ބޭންކް އޮފް މޯލްޑިވްސްގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ހާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފިއެވެ.
މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މި މަޝްރޫއުގެ ދަށުން މި ކްލާސް ތައްޔާރުކޮށްފައި ވަނީ ދަރިވަރުންގެ ގާބިލުކަން އިތުރުކުރުމާއި، އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެން ކަމަށް. ބީ.އެމް.އެލް އިން ބުނެއެވެ.
"އަދި ވޭމަންޑޫ ސްކޫލްގެ އަމާޒަކީ މި ކްލާހުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކެއްކުމާއި ފެހުން ފަދަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްރޫމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށެވެ." ބީ.އެމް.އެލްގެ ބަޔާނެއްގައި ބުނެއެވެ.
ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ރައީސް އަޙްމަދު ޝައުގަތު ވިދާޅުވީ މި މަޝްރޫއުގެ މަޤްސަދަކީ އުގެނުމުގައި ހާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްޞަކުރެވޭ ކުލާހަކުން ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ.
"މި ކްލާސް އިމާރާތްކުރުމުގައި ސްކޫލް އިން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރަން. އަދި މި ފުރުސަތުގައި ބޭންކް އޮފް މޯލްޑިވްސްއަށް ހިތުގެ ފުންމިނުން އަޅުގަނޑާއި ވޭމަންޑޫގެ ރައްޔިތުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މިޖަމިއްޔާގެ މެންބަރުންނަށާއި އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށާއި މިޕްރޮޖެކްޓް މަސައްކަތްތައް މިހާފުރިހަމަޔަށް އަދި މިހާ އަވަހަށް ނިންމަވާދެއްވީތީވެ ކޮންޓްރެކްޓަރ އަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން."
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ވަނީ ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފައެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ޞަލާޙުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްގީ ކޮށްފައި ވެއެވެ. މި ދެ މަޝްރޫއިން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދީފައި ވެއެވެ.
ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ބީ.އެމް.އެލް އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައެވެ.



advertisment

