Support Us

ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގެ މުއްދަތު

އުތީމު މަހާރަދުން ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) އާއި ކަޅުއޮށްފުންމީގެ މުޖާހިދުން ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށް ކުރެއްވި ހިތްވަރުގަދަ ޖިހާދު ދިގުދެމިގެން ދިޔަ މުއްދަތަކީ ކޮބައިހެއްޔެވެ؟

ބޮޑުތަކުރުފާނުގެ ޖިހާދުގެ މުއްދަތާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި އޮންނަނީ ބޮޑުތަކުރުފާނުގެ ޖިހާދުގައި ވީ ހަތަރެއް ނުވަތަ ތިން އަހަރުކަމަށެވެ.

"ކޮންމެ އަކަސް އެއްވެސް ގޮތަކުން ދޮގަކަށްވުން އެކަށީގެން ނުވާކަމަކީ އުތީމު ތިންބެއިން ރާއްޖެ ދޫކުރައްވާފައި އަނބިދަރިން މަލިކުގައި ބައިތިއްބަވައިގެން ކަޅުއޮށްފުންމިއޭ ކިޔުނު މަސްއޮޑިއެއްގައި އޭގެ ތިންބެއިންނާއި ޢަލީ ޙާޖީއާއި ޙަސަން ޙާޖީއާއި ދުވާފަރު ދަންޑެހެލާއި މިބައިމީހުން ރާއްޖެއާއި ހަމަލާދީ ރަށްރަށަށް ސިއްރިޔާތުގައްޔާއި ފައުޅުގައި އަރުއްވައި ކާފަރުން މަރުއްވައި އިސްލާމުންނަށް ދީން ދޫނުކުޅައުމަށް ހިތްވަރުދެއްވައި މިފަދަ ގޮތުން ހަތަރު އަހަރު ނުވަތަ ތިން އަހަރު ވާންދެން ފީސަބީލިﷲ ހަނގުރާމަ ކުރެއްވޫއެވެ."

ބޮޑުތަކުރުފާނުގެ ވާހަކައިގައި ދިވެހިރާއްޖޭގެ ރަށްރަށް ބޮޑުތަކުރުފާނު ފަތަޙަ ކުރެއްވީ ތިންހަތަރު އަހަރުން ކަމަށް ވިދާޅުވެފައި އޮތަސް ހަމަ އެ ފޮތުން ޕޯޗްގީޒުންނާ ދެކޮޅަށް ސީދާ ޖިހާދު ކުރެއްވީ ކިތައް އަހަރުގައިކަން ވަރަށް ސާފުކޮށް އެނގެން އޮވެއެވެ. ޕޯޗްގީޒުންނާ ދެކޮޅަށް ސީދާ ޖިހާދު ފެށްޓެވުމުގެ ކުރިން އެ ޖިހާދަށް ޓަކައި ދުރާލައި ތައްޔާރުވުމުގެ ގޮތުން ވަނީ ކަންތައްތަކެއް ކުރައްވާފައެވެ. އޭގެތެރެއިން އެންމެ އިސްކަމަކީ ކަޅުއޮށްފުންމި ބެންނެވުމެވެ. ކަޅުއޮށްފުންމި ބެންނެވުމާއި ޖިހާދު ފެށްޓެވުމާ ދޭތެރޭގައި ވެސް ދުވަސްކޮޅެއް ހޭދަވީކަން އެނގެއެވެ.

ބޮޑުތަކުރުފާނުގެ ޖިހާދުގެ މުއްދަތު ދެނެގަތުމަށް ތާރީޚީ ވަގުތުރޮނގު ރަނގަޅަށް ދެނެގަންނަން ޖެހެއެވެ. މިގޮތުން ޕޯޗްގީޒުން ދިވެހިރާއްޖެ ހިފި ތާރީޚާއި ޕޯޗްގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ތާރީޚާ ދެމެދުގައިވީ މުއްދަތު ވަރަށް ރަނގަޅަށް ސާފުވާންޖެއެއެވެ. މިގޮތުން ބަލާއިރު މަޝްހޫރު ޝަހީދު ޢަލީ ރަސްގެފާނު ޝަހީދުކުރުމަށްފަހު ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރީ ހިޖުރައިން 01 ޝަޢުބާން 965 (މީލާދީން 19 މޭ 1558) ގައެވެ. އިންޑިއާގެ ގޯވާގައި ތިބި ޕޯޗްގީޒުންގެ ގުރާބުތައް ދިވެހިރާއްޖެއަށް ފޮނުވައިގެން ދިވެހިރާއްޖެ ހިފައި، ދިވެހިރާއްޖޭގައި ވެރިކަންކުރަމުން އައީ ކުރިން ދިވެހިރާއްޖޭގައި ރަސްކަންކުރައްވައި، އިސްލާމްދީން ދޫކުރައްވައި ނަސޯރާދީނަށް ވަންނަވައިގެން ގޯވާގައި ހުންނެވި ނުވަވަނަ ޙަސަން ރަސްގެފާނުގެ ނަންފުޅުގައެވެ. އުތީމު މަހާރަދުން ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވީ 1 ރަބީޢުލްއައްވަލް 981 (މީލާދީން 2 ޖުލައި 1573) ގައެވެ. މީލާދީ ތާރީޚުން ބަލާއިރު ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދަށުގައި އޮތީ 15 އަހަރާއި އެއް މަހާއި 15 ދުވަހުއެވެ. އެއީ 181 މަހާއި 15 ދުވަހެވެ. 789 ހަފުތާއައި އެއް ދުވަހެވެ. ޖުމުލަ 5524 ދުވަހެވެ.

ދެން އަނެއް މުހިންމު ތާރީޚަކީ އުތީމު ޙުސައިން ޚަތީބު ތަކުރުފާނަށް އޮތް ކަތީބުކަން އެ ތަކުރުފާނުގެ ބޭފުޅަކަށް ބަދަލުކުރެއްވުމަށް އެދިވަޑައިގެންނެވުމުން އުތީމު ތިންބެއިންނަށް އެ ބޭފުޅުން އަރާވަޑައިގަންނަވާ މާލޭގެ އުތުރުގެ ކޮންމެ ރަށެއްގެ ކަތީބުކަމުގެ ބާރާއި އިޚުތިޔާރު ޕޯޗްގީޒުން ދިން ތާރީޚެވެ.

ވާހަކައިގައި އޮންނަގޮތުން އުތީމު ތިންބެއިން (ޢަލީ ތަކުރުފާނާއި މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނު) އަށް ކަތީބުކަން ދިންކަމަށް ބުނެ މާލޭން އުތުރުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފޮނުވި އަނިދިރިއަނދިރިންގެ "ވިދާޅުފަތު"ގައި އޮތީ މިފަދައިންނެވެ. "އުތީމު ކަޅު ޢަލީ ކަތީބުގެ ފުތް ޙުސައިން ކަތީބުގެ ތިން ދަރީންކުރެ ކޮންމެ ތަކުރަކު އެރި ކޮންމެ ރަށެއްގައި އެ ތަކުރަރަށް ކަތީބުކަމުގެ އެންމެހައި ހުއްދަތަކާއި ވެރިކަން އޮންނަނީ ކޮށު" މިހެންނެވެ. މި ފަތް އުތީމު ތިންބެއިންނަށް ލިބިވަޑައިގެންނެވީ ހިޖުރައިން 22 ރަބީޢުލްއައްވަލް 971 (މީލާދުން 9 އޮކްޓޫބަރު 1563) އެވެ. ތާރީޚަށް ބަލާއިރު އުތީބު ތިންބެއިންނަށް ޕޯޗްގީޒުން މި ބާރާއި އިޚްތިޔާރު ދީފައި މިވަނީ ޕޯޗުގީޒުން ދިވެހިރާއްޖެ އަޅުވެތިކޮށްގެން ތިބޭތާ ފަސް އަހަރުވީ ފަހުންނެވެ. މި ތާރީޚުން އެނގި ކަށަވަރުވަނީ އޭރު އަދި އުތީމު މަހާރަދުން ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދު ފަށްޓަވާފައި ނުވާކަމެވެ.

ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކޮށްގެން ތިބި ދުވަސްވަރު ޕޯޗްގީޒުންނަށް އެހީތެރިވެ އެބައިމީހުންގެ މަދަދުގާރުންގެ ގޮތުގައި އަދި އެބައި މީހުންނަށް ޚިދުމަތްކުރުމުގެ ވަޒީފާތަކުގައި ދިވެހީން މަސައްކަތްކޮށްފައިވެއެވެ. މީގެތެރެއިން ބައެއް މީހުންނަކީ އެ މަޖުބޫރު ހާލަތުގައި އެހެންގޮތެއް ނެތިގެން ޕޯޗްގީޒުންނާއެކު އުޅެން މަޖުބޫރުވީ މީހުންނެވެ. އަނެއްބަޔަކީ އަމިއްލަ އެދުމުން ފޯވެގެން ދުނިޔެވީ ލައްޒަތަށާއި މަޤާމާއި ޢިއްޒަތަށް ޓަކައި ދިވެހި ޤައުމަށް ޚިޔާނާތްތެރިވި ޚާއިނުންނެވެ. ތުއްފާށަނާ ޙަސަނާއި އޭނާގެ ބައްޕަ މީދޫ ތަކުރު ހިމެނެނީ މިބައިގެ ތެރޭގައެވެ. އަނެއް ބަޔަކީ ޕޯޗްގީޒުންނާ ގުޅުން ބަދަހިކޮށްގެން އެ މީހުންގެ އެންމެ އެތެރޭގެ މަޢުލޫމާތުތަކަށް ދަންދެން ހޯދައި، ޕޯޗްގީޒުންގެ އެހީގައި ވަސީލަތްތައް ފަހިކޮށްގެން ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަނބުރާ ހޯދުމަށް ނިޔަތްގަނެގެން މަސައްކަތްކުރި މި ޤައުމަށް ވަފާތެރި އިޚްލާޞްތެރީންނެވެ. އުތީމު ތިންބެއިން ހިމެނެނީ މި ބައިގެ ތެރޭގައެވެ.

ތުއްފާށަނާ ޙަސަނު ޕޯޗްގީޒުންގެ ވެރިއަކަށް މާލޭގައި ހުރި އަނދިރިއަނދިރިންނާ ބައްދަލުކޮށް ދޭތެރެ ޖައްސައި އުތީމު ތިންބެއިންނާއި ވިޔަޒޯރާ ދެމެދުގައި އޮތް ގުޅުމަކީ އަނދިރިއަނދިރިންގެ ވެރިކަމަށް އޮތް ބިރެއްގެ ގޮތުގައި ދެއްކިއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ތުއްފާށަނާއާއި އޭނާގެ ބައްޕަ މި ވާހަކަތައް އަނދިރިއަނދިރިންނާ ދައްކައިގެން އެންމެ ފަހުން ވަރަށް ނުރައްކާތެރި ފަތެއް އަނދިރިއަނދިރިން ވިޔަޒޯރަށް ލިޔުނެވެ. ވިޔަޒޯރަކީ މާލޭން އުތުރުގައި ޕޯޗްގީޒުންގެ ވެރިއެއްގެ ގޮތުގައި ތިލަދުންމަތީ ބާރަށުގައި ޤާއިމުވެ ހުރެ މުޅި އެ ސަރަޙައްދު ކޮންޓްރޯލްކުރި "އަތޮޅުވެރިޔާ" އެވެ.

އުތީމު ތިންބެއިން ގޮވައިގެން މާލެއައުމަށް ވިޔަޒޯރަށް އަނދިރިއަނދިރިން ފޮނުވި ފަތަކީ އެ ތިންބެއިންގެ ފުރާނަފުޅުގެ ބޭނުމުގައި ފޮނުވި ފަތެއްކަން އެ ބޭފުޅުންނަށް އެނގިވަޑައިގެންނެވިއެވެ. މި ފަތް ވިޔަޒޯރަށް ލިބުނީ ހިޖުރައިން 18 ޝައްވާލު 975 (މީލާދީން 16 އެޕްރީލް 1568) ގައެވެ. ވިޔަޒޯރަށް ފޮނުވި އެ ފަތުގައި އޮތީ "މަނިކުފާނުން ޕޯޗްގީޒު ދައުލަތަށާއި މާތްވެގެންވާ އަންބަރުޒޯރަށް ވަފާތެރިކަމުގައި ހުންނެވިއްޔާ މިފަތް ލިބުމުން އުތީމު ތިންބެއިންނާއި އެބައިމީހުންނަށް މަނިކުފާނުން މިދާދުވަހު ބަންނަވައިދެއްވި ކަޅުއޮށްފުންމިޔޭ ކިޔާ އޮޑީއާއިގެން ލަސްނުވެ މާލެ ވަޑައިގަންނަވާށެވެ." މި ފަތް ހިފައިގެން ދިޔައީ ޕޯޗުގީޒު ސިފައިންގެ 10 މީހުންނާއި ދެ އޮފިސަރުންނެވެ. މި ފަތް ލިބުނުމުން ފިޔަޒޯރު އުތީމަށް ގޮސް، އުތީމު ތިންބެއިންނަށް މި ފަތް ދެއްކިއެވެ. އެ ބޭފުޅުންނަށް މި ހިނގާ ކަންތައްތަކުގެ ޙަޤީޤަތް އެނގިވަޑައިގެން ތިއްބައި ވިޔަޒޯރާ އެކު މާލެ ވަޑައިގަންނަވަން އެއްބަސްވެވަޑައިގަތެވެ.

ޞަލާހުއްދީން ލިޔުއްވާފައިވާ ބޮޑުތަކުރުފާނުގެ ވާހަކައިގައި އޮންނަނީ މި ދަތުރުގައި ފާދިއްޕޮޅުން ނުކުމެ، ކާށިދޫ ކަނޑު ދުއްވާފައިވަނިކޮށް ވިޔަޒޯރާއި ޕޯޗްގީޒުންގެ ސިފައިންނާ ދެމެދުގައި ހޫނު ޒުވާބެއް ކުރަން ފެށި ކަމަށެވެ. ޕޯޗްގީޒު ދެ އޮފިސަރުން ވިޔަޒޯރާ ކުރި ޒުވާބުގައި ބުނީ ފުރައުކަސްވަޑުނަ ތުއްފާށަނާގެ ފަރާތުން އެ މީހުންނަށް އެނގިފައިވާގޮތުގައި އަނދިރިއަނދިރިން އަންގާފައި ވަނީ އުތީމު ތިންބެއިންގެ ބޯ މާލެ ގެންދާށެވެ. މި ތިންބެއިން ދިރިދުނިޔޭގައި ބައިތިއްބައިގެން މާލެއެއް ނުގެންދެވޭނެއެވެ. މި ވާހަކަތަކާ ދެކޮޅު ހައްދަވާނަމަ މަނިކުފާނުގެ ބޮލާއި މަސްގަނޑު ވަކިކުރާން ވެސް އަހަރެމެންނަށް އަމުރު އެބައޮތެވެ. މިހެން ކިޔާ ކުރި ޒުވާބުގައި ޕޯޗުގީޒުންގެ ސިފައިންގެ މީހަކު ވިޔަޒޯރުގެ މެޔަށް ޚަންޖަރު ޖަހައިމަރާލީ ކަމަށެވެ. ބުރާރަ މުޙައްމަދުފުޅު ކިޔުއްވާފައިވާ ގޮތަށް އަލްޙާއްޖަ އިބްރާހީމް ބުނު އިސްމާޢީލް (ފީބޯ) ލިޔުއްވާފައިވާ ބޮޑުތަކުރުފާނުގެ ވާހަކައިގައި އޮންނަނީ ވިޔަޒޯރު މެރުއްވީ ބޮޑުތަކުރުފާނުކަމަށެވެ.

ވިޔަޒޯރު މަރާލުމަށްފަހު އުތީމު ތިންބެއިންނާއި ދަންޑެހެލާ ވެގެން ކަޅުއޮށްފުންމީގައި ތިބި ހުރިހާ ފަރަންޖީން މަރައި، އޮޑި ސާފުކޮށް އަނބުރާ ވަޑައިގަތީ އުތީމަށެވެ. އުތީމަށް ފައިބާވަޑައިގެން އުތީމު ތިންބެއިންނާއި ދަންޑެހެލާ ހަތަރު ބޭފުޅުން އުތީމު ކަނދުވަލު މިސްކިތަށް ވަޑައިގެން ޢިޝާ ނަމާދު އަދާއަށް ކުރެއްވިއެވެ. އަދި އިސްތިޚާރަތުގެ ދެ ރަކުޢަތާއި ވިތުރީގެ ތިން ރަކުޢަތް ކުރެއްވުމަށްފަހު މިސްކިތުގެ ދޮރުމައްޗަށް ނުކުންނެވިއެވެ. އެއަށްފަހު ޕޯޗްގީޒުންގެ އަނިޔާވެރިކަމުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ނިޔަތްގަނެ، އެ ޖިހާދުގެ ވެރިއެއްކަމުގައި މުޙައްމަދު ތަކުރުފާނު ގަބޫލުކުރައްވަން ޢަލީ ތަކުރުފާނު ހުށަހެޅުއްވިއެވެ. އެކަން މުޙައްމަދު ތަކުރުފާނު ގަބޫލުކުރެއްވުމުން ހުރިހާ ބޭފުޅުން މުޙައްމަދު ތަކުރުފާނަށް ބައިޢަތު ހިއްޕެވިއެވެ. އެ ހިނދު އުތީމު ތިންބެއިންގެ ތެރެއިން ދޮށްޓަށް ހުންނެވި ޢަލީ ތަކުރުފާނު ދެ އަތް މައްޗަށް ނަންގަވައި އިސްވެ ދުޢާފުޅެއް ހަރުއަޑުން ވިދާޅުވިއެވެ. އެ ދުޢާފުޅުގައި އެހެން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ޕޯޗްގީޒުންނާ ދެކޮޅަށް އުތީމު ތިންބެއިން ފެށްޓެވި ޖިހާދުގެ ސީދާ ހަރަކާތް ފެށުނީ މިހިސާބުންނެވެ.

ތާރީޚީގޮތުން ބަލާއިރު ޕޯޗްގީޒުންނާ ދެކޮޅަށް ބޮޑުތަކުރުފާނު ޖިހާދު ފަށްޓަވާފައި މިވަނީ ހިޖުރައިން ހިޖުރައިން 975 ވަނަ އަހަރު (މީލާދީން 1568 ވަނަ އަހަރު) އެވެ. ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވީ 1 ރަބީޢުލްއައްވަލް 981 (މީލާދީން 2 ޖުލައި 1573) ގައެވެ. އެހެންކަމުން ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދަކީ ހިޖުރައިން 975 އިން 981 އަށް ކުރިއަށް ގެންދެވި ޖިހާދެކެވެ. މީލާދީގޮތުން ބަލާއިރު އެއީ 1568 އިން 1573 އަށް ކުރިއަށް ގެންދެވި ޖިހާދެކެވެ. މިއީ އުތީމު ތިންބެއިންނާއެކު މާލެ ދިއުމަށް ވިޔަޒޯރަށް އަނދިރިއަނދިރިންގެ ނުރައްކާތެރި ފަތްކޮޅު ފޮނުވި އަހަރެވެ. މިގޮތުން ބަލާއިރު ބޮޑުތަކުރުފާނުގެ ޖިހާދުގެ މުއްދަތަކީ ގާތްގަނޑަކަށް ފަސް އަހަރެވެ.

އަނދިރިއަނދިރިންގެ ފަތްކޮޅުގެ ތާރީޚުން ބަލާއިރު އެ ފަތްކޮޅުގެ ތާރީޚާއި ބޮޑުތަކުރުފާނު މާލެ ފަތަޙަކުރެއްވި ތާރީޚާ ދެމެދުގައި މީލާދީ ސަނަތުން ވަނީ ފަސް އަހަރާއި ދެ މަހާއި 17 ދުވަހެވެ. އެއީ 62 މަހާއި 17 ދުވަހެވެ. ނުވަތަ 272 ހަފުތާއެވެ. ޖުމުލަ 1904 ދުވަހެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *