮތް ވީ.އައި.ޕީ ގްރޫޕަކަށްް، ވީ.އައި.އޭގެ މޫނިމާ ލައުންޖުން ހިދުމަތް ނުލިބޭނެކަން އަންގައިފިއެވެ.

މިއަދު މެންދުރުފަހު އޮތް ފްލައިޓަކުން އުތުރުގެ ރަށަކަށް ދާން ޑޮމެސްޓިކް ޓާމިނަލުން ޗެކް އިން ކުރުމަށްފަހު، އެ ގްރޫޕުން ބޭނުންވީ، މެންދުރުގެ ކެއުމަށް، ފުރަތަމަ ފަންގިފިލާގައި ހުންނަ މޫނިމާ ލައުންޖަށް ވަންނާށެވެ. އެ ތަނަށް ވަދެ ދިރާގު އެލީޓް ގޯލްޑް ކަސްޓަމަރުން ކަމަށް ބުނުމުން ކައުންޓަރުން ބުނީ "ދިރާގުގެ މި މަހުގެ ލިމިޓް ހަމަވެގެން މި ވަގުތު ތި ކާޑަށް ހިދުމަތް ދެވެން ނެތް" ކަމަށެވެ.

އިތުރަށް މައުލޫމާތު ހޯދުމުން އެނގުނީ ދިރާގު އެލީޓް ގޯލްޑް ކާޑަށް ކޮމްޕްލިމެންޓަރީ ހިދުމަތް މޫނިމާ ލައުންޖުން ދެނީ މަހަކު 50 ފަސިންޖަރުންނަށް ކަމަށާއި އެ އަދަދު މިހާރު ހަމަވެފައިވާ ކަމަށެވެ. އެހެންވެ ގޯލްޑް ކާޑު އޮތަސް ހިދުމަތް ލިބޭނީ ފައިސާ ދައްކައިގެން ކަމަށެވެ. އެހެންކަމުން ބޮލަކަށް 416ރ. ދައްކަންޖެހުނެވެ.

"ދިރާގު އެލީޓް ގޯލްޑް މިވީ ބޮޑު ލަދަކަށް. ހިދުމަތް ނުލިބޭ ކާޑެއް މީ ކީއްކުރާ އެއްޗެއް؟" އެ މީހުން ޝަކުވާކުރިއެވެ.

"މާފުކުރައްވާ! ތީގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތް. ދިރާގުގެ ލިމިޓް ހަމަވެފައި ވަނީ،" ކައުންޓަރުގައި ތިބި ކުދިން ބުނަމުންދިޔައެވެ.

ދިރާގު އެލީޓް ގޯލްޑުން ކޮމްޕްލިމެންޓަރީ ހިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި މޫނިމާ ލައުންޖު ހިމެނެއެވެ.