ކުދިން ބޮޑުވުމުގައި އެހެން ކުދިންގެ ދައުރު
ކުޑަކުއްޖަކު ބޮޑުވަމުން އަންނައިރު، އޭނާގެ ދިރިއުޅުމުގައި އުނގެނެންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހުރެއެވެ. މުޖުތަމައުގައި އޭނާގެ ދައުރު ދެނެގަތުމާއި، އަމިއްލަ ސަގާފަތް އަދި ވެށި ދެނެގަތުމަކީ މި ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކެވެ. މި ދަސްވުމުގެ މަރުހަލާގައި، އެހެން ކުދިންގެ ދައުރު ވަރަށް މުހިންމެވެ.
ކުޑަކުދިން ބޮޑުވަމުން އަންނައިރު، އެކި އުމުރުފުރައިގެ އަވައްޓެރިންނާއި ރަޙްމަތްތެރިންނާއި އަދި ގާތްތިމާގެ ކުދިންނާއެކު ހޭދަކުރާ ވަގުތުތަކަކީ އިޖުތިމާއީ އަދި ވެށި ދަސްކުރަން ލިބޭ ވަރަށް މުހިންމު ފުރުސަތުތަކެކެވެ. މި ތަޖުރިބާތަކުން ކުދިންނަށް ގިނަގުނަ ކަންތައްތައް އުނގެނި، ގާބިލު ބަޔަކަށް ވުމަށް މަގުފަހިވެއެވެ. މި ކަމުގައި އެންމެ މުހިންމު ކަމަކީ، ބޮޑެތި މީހުންގެ ނުފޫޒުން އެއްކިބާވެ، ކުދިން އަމިއްލައަށް އެކަކު އަނެކަކާ މުއާމަލާތްކޮށް، ވަގުތު ހޭދަކުރުމުގެ ތެރެއިން ގިނަ ކަންތައްތަކެއް ދަސްވުމެވެ.
ދިރާސާތަކުން ދައްކާގޮތުގައި، ގެއިންބޭރުގައި މައިންބަފައިންނާ ނުލާ ކުޑަކުދިން އެހެން ކުޑަކުދިންނާއެކު ހޭދަކުރާ ވަގުތުތަކަކީ އެ ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަގުތުތަކެކެވެ. މިފަދަ ތަޖުރިބާތަކުން ކުދިންގެ މިނިވަންކަމުގެ ފިޔަވަޅުތައް ނަގައި، ހިޔާލުތައް ތަނަވަސްވެ، ސަމާލުކަން އިތުރުވެ، އަމިއްލަ ނަފުސަށް އިތުބާރު އުފެދި، އަދި އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމުގެ ގާބިލުކަން އިތުރުވެއެވެ.
މިފަދަ ހާލަތްތަކުގައި، އުމުރުން ދޮށީ ކުދިން، ހަގު ކުދިންނަށް މަގުދެއްކުމުގެ ފުރުސަތު ލިބި، އިޖުތިމާއީ އުނގެނުމާއި ގާބިލުކަން އިތުރުކުރުމަށް މަގުފަހިވެއެވެ. މީގެ ސަބަބުން، ހަގު ކުދިންނަށް ދޮށީ ކުދިންގެ ޢަމަލުތައް ބަލައި، އައު ކަންތައްތައް ދަސްކުރެއެވެ. މިފަދަ ހާލަތްތަކުގައި ތިމާގެ ޒިންމާ ނަގާނޭ ބޮޑުމީހެއް ނެތްކަން އެނގޭތީވެ، ކުދިންނަށް އަމިއްލަ ޒިންމާ ނެގުމުގެ މުހިންމުކަން ވިސްނި، ނަފުސުގެ މައްޗަށް ހުށިޔާރުވެވެއެވެ. ހަމަ އެއާއެކު، ކައިރީގައި ތިބޭ ދޮށީ ކުދިންގެ ފަރާތުން ރައްކާތެރިކަން ހޯދުމުގެ މުހިންމުކަންވެސް ވިސްނި އެމީހުންގެ ރުހުން ލިބޭގޮތަށް އަމަލުތައް ބަހައްޓަން ވިސްނައެވެ. އުމުރުން ދޮށީ ކުދިންނަށް ހަގު ކުދިން ބެލެހެއްޓުމުގެ ޒިންމާ ނެގުމުގެ ފުރުސަތު ލިބި، އެހެން މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ދަސްވެއެވެ.
ތިރީގައި އެވަނީ ގާތްގަނޑަކަށް މީގެ 56 އަހަރު ކުރިން އަންހެނަކަށް ކުރެވުނު ތަޖުރިބާއެކެވެ.
"އަހަރެން ހަނދާން ހުރޭ ކުޑައިރު ކުޑަމާލެއަށް ދިޔަ ދުވަސްތައް. އެއީ މިހާރު މާލޭގެ، ވިލިނގިލި ފެރީ ޓާމިނަލް ހުންނަ ސަރަހައްދު. އެތަނަކީ ފުދޭ ވަރަކަށް ތިލަ ސަރަހައްދަކަށް ވުމުން، މޫދުގައި ހިނގާލައިފައި ދެވޭނެ. އަހަރެން އެތަނަށް ގޮސް އުޅުނީ ގޭކައިރީގައި އުޅޭ ރައްޓެހި ކުއްޖަކާ އެކުގައި. އަހަރެމެން ދަނީ އެތާ ކައިރީގައިވާ ތޮށިގަނޑުން ގޮޅާ ހޮވުމަށް، ގެއިން ތެލި ވެސް ހިފައިގެން.
"އެހެން އުޅޭއިރު، ބައެއް ފަހަރު އަހަރެމެންނަށް ބޮޑެތި މަސްވެސް ހިފޭނެ. އެކަމަކު، އެ މަސްތައް އަލިފާނަށް ލައިގެން ފިހުމުގެ ޤާބިލުކަން އަހަރެމެންގެ ކިބައިގައި ނުހުރޭ. އަހަރެމެން ނަގާ ގޮޅާތައް އެތާނގެ ބިންމަތީގައި ކޮނެފައި ޖަހާ އަލިފާނުގެ އެތެރެއަށް ލައިގެން ފިހެލައިގެން ކާން ވަރަށް މީރު.
"އޭރު އަހަރެމެންނަށް އަޑުއިވިފައި އޮންނަނީ އެތަނުގައި ޖިންނި އުޅޭ ވާހަކަ. އެތަނުގައި ފުރެންދެން އޮންނަނީ ހުސް މިރިހިގަސް. އެއީ ވަރަށް ނާމާން ގަހެކޯ. އަހަރެމެން އެތަނުގައި އުޅެނިކޮށް މެންދުރު ހާ ގޮވާ އަޑު އިވިއްޖެނަމަ، އެއްވެސް ޝައްކެއްނެތް- އެއީ ޖިންނި އުޅޭކަމުގެ ނިޝާނެއް. އެހިސާބުން އަހަރެމެން އަވަސް އަވަހަށް އެތަނުން އަރައިގެން ގެއަށް އަންނަނީ.
"މިހާރު ވިސްނާލާއިރުގާ އަހަރެންނަށް ހީވަނީ އެއީ އަސްލު އެތަނަށް ދާ އަހަރެމެންނަށް ވުރެ ބޮޑެތި ކުދިން، އަހަރެމެން ބިރުގަންނުވުމަށް ދައްކާ ވާހަކައެއްހެން. އެ ކުދިން އެތާނގައި ތިބޭނެ އަހަރެމެން ގެއަށް އަންނައިރުގައިވެސް" (ހ.ވ. އަންހެން 1964)"
މާޒީގެ މި ހަނދާނުން ދޭހަވާ ކަންތައްތަކުގެ ތެރޭގައި، އޭރުގެ މުޖުތަމަޢުގައި ކުޑަކުދިންނަށް ލިބިފައިވާ މިނިވަންކަމާއި، އެ ދުވަސްވަރު މާޙައުލުގެ ރައްކާތެރިކަން ފާހަގަކުރެވެއެވެ. މިފަދަ ގުދުރަތީ މާޙައުލުތަކުގެ ސަބަބުން ކުޑަކުދިންނަށް ދުނިޔެ ދެނެގަތުމުގެ ފުރުސަތު ލިބިފައިވާކަން ވެސް އެނގެއެވެ.
އުމުރުން ދޮށީ ކުދިން، ޅަކުދިންނަށް ބިރުދެއްކުމާއި ހުށިޔާރުކުރުވުމަށް މަސައްކަތްކުރާކަން މި ހަނދާނުން ހާމަވެއެވެ. ގިނަ ފަހަރު މިކަހަލަ ކަންތައް އެކުދިން ކުރަނީ، ކުޑަކުދިންގެ ކިބައިން މިންޖުވެ، އެމީހުންގެ އުމުރުފުރައިގެ ކުދިންނާއެކު މުނިފޫހިފިލުވުމަށް ފުރުސަތު ހޯދުމަށެވެ. ނަމަވެސް، މި ހާލަތްތަކުގައި ބިރުދެއްކުމަށް ކިޔައިދޭ ވާހަކަތަކަކީ މުޖުތަމަޢުގައި ޢާންމުކޮށް ގަބޫލުކުރެވޭ ކަންތައް ކަމުގައި ވެއެވެ.
ތިރީގައި އެވަނީ މީގެ ގާތްގަނޑަކަށް 33 އަހަރު ކުރީގައި އަންހެން ކުއްޖަކަށް ކުރެވުނު ތަޖުރިބާއެކެވެ.
"ސްކޫލުގެ ޗުއްޓީތަކުގައި އަހަރުމެން އާންމުކޮށް ދަނީ އަހަރުމެންގެ އުފަން ރަށް، އައްޑޫއަށް. މާލޭގައި ދިރިއުޅޭއިރު މަންމަމެން ވަރަށް ތަންތަނަށް ނުފޮނުވާ ގެންގުޅުނަސް، އައްޑޫގައި އަހަރުމެން ބޭނުން ތަނަކަށް އެކަނި ދާން މިނިވަންކަން ލިބޭ. އައްޑޫގައި ހޭދަކުރާ ގިނަ ވަގުތުތައް އަހަރެން ހޭދަކުރަނީ ދެބެންގެދެދަރި ކުދިންނާ އެކު މޫދުގައި. އެއް ދުވަހަކު މޫދުގައި އުޅެނިކޮށް، އަހަރެންނަށް ކަޅު ވެނެއް ފެނުނު. އޭތި ފެނުނީމާ ވަރަށް އުފާވި އަދި ވަރަށް ބިރުވެސް ގަތް. އަހަރެންނާ އެކުގައި ހުރި ދެބެންގެދެދަރި ބޭބެ ބުނެފި އެއީ ހިޔަނިބޯވެނެކޭ. އޭތި އަހަރެންގެ ހިޔަނި ބޯލާނޭ، ދެން އެހިސާބުން ދުވަސްކޮޅެއްގެ ތެރޭގައި އަހަރެން މަރުވާނޭ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން އަހަރެން އުޅުނީ މަރުވެދާނެކަމުގެ ބިރުވެރިކަމުގެ ތެރޭގައި." (އ.ސ. އަންހެން 1986)
ކުޑަކުދިންގެ މެދުގައި ހިއްސާކުރެވޭ މަޢުލޫމާތުތަކުގެ ސަބަބުން، އެ ކުދިންގެ ހިތްތަކުގައި މިފަދަ ބިރުވެރި ކަންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އެބިރުވެރިކަން ތަހައްމަލުކުރުމުގެ ފުރުސަތު ވެސް އެކުދިންނަށް ލިބިގެންދެއެވެ. ކުޑަކުދިންގެ ނަފްސާނީ ކަންކަން ދިރާސާކުރާ މާހިރުން ގަބޫލުކުރާ ގޮތުގައި، މާޙައުލުތަކުން ދިމާވެދާނެ ބިރުވެރިކަމާއެކުވެސް އެފަދަ މާޙައުލުތައް ދެނެގަތުމުގެ ފުރުސަތު ލިބުމަކީ، ކުދިންގެ ކިބައިގައި ބިރުވެރި ޙާލަތްތަކާ ކުރިމަތިލުމުގެ ހިތްވަރު އަށަގަންނުވާ ކަމެކެވެ.
މިފަދަ ވާހަކަތަކުގެ ތެރެއިން
މިފަދަ ވާހަކަތަކުގެ ސަބަބުން ކުދިންނަށް އެ މާހައުލާ ބެހޭ މަޢުލޫމާތު ލިބި، އެ ވެއްޓާ ބެހޭ މައުލޫމާތުގެ ހަޒާނާއެއް އެކުދިންގެ ހިތުގައި އުފެދިގެންދެއެވެ. މަތީގައިވާ ހަނދާންތަކުން އެނގޭ ފަދައިން ކުދިންނަށް އެ މުޖުތަމައެއް ގަބޫލުކުރާ ރޫޙާނީ ކަންކަމާއި، އެ މުޖުތަމައުގާ ގަބޫލުކުރެވޭ ޢާންމު ވިސްނުންތަކާއި، އަދި އެ މާހައުލާ ގުޅޭ ސިއްރުތައް އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހިއްސާކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ. އަދި މި މައުލޫމާތު އެހެން މީހުންނާއި ކުދިންނާ ހިއްސާކުރުމުގެ ޝައުގުވެރިކަންވެސް އުފެދިގެންދެއެވެ. އެކުދިން ވެގެން ދަނީ މާހައުލުގެ ކަންކަމަށް ލޯހުޅުވިފައިވާ މައުލޫމާތު މުއްސަނދި ކުދިންނަށެވެ. އަދި އެކުދިންގެ ވިސްނުމާ ފިކުރު ފުޅާވެ އުފެއްދުންތެރިކަން އިތުރުވެގެން ދެއެވެ.
މިއަދުގެ ދުނިޔޭގައި ކުޑަކުދިންގެ ރައްކާތެރިކަމަށް އިސްކަންދެއެވެ. ޒަމާން ބަދަލުވެ މީހުންގެ ހިތުގައި އެހެން މީހުންނާއި ކުދިންނާ ދޭތެރޭގައި ކުރީގައި އޮންނަ އިތުބާރުވަނީ ކުޑަވެފައެވެ. ހާއްސަކޮށް މާލޭގެ ހަލަބޮލި މާހައުލުގައި އެކަނި ކުއްޖަކު އެހެން ކުދިންނާ އެކުގައި ކުޅެން ދޫކޮށްލުމަށް އެއްވެސް މަޔަކާއި ބަފަޔަކު ހިތްހަމައެއް ނުޖެހޭނެއެވެ. ކަންމިހެން ހުރިކަމުގައި ވިޔަސް، ކުދިންނަކީ ޤާބިލު ބަޔަކަށް ހެދުމަށްޓަކައި އެކުދިންނަށް އެކަށީގެންވާ މިންވަރަކަށް މިނިވަންކަން ދިނުމަކީވެސް މުހިންމު ކަމެކެވެ. މިގޮތުން، ކުދިންނަށް އެކުދިންގެ ޢުމުރުފުރައިގެ އެހެން ކުދިންނާއެކު ރައްކާތެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ދިނުމަކީ އެކުދިންގެ ނަފްސާނީ އަދި އިޖްތިމާއީ ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ.
މިފަދަ ފުރުސަތުތަކުގެ ސަބަބުން ކުދިންނަށް އެކުދިންގެ މުޖުތަމަޢާއި ސަގާފަތް ދެނެގަނެ، ދުނިޔޭގައި ތިމާގެ އަމިއްލަ ދައުރު ދެނެގަނެ، އެ ދައުރު އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްވެ، ދިރިއުޅުމުގެ ތަފާތު ދާއިރާތަކުގައި ބަޔަކަށް ވުމަށް މަގުފަހިވެގެން ދެއެވެ.
