Support Us

ބޮޑުތަކުރުފާނު އުތުރުގެ 4 އަތޮޅު މިނިވަންކުރެއްވި ޚާއްޞަ އޮޕަރޭޝަން

އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ ބޮޑުތަކުރުފާނު ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ތާރީޚީ ޖިހާދުގައި ޕޯޗްގީޒުންގެ އަތްދަށުން މާލެ މިނިވަންކުރެއްވުމުގެ ކުރިން ދިވެހިރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު ވަނީ މިނިވަންކުރައްވާފައެވެ. މިއީ މާލެ ފަތަޙަކުރެއްވުމުގެ ކުރިން ކުރިއަށް ގެންދެވި ވަރަށް ވަރުގަދަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ފަތަޙަކުރެއްވީ ތިލަދުންމައްޗާއި މިލަދުންމަޑުލާއި މާޅޮސްމަޑުލާއި ފާދިއްޕޮޅެވެ.

މިހާރުގެ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) އާއި ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) އަކީ އޭރު އެއް އަތޮޅެއްގެ ގޮތުގައި އޮތް ތިލަދުންމައްޗެވެ. މިހާރުގެ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) އާއި ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި) އަކީ ވެސް އޭރު އެއް އަތޮޅެކެވެ. އެއީ މިލަދުންމަޑުލެވެ. ހަމަ މިގޮތަށް މިހާރުގެ ރ. އަތޮޅު (މާޅޮސްމަޑުލު އުތުރުބުރި) އާއި ބ. އަތޮޅު (މާޅޮސްމަޑުލު ދެކުނުބުރި) ވެސް އޮންނަނީ އެއް އަތޮޅެއްގެ ގޮތުގައެވެ. އެއީ މާޅޮސްމަޑުލެކެވެ.

ޕޯޗްގީޒުންގެ އަތްދަށުން މާލޭން އުތުރުގެ ހަތަރު އަތޮޅު މިނިވަންކުރެއްވުމަށް ބޮޑުތަކުރުފާނު ކުރިއަށް ގެންދެވި އޮޕަރޭޝަންނަކީ ބޮޑުތަކުރުފާނުގެ ޖިހާދުގައި ވަރަށް މުހިންމު ބައެކެވެ. ބުރާރަ މުޙައްމަދު ފުޅު ކިޔުއްވިގޮތަށް ލިޔުއްވާފައިވާ ބޮޑުތަކުރުފާނުގެ ވާހަކައިގައި އޮންނަނީ އެ އަތޮޅުތައް "އިސްލާމް ކުރެއްވި" ކަމަށެވެ. ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށް ވެސް މި ވާހަކައިގައި އޮންނަނީ ދިވެހިރާއްޖެ އިސްލާމްކުރެއްވުންކަމުގައި ވާތީ ބޮޑުތަކުރުފާނުގެ މި ޚާއްޞަ އޮޕަރޭޝަންއަކީ ދީނާއި ޤައުމުގެ ޢަދުއްވުންގެ ކިބައިން މި އަތޮޅުތަކާއި މި ރާއްޖެ މިނިވަންކުރައްވައި ސަލާމަތްކުރެއްވުންކަން އެނގެއެވެ.

ބޮޑުތަކުރުފާނާއި ކަޅުއޮށްފުންމީގެ ފަހުލަވާނުން މި ޚާއްޞަ އޮޕަރޭޝަން ފެށްޓެވީ ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެންނެވުމަށް ފަހުގައެވެ. އެންމެ ފުރަތަމަ ހަމަޖެއްސެވީ މެދުނުކެނޑި އެއްވާނެއްގައި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ކުރިމަތިވެދާނެ ހުރިހާ ގޮންޖެހުންތަކެއް ހައްލުކުރައްވާނެ ގޮތްތަކެކެވެ. މިގޮތުން އެންމެ ބޮޑު ކަމަކަށް ކުރެއްވި ކަމަކީ ކަޅުއޮށްފުންމީގެ ރިޔަލުގެ މައްސަލަ ހައްލުކުރެއްވުމެވެ. އޭރަކީ ފަންރިޔަލުގެ ޒަމާނެވެ. ފަންރިޔަލަކީ ފަނުންވިޔެ ފަހަންޖެހޭ އެއްޗެކެވެ. އަދި ފަންރިޔާ ވިޔެ، ފެހުމަކީ ކޮންމެކޮންމެ މީހަކު ކުރަން ދަންނަ ކަމެއްވެސް ނޫނެވެ. އެކަމުގެ ހުނަރުވެރި ފަންނުވެރި ބަޔަކު ވަރަށް އިޚްލާޞްތެރިކަމާއެކު ކޮށްދީގެންނޫނީ ބޮޑުތަކުރުފާނު ބޭނުންފުޅުވާގޮތަށް މި އޮޕަރޭޝަން ކުރިއަށް ގެންދެވޭކަށް ނެތެވެ. ފަންރިޔަލުގައި ރެއާއި ދުވާލު ވާރެއާއި އަވީގައި އަބަދު ކަނޑުމަތީގައި ހޭދަކުރާނަމަ ފަންރިޔާ ބަޔެއް ހަފުތާއެއްގެ ތެރޭގައި ބާވާނެތީ އެންމެ ފުރަތަމަ ހައްލުކުރެއްވީ އެކަމެވެ.

ތިލަދުންމަތީ ދޮނަކުޅިއަށް ވަޑައިގެން ދޮނަކުޅީ ދޮން ރައިވެރިބެއާ ވާހަކަ ދައްކަވައިގެން ރައިވެރިބެއާއި އޭނާގެ އާއިލާ އެ އަތޮޅު ދިއްދޫއަށް ބަދަލުކުރެއްވިއެވެ. އޭރު ފަޅުރަށެއްގެ ގޮތުގައި އޮތް ދިއްދޫއަކީ ރިޔާ ފަހާ މަރުކަޒުކަމުގައި ހެއްދެވިއެވެ. އެއަށްފަހު މިލަދުންމަޑުލު މަރޮށްޓަށް ވަޑައިގެން އެ ރަށު ރައިވެރިބެއާ ވާހަކަ ދެއްކެވިއެވެ. ކޮންމެ ހަފުތާއަކު ރިޔާބައެއް ވިޔެގެން ދޮނަކުޅީ ރައިވެރިބޭ މަރޮށްޓަށް ގެނެސްދިނުމުން ކޮންމެ އަށްޑުވަހަކުން ރިޔާބައެއް މަރޮށީ ރައިވެރިބޭ ފަހައިނިންމައި ކަނިމައްޗަށް ލައިދޭގޮތަށް އިންތިޒާމުކުރެއްވިއެވެ. ބޮޑުތަކުރުފާނު ކޮންމެ އަށްޑުވަހަކުން ބާ ރިޔާބައި ކަނިމަތީގައި ބާއްވަވާފައި އާ ރިޔާބައި ހިއްޕަވައިގެން ވަޑައިގަންނަވައެވެ. ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު ފަތަޙަކުރުމުގެ މި ޚާއްޞަ އޮޕަރޭޝަން ކުރިއަށް ގެންދެވީ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ތަރުތީބުކުރައްވައި ޕްލޭންކުރައްވައިގެންނެވެ.

މި އޮޕަރޭޝަން ފެށްޓެވިއިރު ޢަލީ ތަކުރުފާނުގެ އަނބިކަނބަލުންނާއި އާއިލާގެ ބޭފުޅުން ފިޔަވައި އެހެން ހުރިހާ ބޭފުޅުން ތިއްބެވީ ކަންނަންނޫރު އަލީ ރާޖާގެ ބާރުގެ ދަށުގައި އޮތް މަލިކަށް ބަދަލުކުރައްވާފައެވެ. ޖިހާދުގެ އޮޑި، "ކަޅުއޮށްފުންމި" އަށް ބޭނުންވާ ކާބޯތަކެތި އާންމުކޮށް ލައްވަނީ މަލިކުންނެވެ. ކަޅުއޮށްފުންމީގެ ފަހުލަވާނުން މި އޮޕަރޭޝަނާ ކުރިމަތިލެއްވީ މަލިކަށް ވަޑައިގެން "ކޮއްތު ބޯފެނާއި ދަރުލައްވައިގެން" ނެވެ. އޮޕަރޭޝަނަށް ރާއްޖެ ވެންނެވީ އާންމުކޮށް ކަޅުއޮށްފުންމީގެ ފަހުލަވާނުން ރާއްޖެ ވަދެވަޑައިގަންނަވާ ކަނޑުއޮޅިންނެވެ. އެއީ ތިލަދުންމަތީ ކަނަމަނައާއި ނާގޯއްޓާ ދޭތެރެއިންނެވެ. އެންމެ ފުރަތަމަ ދިމާކުރެއްވީ ތިލަދުންމަތި ފަތަޙަ ކުރެއްވުމަށެވެ.

ރާއްޖެ މަތީގައި ދެއަތަށް އޮޑި ދުއްވަވަން ހުންނަވާފައި ރޭގަނޑު އެއްދަން ހުސްވުމުން އެކި ރޭ އެކި ރަށަށް ކުއްލިއަކަށް އަރުއްވައި އެ ރަށްރަށުގައި ތިބޭ ދުޝްމަނުންނަށް ހަމަލާ ދެއްވަމުން ގެންދެވިއެވެ. އެންމެ ފުރަތަމަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެއްވީ އޭރަކު އެ ބޭފުޅުން އަތުގައި ޖެހުނު އެއްޗެކެވެ. ދުޝްމަނުންނަށް ހަމަލާދެއްވުމަށް އާންމުކޮށް ބޭނުންކުރެއްވި އެކައްޗަކީ ކަޅުއޮށްފުންމީގެ ފަނާ ދަނޑިއެވެ. ދުޝްމަނުން މަރައި އަދި ދުޝްމަނުން އެ ރަށްރަށުން ފަހައި ރަށަކަށްފަހު ރަށެއްގައި އަމަން ގާއިމުކުރައްވަމުން ގެންދެވިއެވެ. ރައްޔިތުންނަށް ނަސޭހަތް ދެއްވައި އެ ބޭފުޅުންގެ މަގުސަދު ހާމަކޮށްދެއްވައި އިސްލާމްދީނުގައި ސާބިތުވެ ތިބުމަށް ހިތްވަރުދެއްވަމުން ވަޑައިގެންނެވިއެވެ. އެހެންކަމުން މިއިން ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ވެގެންދިޔައީ ބޮޑުތަކުރުފާނުގެ ޖިހާދަށް ނަޞްރުދިން ބަޔަކަށެވެ. އެކަމަށް ހެޔޮދުޢާކޮށް، އެހީތެރިވެ އެއްބާރުލުންދިން ބަޔަކަށެވެ.

ބޮޑުތަކުރުފާނާއި ކަޅުއޮށްފުންމީގެ ފަހުލަވާނުން ތިލަދުންމަތީން 33 ރަށް ފަތަޙަ ކުރެއްވިއެވެ. މި ރަށްތައް ހިއްޕެވުމަށް ހަތަރު މަހާއި 15 ދުވަސް ހޭދަކުރެއްވިއެވެ. ތިލަދުންމަތީގައި ތިބި ޕޯޗުގީޒުންނާ ދެކޮޅަށް ބޮޑުތަކުރުފާނު ޖިހާދު ކުރައްވަން ފެށްޓެވުމުން މި ވާހަކަ އަނދިރިއަނދިރިން އިންޑިއާގެ ގޯވާގައި ތިބި ޕޯޗްގީޒުންނަށް ލިޔުނެވެ. އެފަހަރު ޕޯޗްގީޒުންގެ އިތުރު ސިފައިން ފޮނުވުމުގެ ބަދަލުގައި ޕޯޗުގީޒުން ހޯދީ ކުލީ ސިފައިންގެ ގޮތުގައި ކަންނަންނޫރުގެ ކަނޑުފޭރޭ ހަތް ގުރާބެވެ. މި ހަތް ގުރާބުގެ މީހުން ކީ އުޖޫރައެއް ދީގެން ވެސް ޕޯޗްގީޒުން ބޭނުންވީ އުތީމު ތިންބެއިން ހިފާ ހައްޔަރުކޮށް ނުވަތަ ޝަހީދުކޮށްލައިގެން ނަމަވެސް އެ ބޭފުޅުންގެ ޖިހާދު ހުއްޓުވާށެވެ. ކަންނަންނޫރުގެ ހަތް ގުރާބުގެ މީހުން ކަޅުއޮށްފުންމީގެ ފަހުލަވާނުން އަތުލައިގަތުމަށް ކުރި މަސައްކަތުގައި ޢަލީ ތަކުރުފާނު ތިލަދުންމަތީ ތަކަންދޫގައި ޝަހީދުކޮށްލިއެވެ. އެކަން ސާބިތުކޮށްދިނުމަށް ޢަލީ ތަކުރުފާނުގެ އިސްތަށިފުޅު ހަށިގަނޑުން ވަކިކޮށްލައިގެން އަނދިރިއަނދިރިންގެ ދަރުބާރަށް ގެނައެވެ.

ތިލަދުންމައްޗަށް ފަހު ކަޅުއޮށްފުންމި މިސްރާބު ޖެހީ މިލަދުންމަޑުލަށެވެ. ބޮޑުތަކުރުފާނު މިލަދުންމަޑުލުން 40 ރަށް ފަތަޙަ ކުރެއްވިއެވެ. އެ ރަށްތަކުގެ ތެރޭގައި ވާހަކައިގައި އޮންނަނީ "ފޭދޫ، ފޯކައިދޫ، ފީވައް، ނަރުދޫ، ރިނބުދޫ، ކަނޑޫދޫ، މަޑިދޫ، ކުރެންދޫ، މަގޫދޫ، ޅައިމަގު، ފިރުބައިދޫ، މާއުނގޫދޫ، ދެޅައިމެންދޫ، އެރިޔަދޫ، އެކަސްދޫ، ކަލައިދޫ، ބޮމަސްދޫ، ބުރެހިފަސްދޫ، ކަފަކޮމަންޑޫ، ހެނބަދޫ، ކުޅުދޫ، ކެނދިކޮޅު، ތޮޅެންދޫ، މާޅެންދޫ، ލަންދޫ، މާފަރު، މިލަދޫ، މަނަދޫ، ކޮޅުދޫ، މަގޫދޫ، ފޮއްދޫ، ގޮއިކަނޑިތީމު، ބިލެއްފަހި، ކުރަދިވަރު، ކުޑަފަރި، މަރޮށި، ދޮނައެރިކަނޑޫދޫ، ކޮމަންޑޫ" އެވެ. މި ރަށްތަކުގެ ތެރެއިން ރިނބުދޫއަކީ ށ. އަތޮޅު ނަރުރިނބުދޫއެވެ. ކުރެންދޫއަކީ ށ. އަތޮޅު މަޑިކުރެއްދޫ އެވެ. ދެޅައިމެންދޫއަކީ ށ. އަތޮޅު ކުޑަޅައިމެންދޫ އާއި ނ.އަތޮޅު ބޮޑުޅައިމެންދޫއެވެ. މަގޫދޫ ދެފަހަރަށް އެއޮތީ ށ. އަތޮޅު މިގޫދޫއާއި ނ. އަތޮޅު މަގޫދޫކަމަށް ބެލެވެއެވެ. އަދި ލިޔުމުގައި ކޮޅުދޫ އޮތަސް އެއީ ނ. އަތޮޅު ހޮޅުދޫކަމަށް ގަބޫލުކުރެވެއެވެ. މިހާރު އެއް ރަށެއްގެ ގޮތުގައި އޮތަސް ނ. އަތޮޅުގެ ކުޅުދޫއާއި ކެނދިކޮޅަކީ އޭރު ދެ ރަށްކަން މި ވާހަކައިން އެނގެއެވެ.

ބޮޑުތަކުރުފާނު މިލަދުންމަޑުލު ފަތަޙަކުރެއްވީ ފަސް މަސްދުވަހުންނެވެ. މިލަދުން މަޑުލު ފަތަޙަކުރެއްވުމަށްފަހު ދެން މިސްރާބު ޖެއްސެވީ މާޅޮސްމަޑުލަށެވެ. މާޅޮސްމަޑުލުގެ މިނިވަންކުރެއްވުމުގެ މަސައްކަތުގައި އެކިރޭ އެކި ރަށަށް އަރުވަމުން ގެންދެވިއެވެ. އޭރު ޕޯޗުގީޒުންގެ ބާރު ވެސް އޮތީ ވަރުގަދަ ކޮށްފައެވެ. ބޮޑުތަކުރުފާނުގެ ޖިހާދުގައި މާޅޮސްމަޑުލު މިނިވަންކުރެއްވުމުގެ ތެރޭގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާ އެކު ބޭރުގެ އަސްކަރީ އެހީ ހޯއްދެވުމަށް ނިންމެވިއެވެ. މިގޮތުން ކަންނަންނޫރު އަލީރާޖާގެ އެހީ ހޯއްދަވަން ކަންނަންނޫރަށް ވަޑައިގެންނެވިއެވެ. އެކަމުގެ އުޖޫރައަކަށް ކަންނަންނޫރު އަލީރާޖާއަށް ދެއްވަން އެއްބަސްވެވަޑައިގަތީ ކާށިއޮޑިއަކާއި މަސްއޮޑިއެކެވެ. ބޮޑުތަކުރުފާނު މާޅޮސްމަޑުލު މިނިވަންކުރެއްވީ ހަތަރު މަސް ދުވަހުންނެވެ.

މާޅޮސްމަޑުލު މިނިވަންކުރުމަށްފަހު ކަޅުއޮށްފުންމީގެ ފަހުލަވާނުން މިސްރާބުޖެހީ ފާދިއްޕޮޅަށެވެ. ފާދިއްޕޮޅުގެ ހަ ރަށް ބޮޑުތަކުރުފާނު މިނިވަންކުރެއްވީ 15 ދުވަހުންނެވެ. އެއީ މާފުލާފުށްޓާއި، ކުރެންދޫއާއި، އޮޅުވެލިފުށްޓާއި ނައިފަރާއި ހިންނަވަރާއި ދިއްދޫއެވެ. އޭރު އޮތީ މާލޭން އުތުރުގެ ހަތަރު އަތޮޅު އުތީމު ދެބޭން މިނިވަންކުރެއްވި ޚަބަރު މާލެއަށް ފޯރާފައެވެ. ޕޯޗްގީޒުން އެންމެ ގަދަކޮށްގެން ތިބި ރާއްޖޭގެ އުތުރުގެ ރަށްތައް މިނިވަންކުރެއްވުމުން ޕޯޗްގީޒުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ދުޝްމަނުންނަށް އެންމެ ބޮޑަށް ދިމާވި މައްސަލައަކީ ގޯވާއިން މާލެއަށް ހަތިޔާރާއި ސިފައިންނާއެކު އަންނަ ޕޯޗްގީޒުންގެ ގުރާބުތަކަށް ވެސް ކަނޑުމަތީން ހުރަސްއަޅަމުންދިއުމެވެ. އެހެންކަމުން ބޮޑުތަކުރުފާނު އުތުރުގެ ހަތަރު އަތޮޅު މިނިވަންކުރެއްވިއިރު ޕޯޗްގީޒުން ތިބީ ފާޑަކަށް މާލޭގައި ރަށު ބަންދުވެފައެވެ. ގޮތް ހުސްވެފައެވެ. ދިވެހީން ގަދަބަދަވިކަމުން އިސްލާމްދީނުން ބޭރުކުރުމަށާއި ދީން ދޫނުކޮށްފި މީހަކުވިއްޔާ ކަރަށް ރާއަޅައި ޝަހީދުކުރުމަށް ޕޯޗްގީޒުން ނިންމީ އެ ދަނޑިވަޅުގައެވެ. އޭރު މާލޭ ރައްޔިތުންނަށް ވެސް ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ ޚަބަރުތައް އޮތީ ލިބިފައެވެ. މާލޭ ރައްޔިތުން އުންމީދުކުރަމުން އައީ ކަޅުއޮށްފުންމީގެ ފަހުލަވާނުން މާލެ އަރާނެ ވަގުތަކަށެވެ.

ބޮޑުތަކުރުފާނު މާލެ އަރުވައި އަނދިރިއަނދިރިންގެ ކިއްލާއަށް ހަމަލާދެއްވައި "ދިވެހިރާއްޖެ އިސްލާމް ކުރެއްވިއިރު" (ދިވެހިރާއްޖެ މިނިވަންކޮށްދެއްވިއިރު) ދިވެހިރާއްޖޭގެ ބައެއް ރަށްރަށް ފަތަޙައެއް ނުކުރެއްވެއެވެ. އެ ރަށްރަށް ހުރީ ނުކިޔަމަންތެރި ރަށްތަކެއްގެ ގޮތުގައެވެ. އެހެންކަމުން އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށްފަހު ރަސްކަމާ ހަވާލުވެވަޑައިގެން ދިވެހި ލަޝްކަރު އެކުލަވައިލައްވާ އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ނުކިޔަމަންތެރިވީ ރަށްރަށުގެ މީހުންގެ މައްސަލަ ހަމަޖެއްސެވުމަށް ދިވެހި ލަޝްކަރު އެ ރަށްރަށަށް ފޮނުއްވުމެވެ. މިގޮތުން މާލޭން އުތުރަށް ފޮނުއްވީ އަސްކަރުންނެވެ. އަސްކަރުން ގޮސް ސުލުހަ ޤާއިމުކުރެއްވި ރަށްރަށް ޣާޒީ ރަދުންވަނީ އަސްކަރުންނަށް ދެއްވާފައެވެ. އެ ރަށްރަށުން ލިބޭ ވާރު ނުވަތަ އާމުދަނީ ވަނީ އަސްކަރުންނަށް މިހާރުގެ ގޮތުންނަށް ސިފައިންނަށް ލިބޭގޮތަށް ހަމަޖައްސަވައިދެއްވާފައެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *