ބ. ގޮއިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއްވެސް ފުރިހަމައަށް ފުއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. އެ މަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
ގޮއިދޫ ސްކޫލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށާ ގުޅުން ހުރި ރިޔާސީ ވަޢުދުތަކުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެ ގޮތުން، ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މި މަހު ޓެންޑަރކުރައްވައި، މި އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފައްޓަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިންޖީނުގޭގެ މައްސަލަތައް ޙައްލުކޮށް އިތުރަށް ފުރިހަމަކުރުމުގެ ވަށާޖެހޭ މަޝްރޫޢެއްވެސް، މި އަހަރު ފައްޓަވާނޭކަމުގެ ޔަޤީންކަން ވެސް މިއަދު އެ މަނިކުފާނު ދެއްވިއެވެ.
ސްކޫލްގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ދާދިއަވަހަށް ނިންމަވައިދެއްވާނޭ ކަމަށާއި، ދެވަނަ ފިޔަވައްސެއްގެ ގޮތުން މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ކުރިއަށް ގެންގޮސްދެއްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގިނަ ވަޞީލަތްތައް ހިމެނޭ ފުރިހަމަ ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި، ގޮއިދޫގައި ފުލް ސްކޯޕް ފުޓުބޯޅަ ދަނޑެއްގެ ޢަމަލީ މަސައްކަތް ފައްޓަވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް މި އަހަރު ތެރޭ ފައްޓަވާނޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް އިޝާރާތްކުރައްވަމުން، މި އަހަރުތެރޭ އިކޯ ޓޫރިޒަމްގެ މަސައްކަތް ފައްޓަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގޮއިދޫ ފަޅުގައި ރިޒޯޓެއް ތަރައްޤީ ކުރުމުގެ ބިޑް އެވޯޑުކުރައްވާފައިވާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރައްވާނޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ، ގޮއިދޫން ގޯތި ދޫކުރުމަށް ސަރުކާރުން ދޭންޖެހޭ ހުއްދަތައް ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ. އަދި އެ ރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތްވެސް މިއަދު ވަނީ ރަސްމީކޮށް ފައްޓަވައިފައެވެ.



advertisment