ބީ.އެމް.އެލް ސްޓާޓަޕް ގްރާންޓުން ތިން ވިޔަފާރިއަކަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ހިލޭ ދޭ ގޮތަށް ނިންމައި، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.
ގައުމީ ބޭންކުން ބުނީ، އެހެން އަހަރުތަކުގައި ސްޓާޓަޕް ގްރާންޓް މެދުވެރިކޮށް އެހީ ދެމުން އައިސްފައިވަނީ ދެ ވިޔަފާރިއަކަށް ކަމަށް ވީ ނަމަވެސް ތިނަކަށް ބަދަލުކުރީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަމަށެވެ.
"ސްޓާޓަޕް ގްރާންޓް ހާސިލުކުރާ ކޮންމެ ފަރާތަކަށް 500،000ރ.ގެ ހިލޭ އެހީގެ އިތުރުން، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ބޭނުންވާ ލަފާ ބޭންކުން ފޯރުކޮށްދޭނެއެވެ. އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެއެވެ." ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ "ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއް" ކަމަށެވެ.
"މި ގްރާންޓުން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދައި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެ،" ޝަރީފް ވިދާޅުވިއެވެ.
ސްޓާޓަޕް ގްރާންޓަށް އެދި އަންނަ ސެޕްޓެންބަރު މަހި ހަތް ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން startupgrant@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ.
ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ 2022 ވަނަ އަހަރުގައެވެ.
މި ގްރާންޓަށް އެދި ހުށަހެޅުމާ ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު www.bankofmaldives.com.mv/startup-grant އިން ލިބޭނެއެވެ.



advertisment


One Response
މީ އެހެން ބޭންކުތަކުންވެސް ކުރަން ހަމަ ވަރަށް ރަގަޅު ކަމެއް! ކީއްވެގެން ކަމެއް ނޭނގެ އެހެން ބޭންކު ތަކުން މި ޒާތުގެ ކަންކަން ނުކުރަނީކީ!