މި ސަރުކާރުގެ ސިޔާސަތަކީ ކިތަންމެ ކުޑަ ރަށެއްގައިވެސް އާބާދީއަށް އެކަށޭނަ މިންވަރުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރާއްޖޭގެ އެންމެ މީސް މަދު އެއް ރަށް ކަމަށްވާ، ފެހެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމޫހޫރިއްޔާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތަކަކީ، އިޚުލާޞްތެރިކަމާއެކު، އެ ވަޢުދުތައް ފުއްދަވައިދެއްވުމަށް ޢަޒުމު ކަނޑައަޅުއްވައިގެން ވެ ވަޑައިގެންނެވި ވަޢުދުތަކެއް ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތްތައް ކަށަވަރުކޮށްދެއްވުމުގައި، ރަށެއްގެ ކުޑަބޮޑުމިނުގެ ސަބަބުން އިސްތިސްނާ ކުރެއްވުމެއް ނެތި، ކޮންމެ ރަށެއްގައިވެސް އާބާދީގެ ނިސްބަތުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވުމަކީ އެ މަނިކުފާނުގެ ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ފެހެންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މައްސަލަކަން ފާހަގަކުރައްވައި، ހުއްޓިފައިވާ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުތައް ބާރު ދުވެލީގައި ނިންމަވައިދެއްވާނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. އަދި ފެހެންދޫ ސްކޫލްގައި، މެދު މަދަރުސީ އަދި އެއަށްވުރެ މަތީ ގްރޭޑްތަކަށް ކިޔަވައިދޭނޭ ޓީޗަރުން ހޯދުމަށް ޚާއްޞަ އަހުމިއްޔަތުކަމެއް ދެއްވާނޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ފެހެންދޫގައި ޤާއިމުވެ ތިބޭނޭ ޓީޗަރުން ނުލިބިއްޖެނަމަ، އަލުން ޓީޗަރުން ތަމްރީންކުރައްވައިގެންވެސް މައްސަލަ ޙައްލުކޮށްދެއްވުމަށް ތައްޔާރަށް ހުންނެވިކަން ވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.
ސިއްޙަތާއި ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކެއްވެސް މި އަހަރާއި އަންނަ އަހަރަށް އެކަށައަޅުއްވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަނާއި ވަޞީލަތްތައް ފުރިހަމަ ކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނޭ ކަމަށާއި، ފުލް ސައިޒް ފުޓުބޯޅަ ދަނޑެއް ހެދުމާއި، ފުޓްސަލް ދަނޑުގެ ޕިޗު އާކުރުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމާއި، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް މި އަހަރު ފައްޓަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަކީ ޚަރަދު ބޮޑު މަސައްކަތަކަށް ވުމާއެކު، ޖެޓީގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ އަށް ޙައްލު ހޯއްދެވުން ކުރިއަށްގެންދަވާނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް އެ ރަށުގައި ރަސްމީގޮތުން ފައްޓަވައިދެއްވައިފައެވެ. އަދި ފެހެންދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް މިއަދު ވަނީ ފައްޓަވައިފައެވެ.



advertisment