ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފައިވާ މީޑިއާ އަދި ބްރޯޑްކާސްޓިން ރެގިއުލޭޓްކުރުމުގެ ބިލާ ގުޅިގެން ކަންބޮޑުވުންތައް ފާޅުކުރާ މީހުންގެ އިހުސާސްތަކުން މުޅި މީސްމީޑިއާ ވަނީ ފުރިފައެވެ. ނަމަވެސް މިކަން ދުރުން ބަލަމުންދާ ރައްޔިތުންނަށް މި ކަންތަކުގެ ސަބަބުން އެހާ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން ގެންދަނީ ކޮން ކީއްވެގެން ނޭނގުނަސް، ވެގެން އުޅޭ ކަންތަކާ ބެހޭގޮތުން ހިތުގައި ސުވާލުތަކެއް އުފެދޭނެކަން ޔަޤީނެވެ.
އާންމު ރައްޔިތުމީހާގެ ހިތުގައި މިއަދު ޔަޤީނުންވެސް އުފެދޭނެ އެއް ސުވާލަކީ، ޑިމޮކްރަސީއެއްގައި ނޫސްވެރިކަމަކީ "ހަތަރުވަނަ ބާރު" ކަމުގައި ކިޔަނީ ކީއްވެގެން ހެއްޔެވެ؟ އަނެއް ސުވާލަކީ ދުޅަހެޔޮ ޑިމޮކްރަސީއެއް ދެމެހެއްޓުމުގައި ދުޅަހެޔޮ މީޑިއާއެއްގެ ދައުރަކީ ކޮބައި ހެއްޔެވެ؟ އެންމެ މުހިންމު ސުވާލަކީ އިއްޔެ ވެގެން ދިޔަ ކަންތަކުން ރައްޔިތުމީހާ ކިހާ ވަރަކަށް ކަންބޮޑުވާން ޖެހޭ ހެއްޔެވެ؟
ޑިމޮކްރެޓިކް ވެރިކަމެއް ރާއްޖެއަށް ތައާރަފުވި ދުވަހުން ފެށިގެން އާންމު ރައްޔިތު މީހާއަށް އެނގިފައިވަނީ ޑިމޮކްރަސީ އެކުލެވިގެން ވަނީ މައިގަނޑު ތިން ބާރުގެ މައްޗަށް ކަމަށެވެ. އެއީ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި އަދި ޝަރުޢީ ބާރެވެ. މި ތިން ބާރު ވަކިވެފައި އޮތުމަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް އަސާސެވެ. ވެރިކަން ހިންގުމުގެ ބާރު އޮންނަނީ ސަރުކާރުގެ އިދާރާތަކަށެވެ. ޤާނޫނު ހެދުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. ޝަރުޢީ ބާރު އޮންނަނީ ކޯޓުތަކަށެވެ. މި ތިން ބާރު ވަކިވެފައި އޮތުމުން، އެއް ބާރަކުން އަނެއް ބާރެއްގެ މައްޗަށް ނުފޫޒު ނުފޯރުވައި، އެއް ބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެ ހަމަހަމަކަމާއި އަދުލްއިންސާފު ދެމެހެއްޓެއެވެ. މި ސިސްޓަމުގެ ސަބަބުން އެއްވެސް ބާރަކުން ނަހަމަ ބޭނުން ހިފުން ހުއްޓުވައި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވެއެވެ. މިއަދު ރައްޔިތުމީހާއަށް އަދި މިތިން ބާރު ފިޔަވައި އެހެން ބާރެއް ވާކަމާއި އެބާރަކީ މީޑިއާކަން އެނގިއްޖެއެވެ. ޑިމޮކްރަސީގެ އަސާސު ދެމެހެއްޓުމުގައި މީޑިއާގެ ދައުރު ހަމަ އެހާ ބޮޑު ހެއްޔެވެ؟
ޑިމޮކްރަސީގެ އަސާސްތައް ހިފެހެއްޓުމުގައި މީޑިއާ ކުޅޭ ދައުރު ވަރަށް މުހިންމެވެ. މީޑިއާގެ އެހީގައި ސަރުކާރު ޖަވާބުދާރީކުރުވުމާއި، ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހާމަކަން ބޮޑު މާހައުލެއް ޤާއިމުކުރުން ހިމެނެއެވެ. އެހެން ކަމުން މި މުހިންމު ދައުރު އަދާކުރުމަށް މީޑިއާއަށް ހުރަސްއެޅޭ ގޮތަށް ގާނޫނު ހަދައި ބާރުތަކުން މިންގަނޑުތަކެއް ކަނޑައަޅައިފިނަމަ ގައުމެއްގެ ރައްޔިތުންނަށް ހަގީގަތް ކިޔައިދޭ މައި ދުލުގައި ކަސްތަޅު އަޅުވަނީ ކަމަށް ބެލިދާނެއެވެ.
މިކަމާ ބެހޭ ގޮތުން މީހުންގެ ކަންބޮޑުވުންތަކަށް ނަޒަރު ހިންގައިލުމުގެ ކުރިން މި ބިލް ފާސްކުރަން މަޖިލީހަށް ހުށަހެޅި ސަބަބު ދެނެގަތުން މުހިންމެވެ. ބިލު މަޖިލީހުގެ ތަޅުމަށް ހުށަހެޅި އަމިއްލަ މެމްބަރު ވިދާޅުވާ ގޮތުގައި މި ބިލުގެ މަޤްޞަދަކީ ނޫސްވެރިކަން ހިންގާ ފަރާތްތައް ޖަވާބުދާރީކުރުވުމާއި، ނޫސްވެރިކަމުގައި ގެންގުޅެން ޖެހޭ ފަންނީ މިންގަނޑުތައް ކަނޑައެޅުމެވެ. މިފަދަ މިންގަނޑުތަކެއް ކަނޑައެޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
އިހުޒަމާނުގައި ގައުމެއްގެ މުއައްސަސާތަކަށް އެ ތަންތަނުގެ މަޤްޞަދު ހަނދާންނެތި، އެމީހުން ހިދުމަތް ކޮށްދޭންޖެހޭ ރައްޔިތުންގެ ހައްގުތައް އަދާނުކުރެވޭ ނަމަ އެކަން ރަނގަޅުކުރުމަށް ނުކުންނަނީ ރައްޔިތުން ގޮއްމުށުގެ ބާރުންނެވެ. ނަމަވެސް ދުނިޔެއަށް އައި ތަހުޒީބާއި ތަރައްގީގެ ތިޔާގިކަމުގެ ސަބަބުން މިއަދު އެ މުއައްސަސާތައް ޖަވާބުދާރީ ކުރުވަނީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ މީޑިއާގައި މަސައްކަތްކުރާ މީހުންގެ ގަލަންތަކާއި، ދޫތަކާއި، ބްރޯޑްކާސްޓުކުރާ ސްކްރީނުތަކުން ރައްޔިތުންނަށް ދައްކައިދޭ މަންޒަރުތަކެވެ. މީޑިއާއިން ލިޔެލާ އެއްޗަކުން ކަންތައް އޮޅުން އަރައިފައިވާ ކަންތައްތައް މީހުންނަށް ސާފުވެގެން ދެއެވެ. މީޑިއާ މެދުވެރިކޮށް އިވޭ އެއްޗަކުން ނޭނގޭ ކަންކަމަށް އެމީހުންގެ ސަމާލުކަން ގެނުވައެވެ. މީޑިއާއިން ދައްކައިލައިދޭ މަންޒަރަކުން ގޯސްކޮށް ވާކަމެއް ރަނގަޅުކުރުމަށް އަޑުއުފުލުމަށް ރައްޔިތުން ބާރުވެރިކުރުވައެވެ. މީޑިއާގެ ބާރުގައި ރައްޔިތުން ނިކަމެތި ކޮށްލަމުން ގެންދިޔަ އެތައް ވެރިކަމެއް ވައްޓައިލައިފައި ދުނިޔޭގައި ވެއެވެ.
ޑިމޮކްރަސީއެއް ފުރިހަމަ ވަނީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވެ ޒިންމާދާރުކުރުވައިގެންނެވެ. ވީމާ ޑިމޮކްރަސީގެ އަސާސުތައް ހިފެހެއްޓުމުގައި މިހާ ބޮޑު ބާރެއް ލިބިފައިވާ ފަރާތެއް އެބާރު ބޭނުންކުރަނީ ޒިންމާދާރު ގޮތެއްގައިތޯ ބެލުމަކީ މުހިންމުކަމެކެވެ. ރައްޔިތުންގެ ހިޔާލާއި ފިކުރުގެ މައްޗަށް މިހާ ބޮޑު ބާރެއް ހިންގޭ ފަރާތްތަކުގެ ސުލޫކީ މިންގަނޑުތައް ބަހައްޓަން ޖެހޭނީ އެއްވެސް ފަރުދެއްގެ ހުރުމަތަށް އަރައިނުގަންނަ ގޮތްތަކަކަށެވެ. މީޑިއާއަށް ލިބިފައިވާ ވަސީލަތްތައް ބޭނުން ކޮށްގެން މުޖުތަމައުއަށް ލިބޭ ކުރިއެރުންތަކާ އެއްވަރަށް ގެއްލުން ލިބުމުގެ ފުރުސަތުވެސް ވަރަށް ބޮޑެވެ. އެހެންވެ މިގޮތަށް މީޑިއާއަށް ލިބިފައިވާ ބާރުތައް ވަކި ހުދޫދުތަކެއްގައި ހިފަހައްޓައި ޒިންމާދާރު ކުރުވާނޭ ގާނޫނުތަކެއް ހުރުމަކީ މުހިންމުކަމެކެވެ.
ނަމަވެސް މީޑިއާ ޒިންމާދާރުކުރުވުމާ މީޑިއާގެ ބާރުތައް ކަނޑާލުމާ ދެމެދުގައި ވަނީ ނާޒުކު ރޮއްޖެއްހާ ހަނި ދޭތެރެއެކެވެ. ދުނިޔޭގެ ތާރީހުގައި "މީޑިއާ ޒިންމާދާރުކުރުވުން" ބަހަނާއަކަށް ހަދައިގެން އިހުލާސްތެރިކޮށް ވެރިކަން ނުކުރާ ވެރިން މީޑިއާގެ ބާރުތައް ކަނޑައިލުމަށް އަބަދުވެސް މަސައްކަތް ކުރާކަމީ ހަގީގަތެކެވެ.
މީޑިއާއަކީ އެހެން ހުރިހާ ބާރުތަކުގެ ވަނަވަރު ރައްޔިތުންނާ ހިއްސާކޮށް އެ ފަރާތްތަކުން ރައްޔިތުންގެ ހައްގުތައް އަދާނުކުރެވެންޏާ އެވާހަކަތައް ހާމަކުރާ ފަރާތެވެ. މީޑިއާގެ ޒިންމާ އަދާކުރުމުން މަހުރޫމު ކޮށްލެވިއްޖެނަމަ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގެ ނަމުގައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަން ފުރުސަތު ހުޅުވިގެން ދާނެއެވެ. އަދި އެއިރެއްގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ރައްޔިތުންނަށް ނޭނގި އެތަކެއް ނާޗަރަންގީއެއް ކުޅުމަށް ސަރުކާރަށް ސިއްރު މައިދާންތަކަކަށް ދޮރުހުޅުވިގެން ދާނެއެވެ.
އިއްޔެ މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވިފައިވާ ބިލުގައި މީޑިއާގެ ބާރުތައް ކަނޑުވައިލެވޭ ކަހަލަ މާއްދާތަކެއް ހުރިކަން ފާހަގަ ކުރައްވާ ކަންބޮޑުވުން ފާޅުކުރެއްވި އެއް ބޭފުޅަކީ ވެރިކަން ކުރާ ސަރުކާރުގެ ޕާޓީ މެންބަރު، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާނެވެ. އަޒާން މި މޭރުމުން ވާހަކަ ދެއްކެވީ އޭނާ ނޫސްވެރިއަކަށް އުޅުއްވިއިރުގައި ކުރެވުނު ތަޖުރިބާތަކުގެ މައްޗަށް ބިނާކުރައްވައިގެންނެވެ. އޭނާގެ ވާހަކައިން މި ބިލު މިހާރު އޮތްގޮތަށް ފާސްވެއްޖެނަމަ މީޑިއާގެ އިތުރުން ހިޔާލު ފާޅުކުރުމުގެ އަސާސީ މިނިވަންކަމަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެއެވެ.
އަޒާނުގެ ވާހަކައިން ބިލުގެ އެންމެ ބޮޑު މައްސަލައަކީ ބިލުގެ 66 ވަނަ މާއްދާއެވެ. މި މާއްދާއިން ކޮމިޝަނަށް މީޑިއާއެއްގެ މައްސަލަ ވައްދައި ތަހުގީގު ފެށުމާ އެކުގައި އެ މީޑިއާއެއް ސަސްޕެންޑުކުރުމުގެ ބާރު ކޮމިޝަނަށް ލިބިފައިވެއެވެ. އެންމެ ފަހުގެ ނިންމުން ކޯޓުން ނިންމިޔަސް މީޑިއާއެއްގެ ހިންގުން ހުއްޓުމަކަށް ގެންނަ ހިސާބުން އެތައް ބައިވަރު ގެއްލުމެއް ލިބެއެވެ. އެފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިލަން މުއައްސަސާއަކުން ކުރާ މަސައްކަތެއްގެ ދޮގުތެދު ރައްޔިތުންނަށް ނޭނގި، އޮޅުވައިލުންތަކެއްގައި ރައްޔިތުން ތާށިވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. މި މާއްދާއަކީ ސަރުކާރަކާ އިދިކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަށް ބަދަލު ހިފުމުގެ ރޫހުގައި އެބަޔެއްގެ އަޑު އެއްކޮށް ފޮހެލުމުގެ ބާރު ސަރުކާރަކަށް ލިއްބައިދޭ މާއްދާއެކެވެ.
ކުރީގެ ނޫސްވެރިއެއް ކަމަށްވާ އަޒާން ވިދާޅުވާ ގޮތުގައި އޭނާގެ އަމިއްލަ ތަޖުރިބާއިން ވެސް މިއީ ކަންތައް ވެގެން ދާނޭ ގޮތްކަން އޭނާއަށް އެނގެއެވެ. ކުރީގެ ރައީސަކު ބިންދޫކުރި ގޮތް ތަޙުޤީޤުކުރަން އޭނާ އުޅުމުން އެ ސަރުކާރުން އޭނާއަށް ޓެރަރިޒަމްގެ ދައުވާކުރި ވާހަކަ މަޖިލީހުގައި އޭނާ ހިއްސާކުރިއެވެ. އޭނާގެ ވާހަކައިން މިފަދަ ބިލެއްގެ ސަބަބުން ސަރުކާރަށް މައުލޫމާތު ފޯރުކޮށްދޭ މީހުން ފިއްތަން ބާރުތަކެއް ލިބުނަސް، އެއްވެސް ވެރިކަމެއްގައި މިއަދު ތިބޭ މީހުން މާދަމާ ނުތިބެދާނޭކަން ހަނދާން ބެހެއްޓުމަކީ މުހިންމުކަމެކެވެ. މިގޮތަށް ވާހަކަ ދެއްކެވުމަށް ފަހު ވޯޓަށް ހުޅުވައިލުމުން އަޒާން ވަކި ކޮޅަކަށް ވޯޓެއް ނުދެއްވައެވެ. ނަމަވެސް ބިލް ބަލައިގަނެ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ މެޖޯރިޓީން ވަނީ ނިންމާފައެވެ.
މި ހިކުމަތްތެރި ބަސްތައް މެންބަރު އަޒާންގެ ދުލުން ނުކުތް ކަމުގައި ވިޔަސް މި ހިޔާލަށް ތާއީދުކުރަނީ ހަމައެކަނި އަޒާނެއް ނޫނެވެ. މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި، މީޑިއާ ކައުންސިލާއި، އިދިކޮޅު ޕާޓީތަކުން ވެސް ބުނަމުން ގެންދަނީ މީޑިއާ ރެގިއުލޭޓުކުރުމަށް މިފަދަ ބާރުތަކެއް ސަރުކާރަށް ލިބުމުން ތަޙުޤީޤީ ނޫސްވެރިކަމަށް ހުރަސްއެޅި، މައުލޫމާތު ސެންސަރުކުރުން އިތުރުވާނޭ ކަމަށެވެ.
ދުނިޔޭގެ ފެންވަރުގައި މިގޮތަށް މީޑިއާ ކޮންޓްރޯލުކުރަން މަސައްކަތްކޮށްގެން ނުކުތް އާޚިރު ނަތީޖާ ހިތްދައްޗެވެ. މިފަދަ ބިލްތައް ފާސްކޮށްފައިވަނީ މީޑިއާގެ ކަންތައް ހުދޫދެއްގައި ގެންގުޅުމަށް ނަމަވެސް އެކަން ނިމިގެން ގޮސްފައިވަނީ މީޑިއާތަކުގެ ބާރު ކަނޑުވައިލައި އެ ގައުމެއްގެ ރައްޔިތުންގެ ދުނިޔެ އަނދިރިކަމުގެ ތެރެއަށް ވައްޓައިލައިގެންނެވެ.
މި ގޮތަށް ކަންތައް ވެފައިވާ ގައުމުތަކުގެ ތެރޭގައި:
1. ހަންގޭރީ
ޕްރައިމް މިނިސްޓަރު ވިކްޓަރ އޯބާންގެ ވެރިކަމުގައި 2010 ގައި ހަންގޭރީން މީޑިއާ ޤާނޫނެއް ތަޢާރަފުކޮށް ރެގިއުލޭޓަރީ އޮތޮތޯރިޓީއަކަށް ގޮތް ނިންމުމުގެ ބާރު ލިބުނެވެ. މި ގާނޫނުގެ ދަށުން "ހަމަހަމަކަން ނެތް ގޮތަށް" ރިޕޯޓުކުރާ މީޑިއާތައް ބޮޑުތަނުން ޖޫރިމަނާ ކުރަން ފެށުނެވެ. މި ގާނޫނުގެ ސަބަބުން ހަންގޭރީގެ ގިނަ މީޑިއާތައް ހިންގުމުގެ ބާރު ލިބުނީ ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށެވެ. މިހާރު ހަންގޭރީ ހިމެނެނީ ޔޫރަޕިއަން ޔޫނިއަންގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ދަށް ގައުމުތަކުގެ ތެރޭގައެވެ.
ހަންގޭރީގައި ކަންތައް ވެގެން ދިޔަ ގޮތުން އެނގުނީ ހަމަހަމަކަން ސާބިތުކުރުމުގެ ނަމުގައި ފެށޭ ރެގިއުލޭޝަނެއް ވަކިފަރާތަކަށް ބުރަވެގެން ނިމިގެން ހިނގައިދާނޭ ކަމެވެ.
2. އިންޑިއާ
އިންޑިއާގައި ސަރުކާރުން މައުލޫމާތު ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި ބޭނުން ކުރަން ފެށީ ޑިޖިޓަލް މީޑިއާއާ ބެހޭ ގަވައިދުތަކާ ގައުމަށް ގައްދާރުވުމުގެ ގާނޫނުތަކެވެ. މި ގަވާއިދުތަކާ ގާނޫނުތަކުން ސަރުކާރަށް ލިބޭ ބާރުތައް ބޭނުން ކޮށްގެން ނޫސްވެރިންގެ ގެތަކަށް ވަދެ، ނޫސްވެރިންގެ ލައިސަންސް ބާތިލުކޮށް "ގައުމާ ދެކޮޅަށް ހަރަކާތް" ކުރި ކަމުގެ ތުހުމަތުގައި މީހުންނަށް ދައުވާކުރުން ވަނީ އާންމު ވެފައެވެ.
އިންޑިއާގައި މިކަން ހިނގާ ދިޔަގޮތުން މީޑިއާ ޤާނޫނުތައް ހަދާ އިރުގައި ސާފު، ސަރީހަ އިބާރާތް ބޭނުން ނުކޮށް ހުރެއްޖެނަމަ އެ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ގާނޫނު ފުޅާކޮށް މާނަކުރުމުގެ ބާރު ލިބިގެން ދެއެވެ. އެކި ގޮތްގޮތަށް މާނަ ކުރެވޭ ބަސް ބޭނުންކޮށްގެން ހަދާ ގާނޫނެއް ބޭނުން ކޮށްގެން ފާޑުކިޔާ ފަރާތްތަކުގެ އަނގަބަންދުކުރެވިދާނޭ ކަމުގެ ބިރަކީ އޮތް އެއްޗެއްކަން ގަބޫލުކުރަން ޖެހެއެވެ.
3. ތުރުކީ
ތުރުކީގައި 2016 އަހަރު ހިނގި ބަގާވާތަށް ފަހު ކުއްލިއަކަށް ފާސްކުރި ޓެރަރިޒަމްއާ ދެކޮޅު ގާނޫނުތަކެއް ބޭނުން ކޮށްގެން 150 އަށް ވުރެ ގިނަ މީޑިއާ ބަންދުކޮށް އެތައް ނޫސްވެރިންނެއް ހައްޔަރުކުރިއެވެ. ކިތަންމެ ކުޑަކޮށް ސަރުކާރަށް ފާޑުކިޔުންވެސް ބަންދަށް ލެވޭ ސަބަބަކަށް ވިއެވެ. މިއަދުވެސް ތުރުކީގެ މިނިވަންކަން ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައެވެ. ކުއްލި ހާލަތެއްގައި މީޑިއާ ކޮންޓްރޯލުކުރަން ދެވޭ ބާރެއް ވެސް އެ ހާލަތު ނިމުމަށްފަހުގައިވެސް ދެމިގެން ދާކަން މީގެން އެނގެއެވެ.
ސުވާލަކީ ރާއްޖޭގައި ވެސް ކަންވެގެން ދާނީ މިހެން ބާއެވެ؟
ރާއްޖޭގައި މީޑިއާގެ ގާނޫނުން ނޫސްވެރިންނަށް ދޭ މިނިވަންކަން ނިގުޅައިގަނެވޭން ނެތްނަމަވެސް ވޭތުވެދިޔަ ސަރުކާރުތަކުން ގާނޫނުގައި ހުއްދަކުރެވިފައިވާ މިންވަރު ނަހަމަ ގޮތުގައި ބޭނުންކޮށް ނޫސްވެރިކަމަށް ހުރަސްއެޅޭ ޒާތުގެ ބޮޑެތި އަމަލުތައް ވަނީ މިހާތަނަށް ހިންގާފައެވެ. މާޒީގެ މިފަދަ ހިތި ތަޖުރިބާތަކުން ފިލާވަޅުތަކެއް އުނގެނިފައިވާ މި ގައުމަށް އަލުން މީޑިއާގެ ވަސީލަތްތައް ހުއްޓުވަން ބޭނުންކުރެވޭނޭ ފަދަ ބާރުތަކެއް ލިބޭ ގާނޫނުތަކެއް ފާސްވުމަކީ ގައުމުގެ ތަރައްގީއަށް އިދިކޮޅަށް ހިނގަން ފެށުން ކަހަލަ ކަމެކެވެ.
މެންބަރު އަޒާން ފާހަގަކުރި ފަދައިން، މިއަދު ހެދޭ ޤާނޫނެއް މާދަމާ އެހެން ސަރުކާރަކުން ނަހަމަ ގޮތުގައި ބޭނުންކޮށްފާނެއެވެ. ބިލުގައި ބޭނުންކޮށްފައިވާ ފުޅާ މާނަ ދޭހަވާ ފަދަ އިބާރާތްތައް، ޚާއްޞަކޮށް ޤައުމީ ސަލާމަތާއި "އާންމު ނިޒާމަށް" ނުރައްކާވާ ކަންކަމާ ގުޅޭ ބައިތަކަކީ ނޫސްވެރިކަމުގެ މިނިވަންކަން ނަގައިލައި ސަރުކާރާ ދެކޮޅު ހިޔާލުތައް ހުއްޓުވުމަށް ބޭނުންކުރެވިދާނޭ ހަތިޔާރަކަށް ވުން ވަރަށް ގާތެވެ.
ކޮމިޓީއަށް ލައިފައިވާ ބިލާ ބެހޭގޮތުން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަނަމަވެސް ނޫސްވެރިންނާއި އެހެން ފަރާތްތަކުންވެސް މީޑިއާ ކޮންމެވެސް ވަރަކަށް ރެގިއުލޭޓު ކުރަން ޖެހޭކަމަށް ގަބޫލުކުރެއެވެ. ސަބަބަކީ މީޑިއާއަށް ލިބިފައިވާ ބާރު ބޭނުންކޮށްގެން މީހުންގެ އަބުރާބެހުމާއި، ދޮގު ހަބަރު ފެތުރުމާއި، ޒިންމާދާރުނޫން ގޮތްގޮތަށް ކަންކަން ރިޕޯޓުކުރުމުން އާންމުންގެ މެދުގައި ހަމަނުޖެހުން އުފެދި، އިޖްތިމާއީ ފޭރާން ވީދި، ރައްޔިތުންނަށް މީޑިއާއަށް އޮންނަ އިތުބާރު ގެއްލި، ފަރުދުންނަށް ފޫނުބެދޭ ކަހަލަ ގެއްލުން ލިބުން މުސްތަގުބަލުގައި ހުއްޓުވުމަށެވެ.
ނަމަވެސް މީޑިއާ ފަދަ ބޮޑު ބާރެއް ކޮންޓްރޯލްކުރަން ހެދޭ ގާނޫނު ހެދެން ޖެހޭނީ އެ ބާރަށް އިހްތިރާމްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިންނެވެ. މިހާރު ކޮމިޓީއަށް ވެއްދި ބިލާ މެދުގައި އުފެދިފައިވާ އެންމެ ބޮޑު އެއް ޝަކުވާއަކީ އެ ބިލް އެކުލަވައިލުމުގައި ނޫސްވެރިންގެ މަޝްވަރާ ހޯދައިފައި ނުވާކަމެވެ. އަދި ގާނޫނު ތަންފީޒުކުރުމަށް ކުރަން ޖެހޭ ކަންތައް ގެންދާނޭ އިޖުރާއާތުތަކެއް ކަނޑައެޅިފައި ނުވުމެވެ. މި ބިލް އެކުލަވައިލުމުގައި ސަރުކާރުގެ ގުޅުން ނެތް މުސްތަގިއްލު ފަރާތްތަކާ މުރާޖައާކުރެވިފައި ވީނަމަ އެއީ ކޮންބަޔެއް ކަމާއި އެކުލަވައިލެވުނު ގާނޫނަށް އެބޭފުޅުންގެ ވިސްނުން ހިމެނުނުކަން އެނގޭކަށް ނެތެވެ. ޑިމޮކްރަސީގެ ޅަފަތް ކަނޑަތުކުރަމުން ދާ މި ގައުމުގައި މި ފަދަ ގާނޫނެއް ތަސްދީގުކުރަން ވިސްނާނަމަ ޑިމޮކްރަސީގެ އަސާސު ނުގެއްލޭނޭހެން އާންމުންގެ ބެލުމުގެ ދަށުން އޮޑިޓް ކުރެވޭ އެއްޗަކަށް މި ގާނޫނުވުމަކީ މުހިންމު ކަމެކެވެ.
މިފަދަ މުހިންމު ބިލެއް ފާސްކުރާއިރު މަތީގައިވާ ކަންތައް ރަނގަޅަށް ވެފައި ހުރުމަކީ ގައުމުގެ މިނިވަންކަން ސައްހަގޮތެއްގައި ދެމެހެއްޓުމަށް މުހިންމުކަމެކެވެ. އެހެން ކަމުން މި ބިލުގައި ވާ މާއްދާތައް ނަހަމަގޮތުގައި ބޭނުން ކޮށްގެން ހަތަރުވަނަ ބާރުގެ ބާރު ކަނޑުވައިލަން މަސައްކަތް ނުކުރެވޭނޭހެން މި މާއްދާތައް އަލުން ގާނޫނީ މާހިރުންނާއި، މީޑިއާތަކާއި، ޑިމޮކްރަސީ ދެމެހެއްޓުމުގައި ބޮޑު ރޯލެއް ކުޅޭ މަދަނީ ޖަމިއްޔާތަކާ މަޝްވަރާކުރަން ގޮވައިލައި އަޑު އުފުލުމަކީ ޑިމޮކްރަސީގެ އަސާސްތަކަށް ތާއީދުކުރާ ހުރިހާ ފަރުދުންގެ މައްޗަށް އޮތް ޒިންމާއެކޭ ބުނަމަކީ ދޮގަކަށް ނުވާނެއެވެ. ގިނަ ފަރާތްތަކާ މަޝްވަރާކޮށްގެން ހެދޭ ބިލަކުން މީޑިއާގެ ޒިންމާދާރުކަން ކުޑަކަމުން މުޖުތަމައުއަށް ލިބިދާނޭ ގެއްލުންތައް ކުޑަވެ، ނޫސްވެރިކަމުގެ މިނިވަންކަމަށް އުނިކަމެއް ނާންނާނޭ ގޮތަށް މީޑިއާ ރެގިއުލޭޓުކުރާ ގާނޫނު ހެދުން ކަށަވަރުކުރެވޭނެއެވެ.
މިކަމަކީ އޭގެ ޒާތުގައި ގޮންޖެހުންތަކެއް ކުރިމަތިވާނޭ މަރުހަލާއެއް ނަމަވެސް މި ގާނޫނު ރަނގަޅުގޮތުގައި އެކުލަވާލެވިއްޖެނަމަ ފެންވަރު ރަނގަޅު ނޫސްވެރިކަމަށް މަގުފަހިވެގެން ދާނޭ ކަމީ ކަށަވަރުކަމެކެވެ. އިޚްލާޞްތެރި ސަރުކާރެއްގެ މައިމަގުސަދަކަށް ވާން ޖެހޭނީ ހައްގު ގޮތުގައި މީޑިއާ ޖަވާބުދާރީކުރުވައި، މިނިވަންކަން މަތީގައި ފަންނުވެރިންނަށް ބިރެއްނެތި މަސައްކަތް ކުރެވޭނޭ މާހައުލެއް ގާއިމުކޮށްދިނުމެވެ. އެފަދަ ސަރުކާރަކުން އެކުލަވައިލައި ފާސްކުރާ ބިލެއް ހިމާޔަތްކުރާނީ ހަމައެކަނި މިއަދުގެ ސިޔާސަތެއް ނޫނެވެ. މާދަމާގެ ޑިމޮކްރަސީވެސް މެއެވެ.
